ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ނަޝީދުގެ ތުހުމަތުތަކެއް ރައީސް ޞާލިހަށާއި އަނދުން ހުސައިން އަށް

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް--- ފޮޓޯ/ މަޖިލިސް

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސްއަޅުއްވާކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި މިރޭ ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ އަދުން ހުސައިން އެ ހަމަލާގެ މައްސަލަ ފޮރުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އަދުން ހުސައިން އެކަން ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އިރުޝާދުގެ ދަށުން ކަމަށް ދޭހަވާހެން ވެސް އެ މަނިކުފާނު ވާހަކަދެއްކެވިއެވެ.

"އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ. މި ކަން ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ހުސައިން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނަށް ރައްދު ދެއްވަމުން އަނދުން ހުސައިން ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަކީ އޭނާއަށް ކުރެވޭނެ ކަމެެއް ނޫންކަން ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"ހަގީގަތް ހޯދާކަށް ހުރަހެއް އަޅަން އަޅުގަނޑު އެއްވެސް ތާކު ދެއްކި ވާހަކައެއް ނޯންނާނެ. 241 ކޮމިޓީ މަސައްކަތްކުރި އެއްވެސް ބައްދަލުވުމެއްގައި. ބަދުނާމު ކުރުން ތިއީ،" ހުސައިން ވިދާޅުވިއެވެ.

އަދުން ހުސައިންގެ ވާހަކަތަކަށް ރައްދުދެއްވި މެންބަރުންގެ ތެރޭގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހިމެނިވަޑައިގަންނަވައެވެ. އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް އެކި ހުރަސްތައް ކުރިމަތިވަނީ އެމްޑީޕީގެ ސަރުކާރެއް އޮއްވާ ކަމަށެވެ.

ރައްދުގައި އަނދުން ހުސައިން ވަނީ އިމްޒިޔާޒަކީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު ކަމަށާއި، ތަހުގީގަށް ހުރަސް އެޅުމަށް ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވި މެންބަރުންނަށް ފިޔަވަޅު ނޭޅީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

"އެވަރު ކަމެއް ވެސް ކޮށްނުލެވި އަނެއްކާ ވެސް މި ބޮޑު ޕާޓީގެ ޗެއާޕާސަންކަމަށް ވަޑައިގަންނަވަން ތި ފަލިޖައްސަވަނީ،" އަދުން ހުސައިން ވިދާޅުވިއެވެ.

ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ މިދައްކަނީ ބޮމެއް ގޮއްވާލާ، މައްސަލަ ނުބެލި އުޅޭ ވާހަކަ ކަމަށާއި، އިންތިޚާބެއްގެ ވާހަކަ ނޫން ކަމަށެވެ.

އެ މައްސަލަތައް ބެލޭނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ކަމަށް އަދުން ހުސައިން ވިދާޅުވުން ރައީސް ނަޝީދު ވިދާޅުވީ އެ ހުރިހާ ކޮމިޓީއަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން އަދުން ހުސައިން ހުރަސް އަޅުއްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ އާއިލީ ގެކޮޅުން ނުކުމެ ވަޑައިގެން ކާރަށް އަރާވަޑައިގަންނަވަން ދަނިކޮށް ދެވުނު ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ހަށިކޮޅަށް ވަނީ ބޮޑު ގެއްލުމެއް ވެފައެވެ.

އެ ހަމަލާއާ ގުޅޭ އިހުމާލުގެ ތުހުމަތުތަކެއް މި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް މީގެ ކުރިން ވެސް ވަނީ ކުރެވިފައެވެ. އެގޮތުން، ހަމަލާގެ މައުލޫމާތު އެނގިހުރެ އެކަށީގެންވާ ފިޔަވަޅު ނޭޅުއްވި ކަމުގެ ތުހުމަތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ކުރެވިފައި ވެއެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް އެމަނިކުފާނަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބި އެކަން މިނިސްޓަރު މާރިޔާއާ ހިއްސާކޮށްފައިވެއެވެ. ނަމަވެސް މާރިޔާ އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅުއްވާފައިނުވާ ކަމަށް ބައެއް ބޭފުޅުން ތުހުމަތުކުރެއެވެ.

އެ މައްސަލައާ ގުޅިގެން އިލްޔާސް ލަބީބާ ސުވާލުކޮށް އޭނާގެ ބަޔާނެއް ތަހުގީގަށް ވަނީ ނަގާފައެވެ.

comment ކޮމެންޓް