ރައީސްގެ ދެކަނބަލުން 'މަޖީދީ ރަން' އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، 'މަޖީދީ ރަން' އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، 'މަޖީދީ ރަން' އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

'މަޖީދީ ރަން' އިފްތިތާހު ކުރުން އޮތީ މިރޭ މުލީއާގޭ ކުރިމަތީގައެވެ.

މި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް 'މަޖީދީ ރަން'ގެ ޓޯޗް އަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ ޓޯޗު ސްޓިއަރިން ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާޢީލާ ހަވާލު ކޮށްދެއްވާފައެވެ.

އޭގެ ފަހުން، މަޖީދިއްޔާ ސްކޫލުގެ ފަރާތުން ވަނީ ރައީސްގެ ދެކަނބަލުންނަށް، އެ ދުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާފައެވެ. އަދި 'މަޖީދީ ރަން'އާ ގޫޅޭ ޚާއްޞަ ޓީޝާޓެއް ވެދުން ކުރައްވާފައެވެ.

‎މަޖީދީ ރަން ހަރަކާތަކީ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި 100 އަހަރު ފުރޭ ކައުންޓްޑައުން ފެށުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

comment ކޮމެންޓް