ދުނިޔޭގެ ފުރަތަމަ އެއްމާބަނޑު ނުވަ ކުދީންނަށް އެއް އަހަރު

މާލީގެ ދެމަފިރިއަކަށް އުފަން، އެއްމާބަނޑު ނުވަ ކުދިން -- ފޮޓޯ/ ބީބީސީ

މާލީގެ ދެމަފިރިއަކަށް އުފަން، ދުނިޔޭގެ އެންމެ ފުރަތަމަ އެއްމާބަނޑު ނުވަ ކުދިންނަށް އެއް އަހަރު ފުރިއްޖެއެވެ.

އުމުރުން 27 އަހަރުގެ ހަލީމާ ސީސޭ އާއި އަބްދެލްކަދީރު އަރްބީއަށް މިދިޔަ އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހު ވަނީ ފަސް އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން ލިބިފައެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އެއް މާބަނޑު ނުވަކުދިންނަށް އެއް އަހަރު ފުރުމާ ގުޅިގެން އެ ކުދިންގެ ބައްޕަ ބުނެފައިވަނީ ކުޑަކުޑަ ނުވަ ކުދިން ބެލުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އެކުދިން ދުޅަހެޔޮ ސިއްޙަތެއްގައި ދެމިތިބުމަކީ އެ ދެމަފިރިންނަށް ލިބިފައިވާ ނަޞީބެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ދުވަސް ނުފުރާ އުފަންވެފައިވާ މި ނުވަ ކުދިން ވެސް އުފަންވެފައިވަނީ ސިޒޭރިއަން ހަދައިގެން، މޮރޮކޯގެ ކަސަބްލެނާގައި ހުންނަ އައިން ބޯރްޖާ ކްލިނިކްގައެވެ.

ސީސޭ އާއި އަރްބީ މޮރޯކޯއަށް ދިޔައީ މާލީގެ ސަރުކާރުގެ އެހީގައި، ދަރިންނަށް ހާއްސަ ފަރުވާ ހޯދުމަށްޓަކައެވެ.

މޮރޮކޯގެ ކްލިނިކުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެކުދިން ރައްކާތެރިކަމާއެކު ދުނިޔެއަށް އުފަން ކުރުމަށްޓަކައި 30އަށް ވުރެ ގިނަ ޑޮކްޓަރުންނާއި ޕެރަމެޑިކްސް ހަރަކާތްތެރިވިއެވެ.

ބީބީސީއަށް މައުލޫމާތު ދެމުން އެކުދިންގެ ބައްޕަ އަރްބީ ބުނެފައިވަނީ އެ އާއިލާ މިހާރު ދިރިއުޅެމުން ދަނީ އެކުދިން އުފަންވި ކްލިނިކްގެ މިލްކުވެރިންނަށް ނިސްބަތްވާ މެޑިކަލް ފްލެޓްއެއްގައި ކަމަށެވެ.

އެއްމާބަނޑު އެންމެ ގިނަ ކުދިންގެ ގޮތުގައި އެ ނުވަ ކުދިން ވަނީ ގިނިސް ވޯލްޑް ރެކޯޑް ފޮތުން ޖާގަ ހޯދާފައެވެ. މީގެ ކުރިން އެ ރެކޯޑް ހޯދާފައިވަނީ 2009 ވަނަ އަހަރު އެމެރިކާގެ ކެލިފޯނިޔާގެ އަންހެނެއް ކަމަށްވާ ނާދިޔާ ސުލޭމާނަށް އުފަންވި އަށް ކުދިންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ބުނެފައިވާގޮތުގައި އަހަރެއްގެ މައްޗަށް ދުވަސް ނުފުރާ 15 މިލިއަނެއްހާ ތުއްތު ކުދިން އުފަންވެއެވެ. އެގޮތަށް އެންމެ ގިނައިން ކުދިން އުފަން ވަނީ އެފްރިކާ އާއި ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ.

comment ކޮމެންޓް