ތަމްރީނު ޕްރޮގްރާމަކަށް ދިވެހި ސިވިލް ސާވިސް 11 ވަނަ ބެޗް އިންޑިއާއަށް

ތަމްރީނާއި ތަޖްރިބާ ހޯދުމަށް އިންޑިޔާއަށް ފުރި ދިވެހި ސިވިލް ސާވިސްގެ ޓީމު -- ފޮޓޯ/ ސިވިލް ސާވިސް ކޮމިޝަން

ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019 ވަނަ އަހަރު އެންސީޖީޖީ އާއެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މި ތަމްރީނުގައި ބައިވެރިވުމަށް, 11 ވަނަ ބެޗު އިންޑިއާއަށް ފުރައިފިއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ 40 މުވައްޒަފަކު އިންޑިއާއަށް ފުރީ މިއަދު ހަވީރުއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން، މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފުރި ޓީމުގައި، ރާއްޖޭގެ މިނިސްޓްރީތަކާއި، ސުކޫލްތަކާއި އަދި ކައުންސިލް އިދާރާތަކުގެ މެނޭޖިރިއަލް ފަންތީގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެއެވެ.

"ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮ ސިވިލް ސާވެންޓްސް އޮފް މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ "ނެޝަނަލް ސެންޓަ ފޯ ގުޑް ގަވާނަންސް" އިން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި އިންޑިއާގެ ސިވިލް ސާވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ގުޅޭ މައުލޫމާތު ސެޝަންތައް ހިމެނޭނެއެވެ.

މި ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ސިވިލް ސާވިސްގެ ދާއިރާގައާއި ސަރުކާރު ހިންގުމުގައި އިންޑިއާގެ ތަޖުރިބާ ބައިވެރިންނާ ހިއްސާ ކުރާގޮތަށެވެ.

މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާގައި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ.

މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސާވިސް މުވައްޒަފުން ތަމްރީނު ކުރާ މައި މަރުކަޒެވެ. އަދި ދެވަނަ ހަފްތާގެ ސެޝަންތައް ކުރިއަށް ގެންދެވޭނީ ދިއްލީގައެވެ.

މީގެ އިތުރުން މި ދަތުރުގައި މަސޫރީ އަދި ދިއްލީގެ ސަޤާފީ ތަންތަނަށް ބައިވެރިން ޒިޔާރަތްކޮށް، ދެ ޤައުމުގެ ސަޤާފީ ހަރަކާތްތަކެއް ދައްކުވައިދޭ ހަފްލާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރި ވާނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސަމީރެވެ.

comment ކޮމެންޓް