މަރާލި ނޫސްވެރިޔާގެ ސަންދޯއް އުފުލި މީހުންނަށް ވެސް އިސްރާއީލް ފުލުހުން ހަމަލާދީފި

ޝީރީންގެ ސަންދޯއް އުފުލި މީހުންނަށް އިސްރާއީލް ފުލުހުން ވަނީ ހަމަލާދީފަ -- ފޮޓޯ/ ރޮއިޓާސް

ހުޅަނގު އައްސޭރީގައި އިސްރާއިލް ސިފައިން ހަމަލާދީ މަރާލި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހްގެ ސަންދޯއް އުފުލި މީހުންނަށް ވެސް އިސްރާއީލްގެ ސަލާމަތީ ފައުޖުތަކުން ހަމަލާދީފިއެވެ.

ފަލަސްތީނާއި އެމެރިކާގެ ރަށްވެހިކަން އޮންނަ ޝީރީންގެ ހަށިގަނޑު ވަޅުލަން ގެންދިޔައީ އިރުމަތީ ގުދުސްގައި ހުންނަ ފައްޅިއަކަށެވެ.

އަލްޖަޒީރާގައިވާ ގޮތުން ޝީރީންގެ ޖަނާޒާގައި ބައިވެރިވި މީހުންނަށް އިސްރާއީލް ފުލުހުން ހަމަލާ ދިނީ އޭނާގެ ސަންދޯއް ހޮސްޕިޓަލުން ފައްޅިއަށް ގެންދިޔަ މަގުމަތީގައެވެ. ޝީރީންގެ ސަންދޯއް އުފުލި މީހުންނަށް ހަމަލާ ދިނުމުން، އެއް ފަހަރު ސަންދޯއް ނުވެއްޓުނީ ކިރިޔާ ކަމަށް ވެސް އަލްޖަޒީރާގައިވެއެވެ.

ސީއެންއެންއިން ރިޕޯޓު ކުރި ގޮތުގައި އިސްރާއީލް ފުލުހުން ޖަނާޒާގެ ބައިވެރިންނަށް ހަމަލާ ދިނީ ޝީރީންގެ ސަންދޯއް ފައިމަގުގައި ގެންދަން މަސައްކަތް ކުރުމުންނެވެ. އޭގެ ސަބަބުން ސަންދޯއް އަނބުރާ ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު، ދެން ފައްޅިއަށް ގެންދިޔައީ ކާރުގައި ކަމަށް އެ ނޫހުގައިވެއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލީހް -- ފޮޓޯ/ އަލްޖަޒީރާ

މީގެ އިތުރުން، ޝީރީންގެ ޖަނާޒާގައި ހަތަރު މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ ފަލަސްތީނުގެ ދިދަ ގެންގުޅުމުން ކަމަށް އަލްޖަޒީރާގެ ނޫސްވެރިއަކު ރިޕޯޓުކުރިއެވެ.

މިދިޔަ ބުދަ ދުވަހު ޝީރީންއަށް ހަމަލާ ދިނީ އިސްރާއީލް އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގެ ޖެނީންގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަވަރު ކުރަން އުޅުމުގެ ތެރޭގައެވެ.

އެ ހާދިސާގައި އިތުރު ނޫސްވެރިއެއް ކަމަށްވާ އަލީ އަލް ސަމޫދީގެ ގަޔަށް ވެސް ވަޒަނެއް އަރައި އޭނާ ޒަހަމްވެފައިވެއެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން އިސްރާއީލް އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ ޝީރީން މަރުވީ ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފައެވެ. ނަމަވެސް އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. އަދި ޝީރީން މަރާލި ވަގުތު އެ ތަނުގައި ފަލަސްތީނުގެ ހަނގުރާމަވެރިންތަކެއް ނެތް ކަމަށް ނޫސްވެރިން ވަނީ ބުނެފައެވެ.

ޝީރިން އަލްޖަޒީރާގައި މަސައްކަތް ކުރަން ފެށީ އެ ނެޓްވޯކް އުފެއްދިތާ އެންމެ އަހަރެއް ފަހުން، 1997ގައެވެ. އެ ނޫހުން ވަނީ އޭނާގެ މަރު ތަހުގީގު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ގޮވާލާފައެވެ.

comment ކޮމެންޓް