ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރުން --- ފޮޓޯ/ ޖެންޑާ

ޖިނާއީ މައްސަލަތަކުގައި، ކުށުގެ ޝިކާރައަކަށްވާ މީހުންނާއެކު މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ޖެންޑާ މިނިސްޓްރީއާ ދެމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސޮއިކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ޕީޖީ އޮފީހުގެ ސަމާލު ކަމަށް އަންނަ މީހުންނަށް ބޭނުންވާނޭ ކަމަށް ފެންނަ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރުމަށް ޕީޖީގެ އޮފީހަށް ލިބޭ މަޢުލޫމާތު، ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް ކަމަށެވެ.

މީގެ އިތުރުން މިއީ ޕީޖީ އޮފީހަށް ލިބޭ މަޢުލޫމާތު، ޖެންޑާ މިނިސްޓްރީއަށް ފޯރުކޮށްދިނުމާއި އެ ފޯރުކޮށްދޭ މަޢުލޫމާތު ބަލައިގަނެ، އެ މަޢުލޫމާތުގެ މައްޗަށް އަމަލު ކުރުމާ ގުޅޭގޮތުން ޕީޖީ އޮފީހާ އަދި ޖެންޑާ މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ޤާއިމު ކުރުމުގެ އެއްބަސްވުމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޖެންޑާ މިނިސްޓްރީގައި މިމަހުގެ އަށް ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސޮއި ކުރެއްވީ ޕީޖީ ހުސެއިން ޝަމީމްއެވެ.

comment ކޮމެންޓް