ޤުރުއާނުގައި ޙަރާމެކޭ ނެތެއްނޫންހެއްޔެވެ؟

މީހަކު މިސްކިތުގައި ގުރުއާން ކިޔަވަނީ-- ސަން ފައިލް ފޮޓޯ

ސުރުޚީގައި އެވަނީ މަދުންނަމަވެސް ބައެއް މީހުންގެ ފަރާތުން އިވޭ ޖުމުލައެކެވެ. މިވެނި ކަމެއް އެއީ ދީނުގައި މަނާ ކަމެކޭ ބުނުމުން، އެއީ އޭނާ ގަބޫލުކުރާ ގޮތްނޫންކަން ބަޔާންކުރުމަށްޓަކައި، 'ޤުރުއާނުގައި ނުވަތަ ހަދީސްގައި ޙަރާމެކޭ ނެތެއްނޫންހޭ' ބުނެ ސުވާލު އުފައްދައެވެ. މި ސުވާލު އުފައްދަނީ ދީނުގައި ޙަރާމް ކުރައްވާފައިވާ ވަރަށް ބޮޑު ފާފަޔަކާމެދުގައި ކަމަށްވެސް ވެދާނެއެވެ. މިސާލަކަށް ބަލާނަމަ؛ ބަނގުރާ ބުއިމަކީ ޙަރާމް ކަމެކޭ ބުނުމުން، ޤުރުއާނުގައި އެ ޙަރާމެކޭ ނެތެއްނޫންހޭ މީހަކު ބުނެފާނެއެވެ. ތެދެކެވެ. ލަފުޒުގެ ގޮތުން ބަލާނަމަ، 'ޙަރާމް' މި ލަފުޒުން ރާ ޙަރާމްކަމަށް ޤުރުއާނުގެ އެއްވެސް ތަނެއްގައި ނެތެވެ. އެހެންވިއްޔާ ދެން، ބަނގުރާ ޙަރާމްކަން އެނގެނީ ކިހިނަކުން ހެއްޔެވެ؟

މިވެނި ކަމެއް ދީނުގައި ޙަރާމޭ ބުނުމުން، ޤުރުއާނުގައި ނުވަތަ ސުންނަތުގައި އެކަމެއް 'ޙަރާމޭ' ނެތް ކަމަށް ބުނެ އުފައްދާ ސުވާލަށް ޖަވާބު ދެވޭނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ސާބިތު ކުރެވޭ ގޮތްތައް ރަނގަޅަށް އެނގިގެންނެވެ. ޝަރީޢަތުގެ މަޞްދަރު ތަކުން ޙުކުމްތައް ނެރުމުގައި އުޞޫލުލްފިޤުހު އިލްމުވެރިން ކަނޑައަޅުއްވާފައިވާ ހަމަތައް އެނގިގެންނެވެ.

މުކައްލަފު (legally commissioned person) ގެ އަމަލުތަކާ ގުޅޭގޮތުން ޝަރީޢަތުގައި ފަސް ޙުކުމެއް އޮވެއެވެ. އެއީ: ވާޖިބު، މަންދޫބު، މުބާޙު، މަކުރޫހަ އަދި ޙަރާމް އެވެ. ޙަރާމުގެ މާނައަކީ އެކަމެއް ކުރުން ﷲ ތަޢާލާ މުޅިން މަނާކުރައްވާފައި ވުމެވެ. ކަމެއްކުރުން މަނާކުރައްވާފައިވާކަން އެނގޭނެ އެއްގޮތަކީ ޞީޣާއިން (ދަލީލުގައި ހިމެނޭ ލަފުޒުން) އެކަން އެނގުމެވެ. އަނެއްގޮތަކީ ޤަރީނާއަކުން އެކަން އެނގުމެވެ.

ކަމެއް އެއީ ޙަރާމް ކަމެއްކަން އެނގޭނެ ފުރަތަމަ ގޮތަކީ: ޞަރީޙަކޮށް حرام ގެ ލަފުޒު ނުވަތަ އެއާ ގުޅުން ހުރި ލަފުޒެއް އޮތުމެވެ. ގުޅުން ހުރި ލަފުޒުތަކުގެތެރޭގައި؛ حُرِّمَ ، حَرامٌ ، مُحَرَّمٌ ، لاَ يَحِلُّ ފަދަ ލަފުޒުތައް ހިމެނެއެވެ. މިސާލަކަށް: حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ (ނިސާ: 23) 'ތިޔަބައިމީހުންގެ މައިންނާ (ކައިވެނި ކުރުން) ޙަރާމް ކުރެއްވިއެވެ.' މައިންނާ ކައިވެނި ކުރުމަކީ 'ޙަރާމް' ކަމެއްކަން މި އާޔަތުން އެނގެނީ حُرِّمَتْ މިހެން އޮތުމުންނެވެ. وَأَحَلَّ اللَّهُ الْبَيْعَ وَحَرَّمَ الرِّبَا (ބަޤަރާ: 275) 'ވިޔަފާރި ކުރުންވަނީ، اللَّه، ހުއްދަ ކުރައްވާފައެވެ. އަދި، ރިބާ ވަނީ ޙަރާމް ކުރައްވާފައެވެ.' ރިބާ އަކީ ޙަރާމް އެއްޗެއްކަން މި އާޔަތުން އެނގެނީ حَرَّمَ މިހެން އޮތުމުންނެވެ. إِنَّ اللَّهَ حَرَّمَ عَلَيْكُمْ عُقُوقَ الأُمَّهَاتِ (ބުޚާރީ އާއި މުސްލިމް) 'ހަމަކަށަވަރުން، (ތިޔަބައިމީހުންގެ) މައިންނަށް ނުކިޔަމަންތެރިވުން ﷲ ތިޔަބައިމީހުންގެ މައްޗަށް ޙަރާމް ކަމެއްކަމުގައި ލެއްވިއެވެ.' މައިންނަށް ނުކިޔަމަންތެރިވުމަކީ ޙަރާމް ކަމެއްކަން މި ހަދީސުން އެނގެނީ حَرَّمَ މިހެން އޮތުމުންނެވެ.

ޙަރާމް ކަމެއްކަން އެނގޭނެ ދެވަނަ ގޮތަކީ: މުޠުލަޤު (absolute) ކޮށް ނަހީ (މަނާ) ކުރައްވާފައިވާ ކަމުގެ ޞީޣާ އޮތުމެވެ. މިސާލަކަށް: وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ (އަންޢާމު: 151) 'އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާ ވެގެންވާ ކަންތަކެވެ. އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް، ޙައްގަކާނުލައި ނުމަރާށެވެ!' ފާޙިޝް ކަންތައްތައް ކުރުން ޙަރާމްކަން މި އާޔަތުން އެނގެނީ لَا تَقْرَبُوا (ކައިރިނުވާށޭ) މިހެން އޮތުމުންނެވެ. އަދި ހައްގަކާނުލައި މީހަކު މެރުން ޙަރާމްކަން އެނގެނީ لَا تَقْتُلُوا (ގަތުލު ނުކުރާށޭ) މިހެން އޮތުމުންނެވެ. وَلَا تَقْرَبُوا الزِّنَا (އިސްރާ: 32) 'އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ!' ޒިނޭ ކުރުމަކީ ޙަރާމް ކަމެއްކަން މިއާޔަތުން އެނގެނީ، لَا تَقْرَبُوا (ކައިރިނުވާށޭ) މިހެން އޮތުމުންނެވެ. لَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ (ބުޚާރީ އާއި މުސްލިމް) 'ތިޔަބައިމީހުންގެ އެއްބަޔަކު ކޮށްފައިވާ ވިޔަފާރިއެއްގެ މައްޗަށް އަނެއްބަޔަކު ވިޔަފާރިނުކުރާށެވެ!' އެފަދަ ވިޔަފާރި ޙަރާމްކަން މި ހަދީސުން އެނގެނީ لَا يَبِعْ (އެގޮތަށް ވިޔަފާރި ނުކުރާށޭ) އޮތުމުންނެވެ.

ޙަރާމް ކަމެއްކަން އެނގޭނެ ތިންވަނަ ގޮތަކީ: ކަމަކާ ދުރުހެލިވުމަށް އަންގަވާފައިވާ ޞީޣާ އޮތުމެވެ. يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ (މާއިދާ: 90) 'އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ!' މި އާޔަތުގައި، فَاجْتَنِبُوهُ (އެކަންކަމާ ދުރުވެގަންނާށޭ) އޮތުމުން، އެއީ ޙަރާމް ކަންތައްތަކެއްކަން އެނގެއެވެ. اجْتَنِبُوا السَّبْعَ الْمُوبِقَاتِ .... (متفق عليه) 'ހަލާކުކުރަނިވި ހަތްފާފައިން ތިޔަބައިމީހުން ދުރުވެގަންނާށެވެ! ....' މި ހަދީސްގައި، اجْتَنِبُوا (ދުރުވެގަންނާށޭ) އޮތުމުން، އެ ހަދީސްގައި ބަޔާން ކުރައްވާފައިވާ ފާފަތައް ކުރުމަކީ ޙަރާމް ކަމެއްކަން އެނގެއެވެ.

ޙަރާމްކަމެއްކަން އެނގޭނެ ހަތަރުވަނަ ގޮތަކީ: އެކަމެއް ކޮށްފިނަމަ އެމީހަކަށް އުގޫބާތް ހުރިކަން އަންގަވާފައި ވުމެވެ. އެއީ ދުނިޔޭގައި ނުވަތަ އާޚިރަތުގައި ނުވަތަ މި ދެތަނުގައި ހުރި އުގޫބާތް ކަމަށްވިޔަސް މެއެވެ. وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا (މާއިދާ: 38) 'ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ!' ވައްކަން ކުރުމަކީ ޙަރާމްކަމެއްކަން މިއާޔަތުން އެނގެނީ އެކަން ކުރާމީހުންގެ އުގޫބާތެއްގެ ގޮތުން އެމީހުންގެ އަތް ކެނޑުމަށް (فَاقْطَعُوا أَيْدِيَهُمَا) އަންގަވާފައި އޮތުމުންނެވެ.

ޙަރާމްކަމެއްކަން އެނގޭނެ އިތުރު ޤަރީނާތަކުގެ ތެރޭގައި: ކަމެއް ކުރުމާމެދު ﷲ ތަޢާލާ އިންކާރު ކުރައްވާކަން ދޭހަކޮށްދޭ ޞީޣާއެއް އޮތުން ހިމެނެއެވެ. މިސާލަކަށް؛ غَضب الله (ﷲ ގެ ކޯފާ ހުއްޓެވެ.) لعن الله (ﷲ ގެ ލަޢުނަތް ހުއްޓެވެ.) އަދި އެކަމެއް ކުރާ މީހާއީ މުނާފިގެއް ނުވަތަ ފާސިޤެއް ނުވަތަ ކާފިރެއް ކަމުގައި ސިފަކުރައްވާފައިވުން ހިމެނެއެވެ.

ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް ޙަރާމް ކުރައްވާފައިވަނީ ވަރަށް މަދު ކަންތައްތަކެކެވެ. އަދި އެ މަދު ކަންތައްތައް ޙަރާމް ކުރެއްވުމުގައި ބޭނުންކުރައްވާފައިވަނީ މީސްތަކުންނަށް ވިސްނަން ފަސޭހަވާނެފަދަ އެންމެ މުނާސަބު، އޯގާތެރި ބަސްމަގެވެ. ހަމަ މިއާއެކު، ރާބުއިމާއި ޖުވާކުޅުންފަދަ، މީސްތަކުން އެކަންކަމަށް ދެވިހިފާފައިވި ކަންތައްތައް ޙަރާމް ކުރެއްވުމުގައި، އެބައިމީހުންގެ ހާލަތާ އެންމެ އެކަށީގެންވާ އުސްލޫބު ބޭނުންކުރައްވާފައިވެއެވެ. ރަލާ ބެހޭގޮތުން ފުރަތަމަ އެންގެވީ އޭގެ މަންފާއަށްވުރެ އޭގައިވާ ފާފަވެރިކަން ބޮޑުކަމުގައެވެ. ދެން އެންގެވީ މަސްތުވެގެންވާ ހާލު ނަމާދު ނުކުރުމަށެވެ. އަދި އެންމެ ފަހުން، ރާ އާ ދުރުވެގަތުމަށް އެންގެވިއެވެ. އާނއެކެވެ! ރާ ބުއިމަކީ ކީރިތި ޤުރުއާނާއި ސުންނަތުގެ ޞަރީޙަ ނައްޞުން ސާބިތުވާ ޙަރާމް ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް