ގޭގެ ބެލް އަޅައިލި އަޑު އިވުމުން ޒިވިއަން ގޮސް ދޮރު ހުޅުވައިލިއެވެ. ޒިވިއަން އެއްފަރާތްކޮށްފައި އައިޒަކް އެތެރެއަށް ދެމިގަތީ ހަލުވިކަމާއި އެކުގައެވެ. އޭނާ ގޭގެ ފަހަރަކު ތަނެއް ބަލަމުން ގޮސް، ކޮޓަރިތަކުގެ ދޮރު ހުޅުވައި، ބަލަން ފެށިއެވެ. އައިޒަކްގެ މޫނުމަތިން ފެންނަމުންދިޔަ ނުރައްކާތެރި ވިދުވަރުން، ޒިވިއަންގެ ހިތް ރޫރޫއަޅައިގަތެވެ.

************

"ކޮބާ އޭނަ؟..." ޒިވިއަން އާއި ދިމާއަށް ބަލައިލުމެއްނެތި އައިޒަކް ސުވާލުކުރީ ނުރުހުންވެފައި ހުރި ރާގަކަށެވެ.

"ކާކު؟.." ޖަވާބު އެނގޭ އިރުވެސް ޒިވިއަން ސުވާލުކުރިއެވެ.

"އޭނަ ކައިރީ ބުނޭ ހުރިތާކުން ނުކުންނާށޭ.... ދެން އަހަރެންގެ އަތްދަށަކުން ސަލާމަތެއް ނުވާނެއޭ..." އައިޒަކް އޭނާ ކުރިންވެސް ވާހަކަ ދެއްކި ރާގުގައި ބުނެލިއެވެ.

"ބްރަދަރ... ހަމަޖެހިބަލަ..." ޒިވިއަން ހުރީ ޖެހިލުންވެފައެވެ.

"ހަމައެއް ނުޖެހެވޭނެ..." އައިޒަކް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އެއަށްފަހު ދެކޮޅަށް ހިނގަން ފެށިއެވެ.

"ބައްޕަ ނެތް މިގެއަކު..." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ޒިވިއަން ބުނެލިއެވެ.

އައިޒަކް ހިނގައިގަތީ އެގެއިން ނުކުންނާށެވެ.

"ވީގޮތް އަހަންނަކަށް ކިޔައެއް ނުދޭނަންތަ އަދިވެސް..." ޝަކުވާގެ ރާގަކަށް ޒިވިއަން ބުނެލިއެވެ.

އައިޒަކްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ ޒިވިއަންއަށް ބަލައިލިއިރު، އެ މޫނުން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރެވެ.

********
ރޭގަނޑުގެ ވަގުތެވެ. އައިޒަކް ވޯޑަށް ދިޔައީ އިރަމް ނިދިކަން ޔަގީންކުރުމަށް ފަހުގައެވެ. ޒިވިއަން އާއި ހުރިހާ ވާހަކައެއް ހިއްސާ ކުރެވުމުން އައިޒަކްގެ ހިތަށް ވަނީ ލުއިވެފައެވެ. ރުޅި ފިނިވެފައެވެ. އެހެންނަމަވެސް، އިރަމް އާއި ކުރިމަތިލާން އޭނާ ޖެހިލުންވަނީއެވެ. އޭނާއަށް އައިސްފައިވާ ބަދަލާއި ބެހޭގޮތުން އިރަމް ސުވާލުކޮށްފާނެކަން އެނގޭތީއެވެ. އިރަމްގެ އަތުގައި ހިފަހައްޓާލައިގެން އައިޒަކް އެތައް އިރަކު އިނެވެ. ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެންނެވެ. މާކިން އައީ އައިޒަކް އެހެން އިންދައެވެ. ދެމީހުން އެކުގައި ނުކުތީ ވޯޑުން ބޭރަށެވެ.

"ކިހިނެއްވީ؟..." ދެފިކުރެއްގައި އިނދެފައި މާކިން ސުވާލުކުރިއެވެ.

"އަހަންނަކަށް ނޭނގެ އަހަރެން ވާހަކަ ފަށަންވީ ކޮން ކޮޅަކުން، ކިހާ ހިސާބަކުން ކަމެއް..." އައިޒަކް ބުނެލީ، ހިތްމަރުވެފައިވާ މީހަކު ފަދައިންނެވެ.

