ނަރުސްކަމުގައި 35 އަހަރު، ދަރިން ފިޔަވައި ފާއިދާގެ ހިތްހަމަޖެހުމަކީ އެއީ!

ފާއިދާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރާތާ 35 އަހަރު ވަނީ ވެފައި --

ސްކޫލު ދައުރު ނިންމައި، ކުރިއަށް ދާނެ ދާއިރާއެއް އިހުތިޔާރު ކުރުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އަނެއްބައި މީހުން މާ ކުޑައިރުވެސް، ބޮޑުވެގެން ކުރިއަށް ދާން ބޭނުންވާ ދާއިރާ ކަނޑައަޅައެވެ. އޭގެ ތެރެއިންވެސް، އެކި ސަބަބުތަކާހުރެ، ބޭނުންވާ ދާއިރާއިން ކުރިއަށް ދެވެނީ އެއް ބަޔަކަށެވެ.

ފާއިދާ އިބްރާހީމް، 53، ކުޑައިރު، ހޮސްޕިޓަލުގައި ތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ ތެރޭގައި، ނަރުހުންގެ ޔުނިފޯމަށް ނަޒަރު ހުއްޓި، އެއީ އޭނާއަށް މާ ރީތި ހެދުމަކަށް ވިއެވެ. އެ ރީތި ހެދުން ލާން ބޭނުންވިއެވެ. އެ ހިސާބުން، ނަރުހަކަށް ވާން މާބޮޑަށް ބޭނުންވީއެވެ.

އުމުރުން 16 ވަރަކަށް އަހަރުގައި، އޭނާގެ ހުވަފެން ތަކުގައި ކުލަ ޖެއްސުމުގެ އުންމީދާއެކު މަސައްކަތް ފެށިއެވެ.

އާއްމުކޮށްވެސް ލޭ ފެނުމުން ހެޔަށް ގޮތްވާ ފާއިދާ، އޭނާގެ އެ ބަލިފައި އޭނާ ނަރުހަކަށް ވުމުގެ ހުރަހަކަށް ވާން ދޫކޮށެއް ނުލައެވެ.

އުފަން ރަށް، ބ. އޭދަފުށިން ކިޔެވޭނެ އެންމެ މައްޗަކަށް ކިޔެވުމަށްފަހު މާލެ އައީ ނަރުހަކަށް ވުމުގެ އުންމީދުގައެވެ.

ލޭ ފެނުމުން އަބަދުވެސް ހެޔަށް ގޮތްވޭ!

ކޯސް ހަދަމުން ދިޔައިރުވެސް، ލޭ ފެނި އެތައް ފަހަރަކަށް އޭނާ އަނބުރައިގަތެވެ. އޭނާ ބުނާގޮތުން 'ސިމްޕަލް ޕްރޮސީޖާ'އެއް ހެދި އިރުވެސް ހެޔަށް ގޮތް ވުމުގެ މައްސަލަ އޭނާއަށް ދިމާވިއެވެ. ތިއަރީބައި ކުރިއަށް ގެންދާއިރު، އަސްލަށް ލޭ ފެންނަ މަންޒަރު ނުފެނުނަސް، ހެޔަށް ގޮތްވާ ކަމަށް ފާއިދާ ބުނެއެވެ. ނަމަވެސް ނަރުހަކަށް ވުމަށް މާކުރިން އަޒުމް ކަނޑައަޅައިގެން ހުރި ފާއިދާ، ފަހަތް ބެލުމެއް ނެތި ދިޔައީ ކުރިއަށެވެ.

"ވަރަށް ގިނަ ފަހަރަށް ހިތަށް އެރި ދެން ނުވާނޭ،" ނަރުސްކަން ކިޔެވިއިރު ހެޔަށް ގޮތް ވުމުގެ މައްސަލަ ދިމާވާތީ، ފާއިދާ ގޮތް ހުސްވި ނަމަވެސް، ހިތްވަރު އެލޭ ކޮންމެ ފަހަރަކު އާ އަޒުމަކާއެކު އަލުން މަސައްކަތް ފަށަނީއެވެ. ކުޑައިރުގެ ހުވަފެނުގައި ކުލަ ޖެއްސުމަށްޓަކައެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ހަ ވަނަ އަހަރު އެޑްވާންސް ނިންމުމަށްފަހު ފާއިދާ މަސައްކަތް ކުރަމުން ދިޔައީ ސެންޓްރަލް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުގެ ވޯޑުގައި ހަތް އަހަރު މަސައްކަތް ކުރުމަށްފަހު ފާއިދާ ބަދަލުވީ އައިޖީއެމް ހޮސްޕިޓަލަށެވެ.

"އައިޖީއެމްއެޗަށް ބަދަލުވެފަ، އެހެން އުޅެނިކޮށް ދެން ލިބުނު ޗާންސެއް މިޑްވައިފަރީ. ދެން އަޅުގަނޑު އެއްވެސް ވަރަކަށް އިންޓްރަސްޓް ހުރި އެއްޗެއްވެސް ނޫން މިޑްވައިފަރީއަކީ. އެއީ، ސެންޓްރަލް ހޮސްޕިޓަލުގައި އުޅުނުއިރުވެސް އަޅުގަނޑު އެއްވެސް ގޮތަކަށް ގައިނީއަށް އިންޓްރަސްޓެއް ނޫން،"

މިޑްވައިފަރީއަކީ ޝައުގުވެރި ދާއިރާއެއް ނޫން ނަމަވެސް، ކޯސް ހަދައި، އައިޖީއެމްއެޗްގައި މަސައްކަތް ކުރަން ލިބުނު ފުުރުސަތުގެ ބޭނުން، ފާއިދާ ވަރަށް ރަނގަޅަށް ހިފިއެވެ.

އެންމެ އުފާވަނީ ޑިއުޓީގައި ހުރިހާކަމެއް ފުރިހަމައަށް ކުރެވުމުން

ނަރުހެއްގެ ވަޒީފާ އަދާކުރާއިރު، ނަގަން ޖެހޭ ޑިއުޓީގައި ކުރަން ޖެހޭ ކަންތައްތައް ބަރާބަރަށް ކޮށް ނިންމާލެވުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެކެވެ. އެންމެ ބޮޑު ހިތްހަމަޖެހުން ވެސްމެއެވެ.

ކެރިއަރުގައި 35 އަހަރު ގުނަމުންދާ ފާއިދާއަށް އުފާވެރިކަން ގެނެސްދޭ އަނެއްކަމަކީ، އޭނާ ވިއްސި ކުދިން ބޮޑުވުމަށްފަހު ދިމާވުމެވެ. ބައެއް ކުދިން ވަރަށް ބޮޑެތިވާ ފަހުންވެސް ދިމާވާ ކަމަށް އޭނާ ބުންޏެވެ.

"އުފާވޭ އަޅުގަނޑު ވިއްސާކުދިން ބޮޑެތި ވެގެން ފެނުނީމަ. ބައެއް ފަހަރަށް އެހެން ބައްދަލުވެގެން އެކުދިންވެސް ވަރަށް އުފާވެ، ފޮޓޯއެއް ނަގާލަންވެސް ބޭނުންވާނެ."

ފާއިދާ ބުނި ގޮތުގައި އޭނާ އެންމެ އުފާވަނީ ޑިއުޓީގައި ހުރިހާކަމެއް ފުރިހަމައަށް ކުރެވުމުން --

އެންމެ ހިތްދަތި ވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާ ނުވަތަ މަންމަ ދުނިޔެ ދޫކުރުމުން

ވަޒީފާގެ ގޮތުން ފާއިދާއަށް ދެރަވާ ދުވަސްތަކާވެސް ކުރިމަތިލާން ޖެހެއެވެ. ވިހެއުމަށްފަހު މައިމީހާ ބަލިވުމުން ނުވަތަ ކުއްޖާ ބަލިވުމުން އެއީ ފާއިދާއަށް ވެސް ލިބޭ ދެރައެކެވެ.

"އެންމެ ބޮޑަށް ދެރަވަނީ އެކަހަލަ ކަންތައްތައް ދިމާވީމަ."

ކެރިއަރުގެ 28 އަހަރު، ފޫޅުމައެއްގެ ގޮތުގައި ހޭދަވުމުން، ފާއިދާގެ އިހުސާސްތައްވެސް ވަނީ ވިހާ އަންހެނުންނާއި ދަރިންނާ ގުޅިފައެވެ.

ވިހެއުމުގެ ތެރޭގައި ކުދިން މަރުވުމުން ނުވަތަ މައިމީހާ މަރުވާ ފަދަ ހާދިސާތައް ދިމާވުމަކީ ފާއިދާއަށްވެސް އުނދަގޫ އިހުސާސްތަކެއް ކުރުވާ ކަމެކެވެ.

މައިމީހާ މަރުވާ ހާލަތްތައް ވަރަށް މަދުކަން ފާހަގަ ކުރަމުން ފާއިދާ ބުނީ، އެއީ މާބޮޑަށް ދެރަވާ ދުވަސްތަކެއް ކަމަށެވެ.

"އަމިއްލަ ފެމެލީ މީހަކު ދިއުން ފަދަ ކަމެއް އަޅުގަނޑަށް އެއީ."

އެފަދަ ބައެއް ދުވަސްދުވަހު ފާއިދާއަށް ވެސް ވަރަށް ގިނައިރު ރޮވެއެވެ. ހިތްދަތިވެއެވެ. އެފަދަ މީހުންގެ އާއިލާތަކުގެ ވޭން ފާއިދާގެ ހިތުގައިވެސް އަޅައެވެ.

ފާއިދާ ފޫޅުމައެއްގެ ގޮތުގައި މަސައްކަތް ކުރާތާ 28 އަހަރުވެއްޖެ --

ދެ ދަރިން ފިޔަވައި، ނަރުސްކަމަކީ ފާއިދާގެ އުފާވެރިކަން

ޒަވާޖީ ހަޔާތެއް ފަށައި، ދަރިން ލިބުނު ހިސާބުން، ޑިއުޓީތަކަށް ނުކުންނަން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ފާއިދާ އޭނާގެ އަބަދުގެވެސް ހުވަފެން ކަމުގައިވާ ނަރުސްކަމާއެކު ކުރިއަށް ދިޔައެވެ.

ވިހައިގެން ތިން މަސް ވުމާއެކު އެނބުރި ޑިއުޓީއަށް ނުކުންނަން ފަށައި، ފާއިދާ ރޭގަނޑުގެ ޑިއުޓީތައްވެސް ނަގަން ފެށިއެވެ.

ނަމަވެސް ކުދިން ލިބުނު ހިސާބުން، ޑިއުޓީއަކަށް ދިއުމަށް ފާއިދާއަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ނަމަވެސް، ނަރުހެއްގެ ވަޒީފާއިން ވަކިވުމަށް ފާއިދާ ހިތަކަށް ނާރައެވެ.

އޭގެފަހުން ދާއިރާގައި އުޅެން އެންމެ އުނދަގޫވީ، ކައިވެނި ރޫޅި، ދެ ދަރިންނާއެކު އެކަނި އުޅެން ޖެހުނު ހިސާބުންނެވެ.

ނަމަވެސް މިހާރު ދަރިން ބޮޑެތިވެފައި ވާއިރު، ދަރިން ފިޔަވައި ފާއިދާއަށް ލިބޭ އުފާވެރި ކަމަކީ ނަރުހެއްގެ ވަޒީފާއެވެ.

"އެއީ ހަމަ ހިތްހަމަޖެހުން. އަޅުގަނޑުގެ އުފަލަކީވެސް އެއީ، ދެކުދިން ފިޔަވައި،" ދެ ފިރިހެން ކުދިންގެ މަންމަ، ނަރުސްކަމުގެ ކެރިއާ ކުރުގޮތަކަށް ސިފަކޮށްދިނެވެ.

އަދިވެސް ބޭނުމީ ދާއިރާއިން ކުރިއަށް ދާން!

ތަފާތު ގޮންޖެހުންތަކާއެކު، ނަރުހެއްގެ ގޮތުގައި އާދެވިފައިވާ ހިސާބު ފާއިދާ ހިތްހަމަޖެހެއެވެ. ފާއިދާގެ ބަހުން ނަމަ، މީގެ ކުރިން ދިމާވި ގޮންޖެހުންތައް މިހާރު އޭނާ ހަނދާން ނެތިއްޖެއެވެ.

ރިޓަޔާވުމާ ހަމައަށްވެސް އޭނާ ބޭނުންވަނީ، އެންމެ ކުޑައިރުވެސް ބޭނުންވި ގޮތެވެ. އެއީ ނަރުހަކަށް ވެގެން ހުރުމެވެ. އެހެންކަމުން ނަރުހެއްގެ ވަޒީފާގައި ދެމިހުރެވޭނެ އެންމެ ގިނަ ދުވަހަކު އޭނާ ނަރުހަކަށް ހުންނާނެއެވެ.

އަލަށް ނަރުސްކަން ކިޔަވާ ކުދިންގެ ކިބައިން ފާއިދާ އެދޭ އެދުމަކީ، އޭނާ ފަދައިން ދާއިރާދެކެ ލޯބިވާ ބަޔަކަށް ވުމެވެ. ކަމަށް ކަމޭހިތައިގެން މަސައްކަތް ކުރުމެވެ. ބަރާބަރަށް ޑިއުޓީއަށް ނުކުމެ، އަމިއްލަ ކަމެއް ކަމަށް ދެކިގެން ނަރުހެއްގެ ވަޒީފާ އަދާކުރުމެވެ. ކިޔެވެން އޮތް މައްޗަކަށް ކިޔެވުމެވެ.

comment ކޮމެންޓް