މަސްއޫދަށް ދިން ހަމަލާ: ދައުވާ ސާބިތުނުވާ ކަމަށް ނިންމި ގާޒީގެ މައްސަލަ ޖޭއެސްސީއަށް

ދިއެފްއެމްގެ ސީއީއޯ މަސްއޫދު ހިލްމީ

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީއަށް ހަމަލާދީ، އިންޒާރުދިން މައްސަލައިގައި ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފު ހުކުމް ކުރެއްވި ގޮތާ ދެކޮޅަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަސްއޫދަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ދައުވާކުރީ ލ. ފޮނަދޫ, ދިލްކުސާގެ, އަޙްމަދު ޝަމީމްގެ މައްޗަށެވެ. އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައިވެއެވެ.

އެ ވީޑިއޯއިން ފެންނަނީ މަސްއޫދާއި އޭނާގެ އަންހެނުން ސައިކަލެއްގައި ދަނިކޮށް އެހެން ސައިކަލެއް އެމީހުންނާ އަރާހަމަކޮށް، އެ ސައިކަލުގައި އިން މީހަކު މަސްއޫދަށް ހަމަލާ ދިނުމަށް ފަހު އެތަނުން ފިލާ މަންޒަރެވެ. އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:13 ހާއިރު ލ. ފޮނަދޫގައެވެ.

އެ މައްސަލައިގައި އެ ރޭ ޝަމީމް ހައްޔަރުކުރުމަށް ފަހު، ހުކުމް ކުރީ މިދިޔަ މަހުއެވެ. އެ ހުކުމުގައި ވަނީ މަސްއޫދަށް ހަމަލާ ދިން ކަމަށް ޝަމީމްގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

އޭގެ ސަބަބުން، މަސްއޫދުގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާގައި ވަނީ އޭނާއަށް ހަމަލާ ދިން މައްސަލައިގެ ހުކުމް ކުރެއްވުމުގައި އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ވަކި ފަރާތަކަށް ބުރަވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހުކުމް ކުރެއްވުމުގައި ގާޒީ ވަނީ، ޝަރީއަތުގައި ކުރިން ނިންމާފައިވާ ނިންމުމާ ޚިލާފުވެފައިވާ ކަމަށް ވެސް ޝަކުވާގައިވެއެވެ.

އެ ޝަކުވާތަކާ ބެހޭ ތަފްސީލުގައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހެޅުނު ހުށަހެޅުންތަކުގެ ތެރެއިން، ދައުވާ ސާބިތުކުރުމަށް މަސްއޫދާއި އޭނާގެ އަންހެނުން ފާތިމަތު އާޝިޔާ ދިން ހެކިބަސް ބަލައިގަތުމަށް ޝަރީއަތުން ކުރިން ނިންމިކަން ފާހަގަކޮށްފައެވެ. ނަމަވެސް އެ މައްސަލައިގެ ހުކުމްކުރެއްވި އިރު ގާޒީ ނިންމެވީ މަސްއޫދާއި އާޝިޔާގެ ހެކިބަސް ބަލައިނުގަތުމަށް ކަމަށް ޝަކުވާގައިވެއެވެ.

ގާޒީ ޢަލީ ޝަރީފުގެ ހުކުމުގައި މަސްއޫދާއި އާޝިޔާގެ ހެކިބަސް ބަލައިނުގަތުމަށް ނިންމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ މަސްހަލަތަށް ފުށޫއަރާތީ ކަމަށެވެ.

މަސްއޫދުގެ ފަރާތުގެ ޖޭއެސްސީއަށް ހުށަހެޅި ޝަކުވާގައި ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާއި މެދު ގޮތް ނިންމެވިއިރުވެސް އެ ހާލަތްތަކަށް ރިއާޔަތްކޮށްފައިވާ ކަމަށާއި ކުރިން ނިންމީ އެ ދެ މީހުންގެ ހެކިބަސް ބަލައިގަންނަން ކަމަށެވެ.

ހަމައެއާއެކު، އެއް މަރުހަލާއެއްގައި ނިންމާ ނިންމުންތަކާ ތައާރުޟުވާ ގޮތަކަށް މައްސަލަ ނިންމުމުގެ ބާރު އެ މަރުހަލާއެއްގެ ކޯޓުތަކަށް ލިބިގެންނުވާކަން ފާހަގަކޮށް އެ ޝަކުވާގައި ވަނީ އެ މައްސަލަ ނިންމަވާފައިވަނީ ވަކި ފަރާތެއްގެ މަސްލަހަތަށް ބުރަވެ، އަދުލު އިންސާފުގެ ހަމަތަކާ ޚިލާފަށް ކަމަށް ތުހުމަތުކޮށްފައެވެ.

ޝަމީމްގެ މައްޗަށް ކުރީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ގާޒީ ޢަލީ ޝަރީފް މިދިޔަ މަހުގެ 21ގައި ކުރެއްވި ހުކުމުގައި ވަނީ، މަސްއޫދަށް ލިބިފައިވާ އަނިޔާއާ ބެހޭ ގޮތުން ދައުވާގައި ފާހަގަކޮށްފައިވާ ގޮތާއި ލިބިފައިވާ އަނިޔާއާ ބެހޭ ގޮތުން ހެކިންގެ ހެކި ބަހުގައި ބުނާ ގޮތާއި އެކަން ސާބިތުކުރުމަށް ހުށާހަޅާފައިވާ ލިޔުންތަކުގައި ހުރި ގޮތުގައި ތަފާތުތަކެއް ހުރި ކަމަށެވެ.

އެގޮތުން ލ. ފޮނަދޫ ހެލްތު ސެންޓަރުގެ މެޑިކޯ ލީގަލް ރިޕޯޓުގައާއި ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓުގައި މަސްއޫދަަށް އަނިޔާވީ ކަނާއަތަށް ކަމަށް ބުނެފައި އޮތް ނަމަވެސް އޭނާއަށް ފަރުވާދިން ޑޮކްޓަރު ޝަރީއަތަށް ދިން ހެކިބަހުގައި އޭނާއަށް އަނިޔާވީ ވާއަތަށް ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ.

މީގެ އިތުރުން، އެ ހާދިސާގެ ވީޑިއޯއަކީ، ޖިނާއީ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދާ ހިލާފަށް ހޯދާފައިވާ ހެކިކަން ޝަރީއަތަށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން ވީޑިއޯ ފޮރެންސިކް ރިޕޯޓާއި ވީޑިއޯގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓް ހެކިބަހުގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ވެސް ހުކުމުގައިވެއެވެ. އަަދި މަސްއޫދަށް ހަމަލާ ދޭން ބޭނުންކުރި ދަގަނޑުބުރި ފުލުހުންގެ ތަހުގީގަށް ހޯދާފައިވާކަމެއް ދައުލަތުން ޝަރީއަތުގައި ބުނެދީފައިނުވާކަން ވެސް ގާޒީ ފާހަގަކުރެއްވިއެވެ.

އެ މައްސަލާގައި ޝަމީމްގެ ދިފާއުގައި ހެކިބަސް ދިން ހަތަރު މީހަކު ވަނީ އެ ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ފޮނަދޫގެ ގެއެއްގައި ކަމަށް ބުނެފައެވެ.

އެހެންކަމުން ގާޒީ ނިންމެވީ އެ މައްސަލާގައި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުނުވާކަމަށެވެ.

comment ކޮމެންޓް