ލަންކާގެ ކާފިއު މާދަމާއަށް ދަންމާލައިފި

ލަންކާގައި ހަމަނުޖެހުން -- ފޮޓޯ/ އޭޕީ

ސްރީލަންކާގައި އިއްޔެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އިއުލާންކުރި ކާފިއު މާދަމާއަށް ދަންމާލަން ނިންމައިފިއެވެ.

ލަންކާގެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ކާފިއު ހިންގަން އެންމެ ފުރަތަމަ ނިންމާފައި އޮތީ ރޭ 7:00އިން މިއަދު ހެނދުނު 7:00އަށެވެ. ނަމަވެސް އެ މުއްދަތު މާދަމާ ހެނދުނު 7:00އަށް އިތުރު ކުރަން މިހާރު ވަނީ ނިންމާފައެވެ.

އެ ބަޔާނުގައި ވަނީ، ކާފިއު އިއުލާން ކުރުމުން، ހާއްސަ ހުއްދައަކާ ނުލައި މީހުން އާންމު ތަންތަނަށް އެއްވެ އުޅުން މަނާ ވާނެ ކަމަށް ބުނެފައެވެ.

ލަންކާގައި ސަރުކާރާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުންތައް އުފެދުމާ ގުޅިގެން އިއްޔެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މަހިންދަ އިސްތިއުފާ ދެއްވީ އޭނާގެ ނިންމުމާ ގުޅިގެން މައްސަލަ ހައްލު ވާނެ ކަމަށް ވިދާޅުވެއެވެ. ނަމަވެސް މިއަދު ވެސް އެގައުމުގައި ދަނީ މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ގެކޮޅު ކައިރިއަށް ބައެއް މީހުން އެއްވެ، ރައީސްގެ އިސްތިއުފާއަށް ގޮވާލާފައިވެއެވެ.

އިއްޔެ ލަންކާގައި ހަމަނުޖެހުންތައް އިތުރުވީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން އެއްވެފައި ތިބި ސަރަހައްދުތަކަށް، ސަރުކާރަށް ތާއިދު ކުރާ މީހުން ގޮސް، ހަމަލާ ދިނުމުންނެވެ.

އެ ހަމަނުޖެހުންތަކުގައި ހަތް މީހަކު މަރުވެ، 220އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ލަންކާގެ ފުލުހުން ބުންޏެވެ. އަދި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ބައެއް މީހުން ވަނީ މަހިންދަގެ ދެ ގެއަކަށާއި ވަޒީރުންނާއި ޕާލިމެންޓް މެންބަރުންތަކެއްގެ ގެތަކަށް ވެސް ހަމަލާދީފައެވެ.

މިދިޔަ މާޗް މަހު ލަންކާގެ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ފެށީ އެގައުމުގެ އިގުތިސާދު އިނދަޖެހި، ކާބޯތަކެއްޗާއި ތެޔޮ ފަދަ އަސާސީ ތަކެތި ލިބުން ދަތިވެފައި ވަނިކޮށެވެ. އަދި އޭގެ ސަބަބުން އެގައުމުގައި ކޮންމެ ދުވަހަކު ވެސް ގިނަ އިރު ކަރަންޓު ކަނޑަން ޖެހި، ދަތުރުފަތުރާއި އާންމު ވިޔަފާރިއަށް ވެސް ބުރޫ އަރާފައިވަނިކޮށެވެ.

comment ކޮމެންޓް