ސައުދީ ރަސްގެފާނު ކޮލޮނޮސްކޮޕީއެއް ހައްދަވައިފި، ހާލުކޮޅު ރަނގަޅު

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން-- ފޮޓޯ: އަރަބް ނިއުސް

ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ކޮލޮނޮސްކޮޕީއެއް ހަދާފައިވާ ކަމަށާއި ރަސްގެފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި ސަލްމާން ރަސްގެފާނު ވަނީ ޖިއްދާގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި އެޑުމިޓުކޮށްފައެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކުރި ގޮތުގައި ރަސްގެފާނުގެ ކޮލޮނޮސްކޮޕީގެ ނަތީޖާ ރަނގަޅެވެ. ނަމަވެސް ކުޑަދުވަސްކޮޅަކަށް އަރާމުކުރައްވަން ހޮސްޕިޓަލުގައި މަޑުކުރެއްވުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

ކޮލޮނޮސްކޮޕީއަށް ފަހު ރަސްގެފާނުގެ ހާލުކޮޅު ރަނގަޅުވުމުން ބަހްރެއިންގެ ރަސްގެފާނު ޙަމަދު ބިން ޢީސާ އަލް ޚަލީފާ އާއި ވަލީއަހުދު ސަލްމާން ބިން ޙަމަދު އަލް ޚަލީފާ ވަނީ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން، ޔޫއޭއީގެ ރައީސް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އާއި ނައިބު ރައީސް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އަދި އަބޫދާބީގެ ވަލީއަހުދު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ވެސް ވަނީ ސައޫދީ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ލީޑަރުން ވަނީ ސަލްމާން ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، ރަސްގެފާނަށާއި އެގައުމުގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމާއި، ސަލާމަތާއި ރައްކާތެރިކަމަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް