ހައިކޯޓުން އިސްތިއުފާ ދިން ފަނޑިޔާރު ސިމީރަށް ޑެޕިއުޓީ ޕީޖީކަން

ފަނޑިޔާރު އަލީ ސަމީރަށް ޑެޕިއުޓީ ޕީޖީގެ މަޤާމު ހަވާލުކޮށްދެއްވަނީ--- ފޮޓޯ/ ޕީޖީ އޮފިސް

މިދިޔަ މަހުގެ 17 ވަނަ ދުވަހު އަމިއްލައަށް ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދިން އަލީ ސަމީރަށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމު ދީފިއެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކޮށްފައިވާ ސަމީރު އެ މަޤާމުން އިސްތިއުފާ ދިން ސަބަބެއް އަދި ނޭނގެއެވެ.

ސަމީރުގެ އިތުރުން މިހާރު ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ކަމުގެ މަގާމުގައި ދެން ހުންނެވީ މަހުމޫދު ސަލީމެވެ.

ސަމީރަކީ ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ހައިކޯޓު ފަނޑިޔާރަކަށް އައްޔަނުކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރައްވާފައިވަނީ ސިވިލް ކޯޓުގައެވެ.

ސިވިލް ކޯޓުގައި އެންމެ ފަހުން ހުންނެވީ އިސް ޤާޒީގެ މަޤާމުގައެވެ. އަދި ފަނޑިޔާރުކަމުގެ މަޤާމުގެ ކުރިންވެސް މިދާއިރާގައި އެކިއެކި ކޯޓުތަކުގައި އޭނާ މަސައްކަތް ކުރައްވާފައިވެއެވެ.

ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ސަމީރު ޖޭއެސްސީ މެމްބަރު ކަމަށް ފުރަތަމަ އައްޔަން ކުރެއްވީ ޑިސެމްބަރު 5، 2019 ވަނަ ދުވަހުއެވެ.

ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް