އދ. އާންމު މަޖިލީހުގެ ރައިސާ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ބައްދަލުކުރައްވައިފި

ނައިބުރައީސް ފައިސަލް ނަސީމް އދ. އާންމު މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވަނީ--- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދާ ބައްދަލުކުރައްވައިފިއެވެ.

ނައިބު ރައީސް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ބައްދަލުވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އދ. ގެ މައި މަރުކަޒުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢަބްދުﷲ ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެފައެވެ.

އެ މަޤާމަށް ޝާހިދު ހޮވިވަޑައިގެން އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގެ ދަށުން އަންހެނުންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދެއްވުމަށާއި، ޒުވާނުންގެ ކުރިއެރުމަށް ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކުރައްވާއި ނައިބުރައީސް ވަނީ ތައުރީފް ކުރައްވާފައެވެ.

މީގެ އިތުރުން، މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ކުރައްވާ މަސައްކަތްތަކާއި، ނާޒުކު ހާލަތްތަކުގައިވާ ޤައުމުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ކުރައްވަމުންދާ މަސައްކަތްތައް ވެސް ވަނީ ނައިބުރައީސް ފާހަގަކުރައްވަވާފައެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރުގެ ހައިސިއްޔަތުން ޝާހިދު ރާއްޖެއަށް ހޯއްދަވައިދެއްވާ ފުރުސަތުތަކާއި އިންވެސްޓްމަންޓްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖޭގެ ފަރާތުން ފަތުރުވެރިކަމާ ގުޅޭގޮތުން އދ. ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ނައިބު ރައީސާ ޝާހިދު ވަނީ އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގެ ކުރިން ނައިބު ރައީސް ވަނީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އދ. ގެ ޢާންމު މަޖިލީހުގައި މިއަދު ކުރިޔަށްގެންދާ މަތީ ފެންވަރުގެ ބަހުސްގައި ތަޤްރީރު ކުރައްވާފައެވެ.

comment ކޮމެންޓް