މާމެންދޫ ގެއެއްގައި އަލިފާން ރޯވެ، ނޫޅެވޭވަރަށް ގެއްލުން ވެއްޖެ

އަލިފާނުގެ ހާދިސާއަށްފަހު ގއ. މާމެންދޫ ލޯންގްލައިފް ގެ -- ފޮޓޯ/ އަޝްފާ

ގއ. މާމެންދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގޭގައި ނޫޅެވޭ ވަރަށް ގެއްލުން ލިބިއްޖެއެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާގެ މައުލޫމާތު 'ސަން'އާ ހިއްސާކުރައްވަމުން މާމެންދޫ ކައުންސިލްގެ ރައީސް އަޙުމަދު އަޒީޒު ވިދާޅުވީ، މާމެންދޫ 'ލޯންގް ލައިފް' ގޭގައި އަލިފާނުގެ ހާދިސާ ހިނގި އިރު، ގޭގައި އުޅުނީ ދެމަފިރިއަކާއި ތިން އަހަރުގެ ކުއްޖެއް ކަމަށެވެ.

ފަސް މީހުން ދިރިއުޅޭ އެ ގޭގައި، ބާކީތިބި މީހުން ވީ މާލޭގައި ކަމަށާއި، އެމީހުން ރަށަށް ދާން އޮތީ މިއަދު ކަމަށް އަޙުމަދު ވިދާޅުވިއެވެ.

"ދެމަފިރިއަކު، އެމީހުންގެ ބައްޕަވީ މާލޭގަ، މަންމަޔާ،" ބޭސްފަރުވާއަށް މާލޭގައި ތިބި މީހުން އަދި އެނބުރި ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާއަށް ފަހު ދެމަފިރިންނާއި ދަރިފުޅުގެ ހާލު ރަނގަޅު ނަމަވެސް އެމީހުން ދިރިއުޅޭނެ ވަކި ތަނެއް އަދި ނެތް ކަމަށް އަޙުމަދު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއަށްފަހު ގއ. މާމެންދޫ ލޯންގްލައިފް ގެ -- ފޮޓޯ/ އަޝްފާ

"އަޅުގަނޑުމެން މި ބަލަނީ، ޑިޒާސްޓާއާ ގުޅިގެން. އެމީހުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" އަޙުމަދު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާގައި އެ ގެ އެއްކޮށް އަނދާ އަޅިއަށްވެފަައިވާކަން ފާހަގަކުރައްވަމުން އަޙުމަދު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭކަމަށެވެ.

"އެ އަޅުގަނޑުމެންނަކަށްވެސް ނޭނގެ [ރޯވި ސަބަބެއް].އެއް ކޮޓަރީގަ ރޯވެގެން އެ ދިޔަގޮތަށް ގޮސް ސީލިންގުގަ ރޯވެގެން، މަތިން ގޮސް އަނެއް ކޮޓަރީގަ [އަލިފާން] ހިފައިގެން، އެހެން ގޮސް މުޅި ގޭގަ ރޯވީ،" އަޙުމަދު ވިދާޅުވިއެވެ.

އަޙުމަދު ވިދާޅުވީ، ހާދިސާ ހިނގީ ދަންވަރުގެ ވަގުތެއްގައި ކަމުން، އަވައްޓެރިންނާއި އެކި މީސްމީހުން ވެގެން، އެގޭގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ތަކެތި ގެންގޮސްދިންކަމަށެވެ.

އަލިފާން ނިއްވާލުމުގެ އެއްވެސް ވަސީލަތެއް ނެތުމުން، އެވަރުގެ ބޮޑު ހާދިސާއެއް ހިނގުމުން ދަތިތަކެއް ކުރިމަތިވިކަން ވެސް އަޙުމަދު ފާހަގަކުރެއްވިއެވެ.

އަލިފާން ރޯވި ގޭގައި އުޅެމުން ދިޔަ މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ގެ އަނދަމުން ދިޔައިރު، އަލިފާން ނިއްވުމަށް ހިމަ ފެންހޮޅިއާއި ބާލިދީތަކުން ފެންޖަހައި، އަލިފާން ނިއްވާލުމަށް މަސައްކަތް ކޮށްދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އޭނާ 'ސަން' އަށް ބުނީ، އަލިފާން ނިވާލެވުނީ ހަތަރު ގަޑިއިރުން ކަމަށާއި، އަލިފާން ނިވާލެވުނީ އާއްމުންނާއި ފުލުހުންގެ އެހީއާއެކުގައި ކަމަށެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ، އެފަދަ ހާދިސާއެއް ހިނގައިގެން ރޭ ދަންވަރު ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް