ޕްރިންސިޕަލުންގެ މުސާރައިން މަދުވާނަމަ ބަދަލު ގެންނާނަން: ޕޭ ކޮމިޝަން

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރިންސިޕަލުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ބައެއް ޕްރިންސިޕަލުންގެ މުސާރައަށް އުނިކަމެއް އަންނަނަމަ، އެ މައްސަލަ ހައްލުކުރާނެކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

ޕޭ ކޮމިޝަނުން މިހެން ބުނީ ޕްރިންސިޕަލުންގެ މުސާރައިގެ އައު އޮނިގަނޑާއެކު ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ އެކޮމަޑޭޝަން އެލަވެންސާއި ފުޑް އެލަވެންސް އުނިކޮށްފައި ވުމުން އެކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވަނިކޮށެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަ ދައްކަވަމުން ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވީ އެ އެލަވެންސްތައް އުނިކުރުމުން ޕްރިންސިޕަލުންގެ މުސާރައިން މަދުވާހާލަތެއް އަތުވެދާނެކަމަށެވެ. ނަމަވެސް މިއީ މަދުން ދިމާވާނެ ހާލަތެއް ކަމަށާއި އެފަދަ ޕްރިންސިޕަލުންގެ މުސާރަ ހަމަހަމަ ކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްރިންސިޕަލުންނަށް މިހާރު އެލިބޭ އެއްޗެއް އުނި ނުވާގޮތަށް މުސާރައިތެރެއަށް ކުރިން ލިބެމުން އައި އެލަވެންސްތައް ވެސް ލާފައެވަނީ،" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ ހުރިހާ ފަންނެއްގެ މުވައްޒަފުން ވެސް ރަށުން ބޭރަށް ފޮނުވަން ޖެހިއްޖެ ހާލަތެއްގައި ރޫރަލް އިންޓެންޝަން ޕޮލިސީގެ ދަށުން ރަށްރަށަށް މުވައްޒަފުން ފޮނުވުމުގައި އަމަލުކުރާނެ ގޮތްތައް ހުންނާނެކަމަށެވެ.

ޕްރިންސިޕަލުންނަށް ކުރިން ދެމުންއައި އެލަވެންސްތައް އުނިކޮށްފައިވަނީ އެހެން ދާއިރާތަކުގެ މުވައްޒަފުންނަށް އެ އެލަވެންސް ނުލިބުމުގެ ސަބަބުން އުފެދޭ ތަފާތުކުރުންތައް ނައްތާލަންކަމަށް ވެސް ފައިޒަލް ވިދާޅުވިއެވެ.

"ޕްރިންސިޕަލުންނަށް އެކަނި އެކަހަލަ އުސޫލުތަކެއް އޮތީމަ އެހެން ފަންނު ތަކުގެ މުއައްޒަފުންނަކަށް އެއްހަމަކަމެއް ނާދެ. އެހެންވީމަ ޕްރިންސިޕަލުންނަށް ލިބޭ އެއްޗެއް އުނިކުރީއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު 16،214ގެ މުސާރައެއް ލިބޭ ރޭންކު 1 ގެ ޕްރިންސިޕަލަކަށް މިހާރު 22,273 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

އަދި ކުރިން 20،049ގެ މުސާރައެއް ލިބޭ ރޭންކު 2 ގެ ޕްރިންސިޕަލަކަށް މިހާރު ލިބޭނީ 33،075 ރުފިޔާގެ މުސާރައެކެވެ.

comment ކޮމެންޓް