ލަންކާގައި ތިބި ދިވެހިންނަށް އެހީވާން އިދިކޮޅުން ގޮވާލައިފި

ސްރީލަންކާގައި ދިރިއުޅެމުންދާ އަދި އެކިކަންކަމުގައި އެ ގައުމަށް ގޮސްތިބި ދިވެހިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުން އަވަސްކުރަން އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.

ލަންކާގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ފުޅާވެ، ސަރުކާރަށް ތާއިދު ކުރާ މީހުންނާ ދެމެދު އިއްޔެ ހަމަނުޖެހުންތައް ހިނގުމުގެ ސަބަބުން އެގައުމުގައި އިއްޔެ ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާންކޮށްފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ސްރީލަންކާގެ ޙާލަތު ބަދަލުވެ، ހިނގަމުންދާ ހަމަނުޖެހުންތަކާ މެދު އެކޯލިޝަނުން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުތަނަވަސް ކަމުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ އެންމެހާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި، ބޭނުންވާ އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރަށް ގޮވާލަން،" އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން، އެ ގައުމުގައި ދިރިއުޅޭ ހުރިހާ ދިވެހިންގެ ހާލު ގާތުން ބަލާ، ބޭނުންވާ އެހީތެރިކަން ދެނެގަނެ، އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް އިދިކޮޅުން ވަނީ އެދިފައެވެ.

އިދިކޮޅުން ބުނީ، ބޭސްފަރުވާ ފަދަ ކަންކަމަށް ލަންކާއަށް ގޮސްއުޅޭ ދިވެހިންވެސް ލަންކާގައި ތިބޭނެ ކަމަށާއި، އެފަދަ މީހުންނަށް ފަސޭހައިން އެނބުރި ގައުމަށް އާދެވޭނެ ގޮތްތައް ހަމަޖައްސައިދޭން ސަރުކާރަށް ގޮވާލާ ކަމަށެވެ.

ލަންކާގެ ބަދަލުވަމުންދާ ޙާލާތާ ގުޅިގެން، އައިސްދާނެ ހާލަތަކަށް ވިސްނައި، އެ ގައުމަށް ދަތުރުކުރާ މީހުން އެކަމަށް ސަމާލުވެ ތިބުމަށް އިދިކޮޅުން ވަނީ އިލްތިމާސް ކޮށްފައެވެ.

ލަންކާގައި މިހާރު ހިނގާ ހަމަނުޖެހުންތަކުގައި އެއްވެސް ދިވެއްސަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ވެގެން ރިޕޯޓްކޮށްފައި ނުވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ.

comment ކޮމެންޓް