ތިލަމާލެ ބުރިޖަށް ކޮންކްރީޓް ސަޕްލައި ކުރުން އެސްޓީއޯއަށް

ތިލަމާލެ ބުރިޖަށް ކޮންކްރީޓް ސަޕްލައިކޮށްދިނުމަށް ވެވުނު އެއްބަސްވުމުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ގާއިމުކުރާ ބުރިޖުގެ މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުމަށް އެސްޓީއޯއާ ހަވާލުކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދެވެ. އެފްކޮންގެ ފަރާތުން ސޮއި
ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު ވީ. މަދުސްދަނަން އެވެ.

އެސްޓީއޯއިން ބުނީ އެ އެއްބަސްވުމުގެ ދަށުން 7300 ކިއުބިކް މީޓަރުގެ ރެޑީމިކްސްޑް ކޮންކްރީޓް އެފްކޮންސް އިން ގަތުމަށް ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތަށްޓަކައި ވާންޖެހޭ ތައްޔާރީތައް ފާއިތުވި ފަސް މަސްދުވަހު ކުރިއަށް ދިޔަ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން އެ މަޝްރޫއަށް ބޭނުންވާ ފެންވަރުގެ ކޮންކްރީޓް ތައްޔާރު ކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކުންފުނީގެ ރެޑީ މިކްސް ޕްލާންޓުގައި މިހާރު ވަނީ ގާއިމުކުރެވިފައެވެ.

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، ކަމާ ބެހޭ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި ގުޅިފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރާނެއެވެ.

އޭގެ އިތުރުން ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބްރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ މާލެއިން ގުޅިފަޅަށް ގުޅާލުމާއި ތިލަފުށިން ގުޅިފަޅަށް ގުޅާލުމެވެ. ނަމަވެސް އެ ދެ ފިޔަވަހީގެ މަސައްކަތްތައް ވެސް ފަށަން ހަމަޖެހިފައިވަނީ އެއްކޮށެވެ.

comment ކޮމެންޓް