"ފެށިގެން ނިމެންދެން..." މާކިން ޖަވާބުދިނެވެ.

"ބައެއް ކަންކަން އެނގުމަށްވުރެ ނޭނގުން މާ ރަނގަޅުވާނެ..." އައިޒަކް އިނީ ވާހަކަ ދައްކަން އުނދަގޫވެފައެވެ. އެހާ ހިތްވަރު އޭނާގެ ގަޔަކު ނެތެވެ.

"އަހަންނަށް ހީވަނީ ޒެކްއަށް ހަގީގަތް އެނގުން ލަސްވެއްޖެހެން..." މާކިންއަށް ނީނދެވިގެން ބުނެލިއެވެ.

"އާނ... މާކިން ތިބުނީ ރަނގަޅަށް..." އައިޒަކް އެއްބަސްވިއެވެ. "ކުރިން ހަގީގަތް އެނގުނުނަމަ، މިއަދު އަހަރެންގެ ދިރިއުޅުން މާ އުފާވެރިވީސް ކަންނޭނގެ..."

އައިޒަކް ދެއްކީ އިރަމްއަށް ދިމާވި ހިތާމަވެރިގޮތުގެ ވާހަކަ ނަމަވެސް، މާކިން ދެއްކީ، އައިޒަކްގެ މަންމަ އާއިމެދު މުހައިމިނު ކަންތައްކުރިގޮތުގެ ވާހަކައެވެ. އައިޒަކަށް އެކަން ނޭނގި މާކިން ދިއްކޮށްލި ސިޓީއުރައިގައި ހިފިއެވެ.

"ހަމަޖެހިލައިގެން ތީގަ އޮތް އެއްޗެއް ބަލާލާ..." މާކިން އެދުނެވެ.

އައިޒަކްގެ ބުރަކަށީގައި މަޑުމަޑުން ޖަހާލާފައި މާކިން ދިޔައީއެވެ.

********

ވިޝްކާގެ ކޮޓަރި ދޮރު ހުޅުވާފައި ޒަރީނާ އެތެރެއަށް ވަނީ ޓަކި ޖަހައިލުމެއްވެސް ނެތިއެވެ. އަތްކެނޑި ޓީޝާޓުކޮޅަކާއި ކުރު ޓައިޓުކޮޅެއްގައި ވިޝްކާ އޮތީ މާކިންއަށް ގުޅައިގެންނެވެ. ދެފައި މައްޗަށް ޖަހައިގެން އޮތްއިރު، ފައިމަތީގައި ބާލީހެއް އޮތެވެ. ވިޝްކާ އޮތް ގޮތް ފެނުމުން ޒަރީނާގެ ރުޅި ސަތޭކައަށް އެރިއެވެ.

މާކިންގެ ވާހަކަތަކުގެ ތެރެއަށް ގެއްލިފައި އޮތް ވިޝްކާއަށް ޒަރީނާ ފެނުމުން ފުންމައިގެން ތެދުވިއެވެ. ބެޑްޝީޓަކުން ހަށިގަނޑު ނިވާކުރިއެވެ.

"މަންމާ!... ޓަކިވެސް ނުޖަހާތަ ވަންނަނީ؟..." ޝަކުވާގެ ރާގަކަށް ވިޝްކާ ސުވާލުކުރިއެވެ.

ޒަރީނާ އެދިޔަ ބާރުމިނުގައި ގޮސް ވިޝްކާގެ އަތުން ފޯނު އަތުލިއެވެ.

"ތީ ކޮންމެ މީހަކަށް ވިޔަސް، ތި ގުޅުމަށް އަހަރެންގެ ރުހުމެއް ނުލިބޭނެ...." ޒަރީނާ ބުނަން ބޭނުންވި އެއްޗެއް ބުނެފައި ފޯނު ކަނޑައިލިއެވެ.

"މަންމާ!..." ވިޝްކާއަށް ގޮވައިލެވުނީ ޝަކުވާގެ ރާގަކަށެވެ.

ދުވަހަކު ޒަރީނާގެ ފަރާތުން ފެނިފައިނުވާފަދަ ސިފައެއް ފެނުނީތީ ވިޝްކާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޯގާތެރި މަންމަ ކުއްލިއަކަށް އެހާ ބަދަލުވީ ކީއްވެ ހެއްޔެވެ؟

"ކޮން މަންމާއެކޭ ކިޔާކަށް... ވިޝްކާއަށް އެބަ އިނގޭތަ ވިޝްކާއަށް އުޅެވޭގޮތް..." ޒަރީނާ ހުރީ ރަނގަޅަށްވެސް ހިތްހަމަނުޖެހިފައެވެ.

"އަހަރެން ކިހިނެތް އުޅެނީތަ މަންމާ... މަންމަ ލަދުގަންނަ ވަރުގެ ކަމެއް އަހަރެން ނުކުރަން..." ވިޝްކާ ރައްދުގައި ބުންޏެވެ.

"އެކަމެއް ނޭނގެ ފާޑުފާޑުގެ މީހުންނާ ރައްޓެހިވެގެން އުޅޭއިރު..." ޒަރީނާ ބުނެލިއެވެ.

ވިޝްކާ ކުޑަ އިރުކޮޅަކު ޒަރީނާއަށް ބަލަން އިނެވެ. ޒަރީނާއަށް ހަގީގަތް އެނގުނު ގޮތާއިމެދު ސުވާލު އުފެދިފައިވާ ނަޒަރަކުންނެވެ.

"މަންމަ ތިއުޅެނީ މީހަކު އެއްޗެކޭ ކިޔައިގެން ދޯ؟... ކާކު ކީކޭ ކީތަ؟..." ޝައްކުގެ ނަޒަރަކުން ޒަރީނާގެ މޫނަށް ބަލަން އިނދެ ވިޝްކާ ސުވާލު ކުރިއެވެ.

"ބުނި މީހެއް ހޯދާނެކަމެއް ނެތެއްނު..." ޒަރީނާ ނުރުހިފައި ބުންޏެވެ.

"މީހަކަ ރައްޓެހިވުން އެއީ މައްސަލައެއްތަ މަންމާ... އެހެންނޫނަސް އަހަންނަކީ މިހާރު ބޮޑު މީހެކޭ... ފާޑުފާޑުގެ މީހަކާ ނޫނޭ ރައްޓެހިވެގެން މިއުޅެނީ.." ވިޝްކާ ހުރީ ދޭނެ ޖަވާބުތަކަށް ތައްޔާރުވެގެން ކަހަލައެވެ. "އެއްފަހަރުވެސް މަންމަ އަހާލިންތަ ކާކާތޯ ރައްޓެހިވެގެން ތިއުޅެނީ؟... އެއްފަހަރުވެސް ބުނެބަލަ އެމީހަކާ ބައްދަލުކުރަން ބޭނުމޭ... އޭގެ ފަހުގަ ގޮތެއް ޑިސައިޑް ކުރެވިދާނެއެއްނު..."

"ހަމަ މިހާރު މިގެއަށް އަންނަން އޭނަ ކައިރީ ބުނޭ..." ޒަރީނާ އެދުނެވެ.

********

ޒިވިއަން އޮތީ އޭނާގެ ކޮޓަރީގައެވެ. އެތައް އިރަކު ރޯން އޭނާ އެނދުގައި އޮތެވެ. އެނގުނު ހަގީގަތްތަކެއްގެ ސަބަބުން އޭނާގެ ހިތް ކުދިކުދިވެއްޖެއެވެ. ދުނިޔެމަތިން ފޫހިވިއެވެ. އެ ހަގީގަތް ނޭނގި މަރުވިނަމައޭ ޒިވިއަންގެ ހިތަށް އެރިއެވެ. ކިތަންމެ ވަރަކަށް ރުޔަސް، މިއަދު ހަގީގަތެއް ބަދަލެއް ނުވާނެއެވެ. މާޒީ އަނބުރާ އިއާދައެއް ނުކުރެވޭނެއެވެ. ވެދިޔަކަމެއް ބަދަލެއްވެސް ނުކުރެވޭނެއެވެ. ދެން އޮތީ ހިތްވަރުކޮށްގެން ހަގީގަތާއި ކުރިމަތިލުމެވެ. ބައްޕަގެ ފަރާތުން އަނިޔާ ލިބުނު މީހުންގެ ކިބައިން މަޢާފަށް އެދުމެވެ.

މުހައިމިނު ތަކުރާރުކޮށް ޒިވިއަންގެ ފޯނަށް ގުޅަމުން ދިޔައެވެ. ފޯނު ނަގާކަށް ޒިވިއަން ބޭނުމެއް ނުވިއެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނީ ޒިވިއަން އެހެން އޮއްވައެވެ. ދެލޯ ހުޅުވައި ދޮރާއި ދިމާއަށް ބަލައިލާނެ ހިތްވަރެއް ޒިވިއަންގެ ގައިގައި ނެތެވެ.

"ދަރިފުޅާ!..." ޒިވިއަން އޮތް ގޮތް ފެނުމުން، މުހައިމިނު ހާސްވެފައި ގޮވައިލިއެވެ. ޒިވިއަންގެ ކައިރީގައި އޭނާ އިށީނދެލިއެވެ. ބުރަކަށީގައި މަޑުމަޑުން ފިރުމައިލިއެވެ.

"ދަރިފުޅާ!... މީހަކު ދައްކާހާ ވާހަކައެއް ގަބޫލުކުރާކަށް ނުވާނެ... އެ އައިޒަކް އެ އުޅެނީ ދަރިފުޅާ ބައްޕަ ޖައްސަން ވެގެން..." މުހައިމިނު އުޅުނީ ޒިވިއަންގެ ސިކުނޑިއާއި ކުޅެލާށެވެ.

"އަހަރެންގެ ބޭބެ އަހަންނަކަށް ދޮގެއް ނުހަދާނެ..." ކުރެހިފައިވާ އަޑަކުން ޒިވިއަން ބުނެލިއެވެ.

"ދެން ދަރިފުޅު ތިބުނަނީ ބައްޕަ ދަރިފުޅަށް ދޮގު ހަދަނީއޭތަ؟... އައިޒަކް އެއުޅެނީ ދަރިފުޅު އުފަލުގަ އުޅޭތީ އެކަން ވިޔަ ނުދޭންވެގެން..." މުހައިމިނު ބުންޏެވެ.

"ތިބުނީ މަންމަ ހަދާނީ ދޮގޭތަ؟... މަންމައަކީ ދޮގު ހަދާނެ މީހެއް ނޫން..." ޒިވިއަން ބާލީސް ނަގާފައި މުހައިމިނަށް ބަލައިލީ ނަފުރަތުން ފުރިގެންވީ ނަޒަރަކުންނެވެ.

އެ ނަޒަރުން މުހައިމިނުގެ ހިތަށް ޒަލްޒަލާއެއް ގެނުވިއެވެ. އޭނާ މުޅި ދުނިޔެއިންވެސް ހަމައެކަނި ލޯބިވި މީހަކީ ޒިވިއަންއެވެ. ޒިވިއަންއަށްޓަކައި އޭނާ އެތައް ގުރުބާނީއެއް ވިއެވެ. އެހެނަސް، މިއަދު އެ ހިތުގައި އުފެދުނީ އެ ދަރިފުޅު ގެއްލެން އުޅޭކަމުގެ ބިރުވެރި އިހުސާސެވެ.

"މަންމައޭ؟... މަންމަ ދުނިޔެއަކު ނެތެއްނު ދަރިފުޅާ..." މުހައިމިނު ހީކުރީ ޒިވިއަން ބޯ ގޮވައިގެން ހަމަނުޖެހޭ ވާހަކަ ދައްކަން ފެށީ ކަމަށެވެ.

"އަހަންނަށް ދަރިފުޅު ނުކިޔާ... އަހަރެންގެ މަންމައަށް އެހާ އިހާނެތިވި މީހަކަށް އަހަންނަކަށް މަޢާފެއް ނުދެވޭނެ... އެއީ އަހަރެންގެ ބައްޕައަށް ވިޔަސް..." ޒިވިއަން ތެދުވެގެން މުހައިމިނަށް ފުރަގަސްދިނެވެ. "އަހަރެން މިއަދު އެހެން މީހުންގެ ކުރިމައްޗަށް އަރަންވެސް ޖެހިލުންވޭ..."

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު