"ހިތަށް އުފާވެރިކަން ލިބޭ ކަންތައްތަކުގެ ތެރޭގައި ކަންތައްތަކާއި މާޔޫސް ނުވުން، މީހުންނަށް މާފުކުރުން، ކެތްތެރި މީހަކަށްވުން، އެހެން މީހުންގެ ދިރިއުޅުމާއި ތިމާގެ ދިރިއުޅުން އަޅާ ނުކިޔުން، ލިބޭ ރިހުމާއި ވޭންތައް ހިތާއި ސިކުނޑިއަށް ސަވާރުވިޔަނުދިނުން، އަދި ނަމާދުކުތައް ބަރާބަރަށް ކުރުން ހިމެނެއެވެ. ނަމާދާއި ޒިކުރުކުރުމުން ހިތަށް އުފާވެރިކަން ލިބެއެވެ."

***

"ނަވޫދު؟" ލައިލް ގޮވައިލިއެވެ. ކުރިންވެސް މީހަކު ފިލާފައި އޮތްތަން ލައިލް ދެކުނެވެ. އެއްވެސް މީހަކު ގޭގައި ނޫޅޭކަމަށް އޭނަ ސަދަފް ގާތު ބުނީ އެކުވެރިޔާއަށް ބޭވަފާތެރިނުވުމަށެވެ. އެކަމަކު މިފަހަރު އެ ފައިތިލަ ފެނުމުން އެއީ އަންހެންކުއްޖެއްގެ ފައިތިލަކަން ޔަގީންވިއެވެ. މިއީ ނަވޫދުގެ ކޮއްކޮހެއްޔެވެ؟

"އުދަގޫކުރެވުނީތީ މާފަށް އެދެން. އެކަމަކު އަހަންނަކީ ނަވޫދުގެ އެކުވެރިއެއް. ލައިލް. އަހަރެން އައީ ނަވޫދްއާއި ބައްދަލުކޮށްލަން. އަދި ދޮރު ހުރީ ހުޅުވާފައި...."

ކައުޗްގެ ދަށުން ކުޑަކޮށް ފެނުނު މޫނަކާއެކު ބޮޑު މުށިކުލައިގެ ދެލޮލުން އޭނައަށް ކަޅި އަޅައިލިއެވެ. ހަގީގަތުގައި ކުއްލިއަކަށް މިގެއަށް ވަދެގަތް މީހާދެކެ ހިތުގައި ބިރުވެރިކަން އުފެދުނަސް ނަމްރާ ކަޅި އަޅައިގަތީ އެމީހަކު ބިރުގަންނަވާލުމަށެވެ.

"ބޭބެ ކޮބައިތަ؟"ލައިލް ސުވާލުކުރިއެވެ. ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަނޑާއި ތޮރުފާފައިވާ ކަންފަތުގެ ސަބަބުން އޭނަ ހީވަނީ ގޭންގެއްގެ މެމްބަރެއްހެންނެވެ.

"މިތަނުން ނިކުމޭ.."ނަމްރާ އަޑަށް ބާރުލާފައި ބުނެލިއެވެ.

"ސޮރީ..."ލައިލް ދެއަތް މައްޗަށް އުފުލައިލީ އަމާންކަމުގެ ރަމްޒަކަށެވެ.

"ބޭބެ ދުވަހަކު އަހަރެންގެ ވާހަކަ ނުބުނަނީތަ؟" ލައިލްގެ ހިތަށް އުދަގޫވިއެވެ. އޭނަ ނަވޫދްއާއިމެދު ދެކުނީ އެންމެ ގާތް އެކުވެރިޔާކަމުގައެވެ. ލައިލް ދާންވެގެން އެނބުރުނެވެ."އަހަރެން މިހެން އެހީމަ އެއްޗެކޭ ހީނުކުރައްޗޭ. އެކަމަކު ކީއްތިކުރަނީ؟" އަދިވެސް ކައުޗް ދަށުގައި އެކުއްޖާ އޮތުމުން ލައިލް އެކަން ބަލައިލަން ބޭނުންވިއެވެ." ކާކަށް ތި ފިލައިގެން އޮތީ؟"

"އަހަރެން ފިލާފައެއްނޫން މިއޮތީ.." ނަމްރާގެ އަޑު ތޫނުވިއެވެ. އޭނަ ފިލަން މަސައްކަތްކުރުމުން ނާކާމިޔާބުވީއެވެ. ލައިލް ކޮނޑު އަރުވައިލިއެވެ." އެންމެ ރަގަޅު. ބޭބެ ގާތުގައި އަހަރެން އައި ވާހަކަ ބުނެލާތި. ނަމަކީ ލައިލް. ހަނދާން ނައްތާ ނުލާ...."

ލައިލް އެގެއިން ނުކުތްއިރު އެ އަންހެންކުއްޖާގެ ނާޒުކް ކަމާއިމެދު ނުވިސްނަން ހުއްޓަސް ވިސްނެމުން ދިޔައެވެ.

***

ސަދަފް ހޮސްޕިޓަލުގެ ތެރެއަށް ވަންއިރު އޭނަގެ ބޭބެ ސުފިޔާންއާއި ދިމާވިއެވެ. ސަދަފްވެސް އިމަޖެންސީރޫމްގެ ކުޑަދޮރުން އެތެރެއަށް ބަލަން މަސައްކަތްކުރިއެވެ. ރެސްޓޯރެންޓަށް ދިޔަ މަގުމަތީގައި އެދެބެންގެ މަންމަ އެކްސިޑެންޓްވީއެވެ. ރަމަޟާންމަހުގެ ރޯދަވެސް ދޫކޮށްލާފައި ޝަހްނާޒުއައީ އެއީ ބޮޑު ދުވަހަކަށް ވީމައެވެ. އަގުބޮޑު ހެދުމާއި ގަހަނާތައް އަޅައިގެން ނަލަ ހެދިލައިގެން އޭނަ ގެއިން ނުކުތީ ވިޓަމިންވެސް ކައިގެންނެވެ. ރެސްޓޯރެންޓްގައި އޮތް ހަފްލާއަށް މުޅިން ތައްޔާރުވެގެންނެވެ. ނަމަވެސް މިހާރު ޝަހްނާޒު އެއޮތީ ހުދު އިމާރާތެއްގައި ހޮސްޕިޓަލުގެ ގައުނެއްގައި އެ އޮމާން އަތާއި މޫނު ޒަޚަމްވެފައިވާ ހާލު ހޭނެތިފައެވެ.

"މަންމަ ކިހިނެއް؟" މޭގައި އަތް ހުރަސްކޮށްލަމުން އޭނަ އެހިއެވެ." ކިހާވަރެއް އަސްލުވީ؟"

ސުފިޔާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެކްސިޑެންޓްގެ ޚަބަރު އިވުމުން އޭނަވެސް ވަޒީފާގައި ހުރެފައި އަވަސްވީ މަންމަ ގާތަށް އައުމަށެވެ. ނޭވާ ހާސްވާފަދަ ގޮތެއްވާން ފެށުމުން އޭނަ ޓައީއަށް ދޫކޮށްލައިފިއެވެ." އަދިވެސް މަންމަ ހޭނެތިފައި އޮތީ އެކަމަކު މަންމަ ރަގަޅުވާނެ...."

"ސޯ މަންމަ ރަގަޅުވާނެ ކަމަށް ވަންޏާ ތިހާ ފިކުރުބޮޑުވެފައި ނުހުރެބަލަ. ތިހެން ހުރީމަ ބިރުގަނޭ..." ސަދަފް މަޑުމަޑުން ސުފިޔާންގެ ކޮނޑުގައި އަތުން ޖަހައިލިއެވެ."އެހެންވިއްޔާ އަޅުގަނޑު ދަނީ. ވަރަށް އަވަހަށް ކޮމާޝަލް އެއް އެބައޮތް....."

ސަދަފް ނުކުމެގެންދާތަން ބަލަން ސުފިޔާންއަށް ހުރެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. އެވަގުތު ބައްޕަ އިމަޖެންސީރޫމުން ނިކުމެގެން އައީ ޑޮކްޓަރުގެ ގައުން ލައިގެން ހުރެއެވެ. އޭނަ ފިރިހެން ދަރިފުޅުގެ ބުރަކަށީގައި ފިރުމާލައިފިއެވެ." ދަރިފުޅު މިތާ ހުންނަތާ ކޮންއިރެއް؟ ގެއަށް ގޮސް އަރާމުކޮށްލާ. ބައްޕަ މަންމަ ގާތު ހުންނާނަން...."

"ނޫން. ބައްޕާ. ބައްޕަ ރޭ ހަތަރުދަމުވެސް ޑިއުޓީގައި ހުންނެވީ އެހެންވީމަ އަރާމުކޮށްލައްވަން ވާނެ. އަޅުގަނޑު މަޑުކޮށްލަފާނަން..."

"ދަރިފުޅުގެ މަސައްކަތް؟"

"ކިނާން އެކަން ބަލަހައްޓާނެ.." ސުފިޔާން އޭނަގެ ބައްޕައަށް ޔަގީންކަން ދިނެވެ. ބައްޕަގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމާއި ލޮޑުކަމެވެ. އޭނަ ބަލިކަށި ހިނިތުންވުމެއް ދިނެވެ.

"އެންމެ ރަގަޅު. ބައްޕަ ކުޑަކޮށް ނިދާލާފައި އަންނާނަން. އިތުރު ކަމެއްވަންޏާ ބައްޕައަށް ގުޅާލާ...." އުސްމާން ހިނގައިގަތުމާއެކު އަރިއަޅައިލިގޮތުން ސުފިޔާން ހުޝިޔާރުކަމާއެކު ބައްޕަގެ ގައިގާ ހިފެހެއްޓިއެވެ."ބައްޕާ. އާ ޔޫ އޯކޭ؟" ސުފިޔާންގެ އަޑުގައި އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި ހާސްކަން އެކުލެވުނެވެ.

"ދަރިފުޅާ. ދަރިފުޅުގެ މަންމަ........ މަންމަ އޮތީ ކޯމާއެއްގައި.." އުސްމާނުގެ އަޑު ކުރެހުނެވެ.

"އެކަމަކު މަންމަ ހޭލާނެއްނު...." ސުފިޔާންގެ އަޑު އެއްވަރަކަށް ހިފަހައްޓަން މަސައްކަތްކުރިއެވެ. އޭނަ ބައްޕަގެ ލޮލަށް ބަލަހައްޓައިގެން ހުރީ އެ ލޮލުން އުއްމީދުގެ ކުޑަ ނަމަވެސް އަލިކަމެއް ފެނުމަށް އެދިގެންނެވެ. އެކަމަކު އެލޮލުން ފެނުނީ ހުސްކަމާއި ވީރާނާކަމެވެ.

"ބައްޕާ މަންމަ ހޭއަރާނެއްނު. ރައިޓް؟ ބައްޕަ އެއްޗެކޭ ބުނެބަލަ..."ސުފިޔާން އޭނަގެ އަތުގެ ތެރެއަށް ބައްޕަގެ އަތްތިލަ ލެއްވިއެވެ." ޕްލީޒް..."

"އެއްޗެކޭ ބުނަން އަދި ވަރަށް ދަތި. އިންތިޒާރުކުރަން ޖެހޭނީ.." އުސްމާންގެ އެ ޖުމްލައިން ސުފިޔާންއަށް އިހުސާސްވީ އޭނަގެ ހިތް އުސް ކްލިފްއަކުން ވެއްޓިގެން އައިހެންނެވެ. މިހެންވާންވީ ކީއްވެހެއްޔެވެ؟ އޭނަގެ އުފާވެރި ބުރަކޮށް މަސައްކަތްކުރާ މަންމަ ހޭއަރާނެގެ ކަމުގެ ފަންސާސް ޕަސެންޓްގައި އެއޮތީ ކޯމާއެއްގައެވެ. ކުއްލިއަކަށް މިފަދަ ހާލަތަކަށް އަންނާންވީ ކީއްވެހެއްޔެވެ؟ އެކުޑަ އާއިލާއަށް ހުރިހާކަމެއް ވަމުން އައީ އެންމެ ފުރިހަމައަށެވެ. މަޝްހޫރު ބޮޑުކައްކާއަކާއިއެކީ މަންމަ އުޅުނީ ރެސްޓޯރެންޓް ފްރެންޗައިޒް ކުރުމަށެވެ. މަންމަގެ ހަޔާތަށް ފަހަރެއްގައިވެސް ބަލިމަޑުކަމެއް އައިސްފައެއްނުވެއެވެ. މިފަދަ މުސީބާތްތަކުން މަންމަ ސަލާމަތްވެފައިވިއެވެ. އެކަމަކު...ސުފިޔާން ލަސްލަހުން ބޯ ހޫރައިލިއެވެ. ދިރިއުޅުން މިފަދަ ގޮތަކަށް ދާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ އެއް ސިކުންތުކޮޅުގައި ހުރިހާކަމެއް ފުރިހަމައަށް ގޮސްފައި ދެވަނަ ސިކުންތުކޮޅު އެދިޔައީ ގޯހުން ގޯހަށެވެ. އެއްވެސް އިންޒާރެއް ނެތިއެވެ. މިއީ އިންސާފެއް ނޫނެވެ. ސުފިޔާންގެ ވިސްނުން ހުރީ އެގޮތަށެވެ. ގުރުއާނުގެ މި އާޔަތާއިމެދު ސުފިޔާން ވިސްނާފައެއްނެތެވެ.ސޫރަތު ހަދީދު ގެ ވިހިވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވެއެވެ.

"ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއްކަމުގައެވެ. އަދި ޒީނަތެއްކަމުގައެވެ. އަދި ތިޔަބައި މީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި ، ދަރިންތަކާމެދު އެކަކު އަނެކަކަށްވުރެ ގި ނަކަމަށް ބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެ ފެނުން ފެން ލިބިގެން ފެޅި ގަސްތަކެއް ދަނޑުވެރިން އަޖާއިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއި ތަކަކަށް ވެދެއެވެ. އަދި އާޚިރުގައި ވަނީ ، ގަދަފަދަވެގެންވާ އަޒާބެކެވެ. އަދި ﷲ ގެ ހަޟުރަތުން ލިބޭ ފާފަ ފުއްސެވުމާއި ރުއްސެވުމެކެވެ. ކެހިވެރި ކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި ނޫނީ ދުނޔޭގެ ދިރިއުޅުން ނުވެއެވެ."

ދުނިޔޭގެ ކަންތައް ހިނގާގޮތުގެ މިސާލު މި އާޔަތުގައި ޖައްސަވާފައިވަނީ ދަނޑުގެ މިސާލުގައެވެ. ދަނޑުގައި ގޮވާން ހެދި ދޮންވެ ފައްކާވުމުން އޭގެ މޭވާއާއި ގޮވާމުގެ ކުލަތަކުން ދަނޑު ތިޔާގިވެފައިވެއެވެ. އެކަމަކު ދުވަސްގަނޑެއްފަހުން އެކުލަތާއި ތިޔާގިކަން ނެތި އެ ގަސްތައް ހިކި ވަޅޯވެއެވެ. ގޮވާމުން ފުރިފައިވާ ދަނޑުތައް ހުސްވެ ކުލަތަކާއި ފަތްތަކާއި މޭތާތައް އަދި މާތައް އެއްކޮށް ގެއްލިގެން ދަނީ އެ ވުޖޫދަށްވެސް ނާންނަ ފަދައިންނެވެ. ގުރުއާނުގައިވެސް އަންގަވާފައިވަނީ މި ދުނިޔޭގެ ރީތިކުލަތާއި ހިތްދަމައިގަންނަފަދަ ކަންތައްތަކަކީ ކެހިވެރިކަމެއްކަމުގައެވެ. ސަބަބަކީ އެކަންތައް އަހަރެމެންގެ އާޚިރަތަށް މަސައްކަތްކުރުމާއި ދުރުކުރުވައެވެ. މި ހުރިހާ "ވިދުން"ތަކަކީ އަބަދަށް ދެމިހުންނަ އެއްޗެހި ކަމުގައި ހީކުރެވުނަސް މިއީ ވަގުތީ އުފަލެކެވެ. ﷲ ވައުދުކުރައްވާފައިވާ ފަދައިން މިބިމާއި ބިމުގައިވާހާ އެއްޗެއް ނެތިގެންދާނެއެވެ. ދުނިޔޭގެ އެއްވެސް އުފަލަކީ ދާއިމީ އެއްޗެއް ނޫނެވެ.

ރޯޒްކްލިފް އާއިލާއިން ގުރުއާނުގެ އެ އިންޒާރުގެ މަތިން ހަނދާންނައްތައިލީއެވެ. ޝަހްނާޒު އެނދުގައި އޮތީ ހަރަކާތެއް ނުކުރެވި އެކަމަކު ސިކުނޑި އޭގެ އެންމެ ފުރިހަމަ ސަމާލުކަމުގައެވެ. އޭނަގެ ހާލަތު ރަގަޅަށް ވަޒަން ކުރެވެއެވެ. އެކަމަކު އެންމެ އިނގިއްޔެއް ހިއްލައިނުލެވުނުއިރު އަނގަވެސް ހަރަކާތެއްނުކުރިއެވެ. ހިތާއި ސިކުނޑީގެ ހައިޖާން އޭނައަކަށް އޮޅުކުރެވޭނެ ގޮތެއްނުވިއެވެ. މިވީ ކިހިނެއްހެއްޔެވެ؟ އެކްސިޑެންޓްވުމާއި އޭނަ ހޮސްޕިޓަލަށް ގެނެވި އެތައް ބައިވަރު ވައިރުތަކާއި ގުޅަން ގަޑިއެއްހާއިރުވެސް ނުނެގިއެވެ. އޭނަ އޮތީ ކޯމާއެއްގައި ކަމުގައި ޑޮކްޓަރުން ބުނިއަޑު އިވުނެވެ. އުސްމާންގެ އަޑުވެސް އެންމެ ފަހަރަކު އިވުނެވެ. އޭނައޮތީ އަދި ޚަބަރުހުސްވެފައިކަމުގައި ޑޮކްޓަރުން ހީކުރިއެވެ. އެގޮތުގައި ދުވަސްގަނޑަކަށް އޮވެދާނެކަމުގައި އެމީހުން ކިއެވެ. ބަލިމީހާ ހޭއެރުމުން އެކަނިވެރިވާނެކަމުގައި ދެކި ނޯރާއޭ ކިޔާ ނަރުސްކުއްޖަކު ދިޔައީ ރޭޑިއޯވެސް ހުޅުވާފައެވެ. އަޖައިބުވީ އެގަޑީގައި ގުރުއާންގެ ރިކޯޑިންއެއް އަންނަން ފެށިކަމެވެ. ގާރީއަކު ކިޔަވަމުން ދިޔައީ ތަކާސުރު ސޫރަތެވެ. ޝަހްނާޒުއަށް ސާފުކޮށް އަޑުގަދަކޮށް އެ އާޔަތްތައް އިވުނެވެ. އެއީ ކުޑައިރު އޭނަ ހިތުން ދަސްކުރި ސޫރަތެކެވެ. އެ ސޫރަތް އަޑުނީވޭތާ ކިތައް އަހަރު ވެދާނެބާވައެވެ. ތިރީސް އަހަރުހެއްޔެވެ؟ ނޫނީ އެއަށްވުރެ ގިނަ އަހަރުހެއްޔެވެ؟ ކިތަންމެ އަހަރެއްވިޔަސް އޭނަގެ ސިކުނޑިއަށް އެ ސޫރަތް އަންނަމުން ދިޔަ ގޮތް ފަސޭހަކަމުންދުވަހަކު އެ އާޔަތްތައް ހަނދާން ނައްތައިނުލާ ސިކުނޑީގައި ވިފަދައެވެ. މެރިފައިވާ ލޮލުން ކަރުނަ އޮހިގަތެވެ. އެ ކޮޓަރިއަށް ވެރިވެފައިވަނީ ފުން ހިމޭންކަމެކެވެ. ހިތަށް ފިނިކަން ގެނެސްދޭފަދަ ގުރުއާންގެ އަޑު ފިޔަވާ އިތުރު އަޑެއް ނީވެއެވެ. ޝަހްނާޒުގެ ސިކުނޑި ހަޅޭއްލަވަމުން ދިޔައިރު ހިތް ދިޔައީ ކަރުނަ އަޅަމުންނެވެ. ގުރުއާނުގެ އަލް ތަކާސުރު ސޫރަތުގައި މާތް ﷲ ވަހީކުރައްވާފައިވަނީ

"މުދަލާއި ދަރިން ގިނަކަމަށް އެކަކުއަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައި މީހުން ﷲ ގެ މަތިން ހަނދުމަނެއްތައި މަޝްޣޫލް ކޮށްފި އެވެ.ތިޔަބައި މީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ. އެބަހީ: މަރުވެއްޖައުމަށް ދާންދެނެވެ.ހަމަހިލާ އެހްންނަކުން ނުވާނެއެވެ. ނިކަންހުރެ ތި ޔަބައި މީހުންނަށް އެނގޭނެތެވެ.ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތި ޔަބައި މީހުންނަށް އެނގޭނެތެވެ.ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަގީން ކަމުގެ އެނގުމުން ތި ޔަބައި މީހުންނަށް އެނގޭނެނަމައެވެ.ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ. ދެންހަމަ ޔަގީން ކަމުގެ ދުށުމުން، ތިޔަބައި މީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.ދެން އެދުވަހުން ހަމަކަށަވަރުން ދުނިޔޭގައި ތިޔަބައި މީހުންނަށް ލިބުނު ނިއުމަތްތަކާމެދު ތިޔަބައި މީހުންނާ ސުވާލު ކުރައްވާނެކަން ކަށަވެރެވެ."

***

ސުފިޔާން ލައިބްރަރީއަށް ވަންއިރު އަލްވާ ހުރީ އާ ފޮތްތަކުގެ ނަންތައް ނޯޓް ފޮތެއްގައި ލިޔުމުގައި އަވަދިނެތިއެވެ. އެއީ ހީރާ ޖެއްސި މަސައްކަތެވެ. ދުއިސައްތައަށްވުރެ ގިނަ އާ ފޮތްތައް އެތަނަށް ލިބިފައިވިއެވެ. އޭނަގެ އަތުގެ ކުޑަހުޅަށް ތަދުވާންފެށިއިރު ރޯދައިގެ ސަބަބުން ބަނޑުހައިކަންވެސް އިތުރުވިއެވެ. ސުފިޔާން ފެނުމާއެކު އޭނަގެ ލިޔުން ލަސްވަމުންގޮސް ހުއްޓުމަކަށް އައެވެ. އެކަމަކު ސުފިޔާން އޭނައަށް ސަމާލުކަމެއްނުދީ ފަސްދީފައި ގޮސް ހުއްޓުނީ ފޮތް ހަރުގަނޑެއްގެ ކައިރީގައެވެ. މަޑުނޫކުލައިގެ ގަމީހަކާއި އަޅިކުލައިގެ ފަޓުލޫނެއްގައި ހުރި ހައިބަވަންތަ ކަމުން ފުރިފައިވާ އެ ޒުވާނާ އަލްވާއަށް ފެނުނީ މަޖައްލާތަކުގެ ބަޑޭރިގަނޑުން ފެންނަ މޮޑެލްއެއްހާ ފުރިހަމަކޮށެވެ. އެފަދަ ޒުވާނެއްގެ ޝައުގު ހުންނާނީ ކޮންފަދަ ފޮތްތަކަށްހެއްޔޭ އަލްވާ ހިތަށް އެރިއެވެ. އަލްވާއަށް ފެނުނީ ފޮތެއް ހިފައިގެންގޮސް އެންމެ ކަނުގައި ހުރި މޭޒަކުން ޖާގަނެގި ތަނެވެ. ފޮތް ހުޅުވުމުގެ ބަދަލުގައި އަތުތެރޭގައި މޫނު ފޮރުވައިގެން ސުފިޔާން އިނެވެ. އަލްވާ އެސްފިޔަތައް އަވަސްއަވަހަށް ޖަހައިލުމަށްފަހު އޭނަގެ މަސައްކަށް ސަމާލުކަން ދޭން މަސައްކަތްކުރިއެވެ. ސުފިޔާންއަކީ އޭނަގެ މައްސަލައެއް ނޫނެވެ. އެވަރުންވެސް އަލްވާގެ ހިތުގައި އުތުރިއަރައިގަތް ޝައުގުވެރިކަން ނައްތައެއްނުލެވުނެވެ. ސިއްރު ނަޒަރަކުން ސުފިޔާންއަށް ބަލައިލުމާއެކު އޭނަ ރޮނީކަމުގައި ޝައްކު ކުރެވުނެވެ. އޭނަ ލޯ ފޮހެލިތަންވެސް ފެނުނެވެ. ދެން އަލްވާގެ ނަޒަރު ހުއްޓުނީ އެހެން މޭޒެއްގައި އިން މެހެކްއަށެވެ. އާދައިގެމަތިން ފޮތްތަކަށް ގެއްލިފައި އިންވަރުން ވަށައިގެން ހިނގާ އެއްވެސް ކަމެއްގެ ހިލަމެއް ނުވާފަދައެވެ. އަލްވާ ހިނގައިގަތީ ސުފިޔާން އިން ދިމާލަށެވެ. ސުފިޔާންއާއި ދިމާވި ކޮންމެ ވަގުތެއްގައި އޯގާތެރިކަން ދައްކާދީފައިވުމުން ސުފިޔާންގެ ހާލު އަހައިލުމުގައި ގޯހެއް ނެތެވެ.

"ހޭއި..."އަލްވާ ކުޑަކޮށް ގުދުވެލަމުން އެ ފޮތުގެ ނަމަށް ބަލަން މަސައްކަތްކުރިއެވެ. އެއީ ޝަހްނާޒް އާދަމްގެ "ދަ ޖޯއި އޮފް ކުކިން "ކިޔާ ފޮތެކެވެ. ސުފިޔާންފަދަ ފިރިހެނަކު ކިޔާނެހެން ހީނުވާފަދަ ފޮތެކެވެ. ސުފިޔާން އިސް އުފުލައިލިއިރު އެ އަޅި ލޮލުން ހިތާމައާއި މޮޅިވެރިކަން ފިޔަވާ އެހެން އެއްޗެއް ނުފެނުނެވެ.

"ހާލު ރަގަޅުތޯ؟" އޭނައާއި ބެހޭ ކަމަކަށް ނުވިޔަސް އަލްވާއަށް އަހައިލެވުނެވެ. ސުފިޔާންގެ ތުންފަތަށް ބަލިކަށި ހިނިތުންވުމެއް ވެރިވިއެވެ."ވަރަށް އޮބްޒަވެންޓް ހެން ހީވޭ.."

ސުފިޔާންގެ އެ ޖުމްލައިން އެއްވެސް އެއްޗެއް ނޭހުނުނަމައޭ އަލްވާގެ ހިތަށް އެރިއެވެ.

"ކޮފީއެއް ގެނެސްދެންތޯ؟" އަލްވާގެ ސުވާލުން ސުފިޔާން ހައިރާންވިއެވެ.

"އޯ....އެކަން އޮންނަގޮތެއް ނޭގޭ ދެއްތޯ؟ އެކަމަކު މި ފޮތް ފިހާރައިން ހިލޭ ކޮފީވެސް ދޭ...."އަލްވާ ހިނިތުންވެލިއެވެ." ވެރިޔާގެ ރީތި އަޚުލާގު........"

