އާސެނަލް ބަލިކޮށް ޓޮޓެންހަމް އިން ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި

ހެރީ ކޭން ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއިން އާސެނަލް ބަލިކޮށް ތާވަލްގެ ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ.

ރޭ އާސެނަލް އާއި ޓޮޓެންހަމް ބައްދުލު ކުރި މެޗު 0-3 ގެ ނަތީޖާއަކުން ޓޮޓެންހަމް ކާމިޔާބުކުރުމާއެކު އެ ޓީމު އެތީ ޕޮއިންޓެއްގެ ތަފާތުން 65 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ރޭގެ މެޗުން ބަލިވި އާސެނަލް އޮތީ 66 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ދެން ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ އޮތީ ދެ މެޗެވެ. އެ ދެމެޗަކީ ދެ ޓީމަށް ވެސް މޮޅުވުން މަޖުބޫރު ދެ މެޗެވެ.

ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅުނީ ޓޮޓެންހަމްއިންނެވެ. އެ ޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެ އާސެނަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ހެރީ ކޭން ވަނީ ގޯލެއް ޖަހައި ޓޮޓެންހަމް އަށް މެޗު ލީޑު ނަގާދީފައެވެ. އެ ގޯލަކީ އޭރިއާ ތެރެއިން އާސެނަލްގެ ކެޑްރިކް ސޯރެސް ޓޮޓެންހަމްގެ ސޮންއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

މެޗުގެ 33 ވަނަ މިނެޓުގައި އާސެނަލްގެ ރޮބް ހޯލްޑިންގްސް އަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި އޭނާ ވަނީ ދަނޑުން ބާލައިފައެވެ. ދެ ރީނދޫ ކާޑު ވެސް އޭނާއަށް ދައްކައިފައިވަނީ ޓޮޓެންހަމްގެ ސޮން އަށް ކުރި ދެ ފައުލުގެ ސަބަބުންނެވެ

ޓޮޓެންހަމްގެ ދެވަނަ ގޯލު 37 ވަނަ މިނެޓުގައި ކޭން ޖެހީ ޓޮޓެންހަމްގެ ބެޓްނަކުރް ތަނަވަސްކޮށްދިން ބޯޅައަކުންނެވެ. އަދި މެޗުގެ 47 ވަނަ މިނެޓުގައި ސޮން ވަނީ މެޗުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލް މި ސީޒަނުގައި ފެންނަނީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން ތާވަލްގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ 89 ޕޮއިންޓާއެކުގައި އޮތް އިރު ދެވަނައިގައި އޮތް ލިވަޕޫލްއަށް ލިބިފައިވަނީ 86 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 70 ޕޮއިންޓެވެ

comment ކޮމެންޓް