ސަލާމް ކުރުމަކީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިންވާ އަމަލެއް: ޚުޠުބާ

މިސްކިތްތަކުގައި މީހުން ރޯދަވިއްލަނީ -- ސަން ފޮޓޯ/ ނާއިލް ހުސައިން

މީސްތަކުންނާ ސަލާމް ކުރުމަކީ އެންމެ ހެޔޮ އަމަލުތަކުގެ ތެރެއިންވާ އަމަލެއްކަން ކީރިތި ރަސޫލާ ބަޔާން ކުރައްވާފައިވާކަން ހަނދާން ކޮށްދެމުން، މިއަދުގެ ހުކުރު ޚުޠުބާ، 'އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ހައްގުތައް' މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ.

ޚުޠުބާގައި ބުނީ މާތް ﷲގެ އެއްކައުވަންތަކަން ގަބޫލު ކުރުމާއި، ރަސޫލާއަށް ލޯބިވުމާއި، އެކަލޭގެފާނަށް އަދަބު އިހުތިރާމު އަދާކުރުމާއި، އިސްލާމީ ޝަރީއަތަށް ބޯލަނބައި ކިޔަމަންގަތުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށާއި، އެއީ ﷲ އާއި ރަސޫލާއަށް އަދާކުރަން ޖެހޭ ހައްގެއް ކަމަށެވެ.

ﷲ އާއި ރަސޫލާއަށް އަދާކޮށްދޭން ޖެހޭ ހައްގުތަކުގެ އިތުރުން، އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ހައްގުތަކެއްވެސް ވާކަން ޚުޠުބާގައި ބުންޏެވެ.

"އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ހައްގުތައް ފަހެކެވެ. އެހެން ރިވާޔަތެއްގައި ހައެއް ކަމަށް ބަޔާންވެގެން ވެއެވެ،" ރަސޫލާގެ ހަދީޘެއްގައި ވާކަމަށް ޙުޠުބާގައި ބުންޏެވެ.

އެ ހައްގުތަކުގެ ތެރޭގައި ހިމެނެނީ، ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމާއި، ދައުވަތެއް ދީފިނަމަ އިޖާބަ ދިނުމާއި، ކިނބިއްސެއް އެޅޭހިނދު މާތް ﷲ އަށް ހަމްދު ކޮށްފިނަމަ އޭނާގެ މައްޗަށް ދުޢާ ކުރުމާއި، ބަލިވެއްޖެ ނަމަ އޭނާއަށް ޒިޔާރަތް ކުރުމާއި، ދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުން ކަމަށް ޚުޠުބާގައި ބުންޏެވެ.

"މި ޙަދީޘްގައި ބަޔާން ކުރައްވާފައިވާ ޙައްޤުތަކަކީ އެއްވެސް މުސްލިމަކު ދޫކޮށްލައިގެންވާނެ ޙައްޤުތަކެއް ނޫން،" ޚުޠުބާގައި ބުންޏެވެ.

އެގޮތުން، ސަލާމާއި، އޭގެ ޖަވާބަކީ މުޖުތަމައާއި އެމީހަކަށް އަމާންކަން ލިބިގެންވާކަމުގެ މެސެޖެއް ކަމަށާއި ތިމާގެ ފަރާތުން އަނެކަކަށް އުނދަގުލެއް ނުވަތަ ތުރާލެއް ނުވާނެކަމުގެ އަހުދެއް ކަމަށް ޚުޠުބާގައި ބުންޏެވެ.

މީގެ އިތުރުން، ދެވޭ ދައުވަތަށް އިޖާބަ ދިނުމާމެދު ޚުޠުބާގައި ބުނީ، ކީރިތި ރަސޫލާއަށް ދައުވަތުދޭ މީހަކީ ކޮންމެ ފެންވަރެއްގެ މީހެއް ކަމަށްވީ ނަމަވެސް، އެކަލޭގެފާނު އެ ދައުވަތަކަށް އިޖާބަ ދެއްވާ ކަމަށެވެ.

މުސްލިމުންގެ އެކަކު އަނެކަކުގެ މައްޗަށް އޮންނަ ލޯބި އޮންނަން ވާނީ ދިރިތިބި އިރު އެކަނި ނޫން ކަމަށާއި، މަރުވުުމުން ވެސް އެ ހައްގުތައް ދަމަހައްޓަން ޖެހޭނެކަމަށް ހުތުބާގައި ހަނދާންކޮށްދިނެވެ.

އެ ހައްގުތަކުގެ ތެރޭގައި، ޖަނާޒާގައި ބައިވެރި ވުމާއި ކަށުނަމާދުގައި ބައިވެރިވުމާއި، މައްޔިތާ ވަޅުލުމުގެ ކަންތަކުގައި ބައިވެރިވުމާއި މައްތިޔާގެ މައްޗަށް ހެޔޮ ދުޢާކުރުން ހިމެނޭކަނަށް ޙުޠުބާގައި ބުންޏެވެ.

comment ކޮމެންޓް