"އެހެންތަ؟" ސުފިޔާން މިފަހަރުވެސް އޭނައާއި ހަތަރުކަޅި ހަމަކޮށްލިއިރު އެ ތުންފަތުން ލުއި ހިނިތުންވުމެއް ފެނިލިއެވެ.

"އާހް. އެކަމަކު ރޯދަ ހިފައިގެންކަން ޔަގީން. އައިމް ސޯ ސޮރީ..." އަލްވާއަށް ކުއްލިއަކަށް އެއީ ރަމަޟާން މަސްކަން ރޭކާލައިފިއެވެ.

"އެންމެ ކުރިން އަޅުގަނޑު ހީކުރީ ރޯދަ ނުހިފާނެ......." އަލްވާގެ ޖުމްލަ ފުރިހަމަނުކޮށް ދުލުގައި ދައިގަތެވެ. އޭނަ އެކި މީހުންގެ ދީނާއިމެދު ގޮތެއް ނިންމަން ޖެހޭހެއްޔެވެ؟ ސުފިޔާންއަކީ މުސްލިމެއް ނޫންކަމަށް ހީކުރެވެން ވީވެސް ކީއްވެހެއްޔެވެ؟

"ރަމަޟާން މުބާރަކް އަލްވާ..." ސުފިޔާން ކޮޅަށް ތެދުވެ ހިނިތުންވެލިއިރު ލޮލާއި ހަމަޔަށް އެ ހިނިތުންވުމެއް ނުފޯރިއެވެ. އެހާވެސް ހިތާމަވެރި ދެލޮލެވެ." އީދުގައި ކޮންކަމެއް އޮތީ؟"

"އީދު؟" އަލްވާއަށް އަހައިލެވުނެވެ. އެއާއެކު ހަނދާނަށް އައީ އީދުގެ އުފާވެރި މުނާސަބާއެވެ."ހޫމް.... ހަގީގަތުގައި އެހާ ބޮޑަށް އީދު ސެލެބްރޭޓެއް ނުކުރަން. ރަށުގެ އެންމެން އެކީ އީދު ނަމާދަށްފަހު ހެނދުނު ކެއުމެއް އޮންނާނެ.."

"އަހަރެން އަޑުއެހިން މި ތަނުގައިވެސް އީދުގެ އިވެންޓެއް އޮންނާނެ ވާހަކަ. އަލްވާއާއި އެކުވެރިޔާ އެ އިވެންޓްގައި ބައިވެރިވިއްޔާ ރަގަޅު...."ސުފިޔާން މޭޒުމަތީގައި އޮތް ފޮތް ނަގާ ދިއްކޮށްލިއެވެ." މިފޮތް ހަރުގަނޑަށް ލައިދީފާނަން؟"

މިފަހަރުވެސް ސުފިޔާން ނުކުމެގެން ދިޔައީ އެ މަޑުމައިތިރި އަޑާއި ހިނިތުންވުންތަކާއި އެ މަޑުމައިތިރި ޝަޚުސުން އޭނަގެ ހިތުގައި ބިންވަޅު ނަގާފައެވެ. ރޯޒްކްލިފްގެ އީދު މުނާސަބާގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދޭން ބަލައިލިއިރު ސުފިޔާން އެތަނުންގޮސް އަވަދިވެއްޖެއެވެ. ސުފިޔާން ބުނީ އޭނައާއި އޭނަގެ އެކުވެރިޔާކަމުގައެވެ. މެހެކް އަބަދު ލައިބްރަރީގައި އިންނަތަން ސުފިޔާންއަށް ފާހަގަވީހެއްޔެވެ؟ އެހާ ގިނައިން މިތަނަށް ޒިޔާރަތްކުރާ ސަބަބަކީ އެއީބާވައެވެ. ފަހަރެއްގައި އޭނަ މެހެކްއަށް ޝައުގު ހުރީހެއްޔެވެ؟ ހިތުގެ ކަނުގައި އުފެދުނު ހަސަދައިގެ ކަންޏާއެކު އަލްވާއަށް ހިންދިރުވައިލެވުނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު