ގދ. ގައްދޫ އައިސް ޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށް މިފްކޯއިން ބުނެފިއެވެ.
އެކަމާ ގުޅިގެން މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން ގައްދޫގައި ގާއިމްކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓުގެ ބަދަލުގައި 50 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރަން ނިންމާފައިވާކަމަށެވެ.
"މި މަޝްރޫއުގެ ދަށުން އެ ރަށުގައި އައިސް ޕްލާންޓުގެ އިތުރަށް 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރެއް ވެސް ގާއިމްކުރެވޭނެ," އެ ނޫސް ބަޔާނުގައިވެއެވެ.
މި މަޝްރޫއަކީ މަސްވެރިންނަށް ފޯރުކޮށްދޭ އައިސްގެ ކެޕޭސިޓީ އިތުރުކޮށް ފަސޭހައިން މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކާ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ އައިސް ޕްލާންޓް ގާއިމްކޮށް ނިމުމުން އެ ސަރަހައްދުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބުމުގެ އިންތިޒާމު ހަމަޖެހޭނެކަމަށް މިފްކޯއިން ބުނެޏެވެ.