ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ޓީޓީ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ފޮޓޯ/ދިރާގު

މިއަދު ފަށާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އިއްޔެ ބޭއްވި ހަފްލާއެއްގައި މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ މެނޭޖަރު މުޙައްމަދު މިރްޝާން ޙަސަނެވެ. އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ ނައިބު ރައީސް އިބްރާހީމް ޝިއުރީއެވެ.

އެ ހަފްލާގައި މިރްޝާން ވިދާޅުވީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަކަށް އެހީވުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިންނާ މެދު އިންތިހާއަށް ފަޚުރުވެރިވަން އަދި އެ ކުދިންނަށް ކާމިޔާބަށް އެދެން،" މިރްޝާން ވިދާޅުވިއެވެ.

ޓީޓީ އެސޯސިއޭޝަނުގެ ފަރާތުން ނައިބު ރައީސް ޝިއުރީ ވަނީ ދިރާގުން ވަމުން ގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ އިތުރުން، އިންޑިއާ، ސްރީލަންކާ، ޕާކިސްތާން، ނޭޕާލް، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލުގެ ކުޅުންތެރިންގެ ކުޅުން ފެންނާނެއެވެ.

މިއީ ސަރަހައްދީ ފެންވަރުގައި ކުޅެވޭ އެންމެ ފޯރިގަދަ ޖޫނިއާ މުބާރާތެވެ. އަދި މިއީ އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް މުބާރާތުގެ ކޮލިފިކޭޝަނެއް ވެސްމެއެވެ.

comment ކޮމެންޓް