ރާއްޖެ އިޝްތިހާރު ކުރަން ފަރަންސޭސި ނޫސްވެރިންނާއި އިންޑިއާގެ އެކްޓަރުންތަކެއް ގެނެސްފި

ރާއްޖެ އިސްތިހާރުކުރުމަށް މިފަހަރު އައި އިންޑިއާގެ ޓީމް -- ފޮޓޯ/ އެމްއެމްޕީއާރުސީ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދައުވަތަކަށް ފްރާންސުގެ ނޫސްވެރިންނާއި އިންޑިއާގެ މަޝްހޫރު ސެލެބްރިޓީން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ފަރަންސޭސި ނޫސްވެރިން އިއްޔެ ފެށި ދަތުރު ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި އިންޑިއާގެ އިންފްލުއެންސަރުންނާއި އެކްޓަރުން ހިމެނޭ ޓީމުގެ ދަތުރު ކުރިއަށް ދިޔައީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ.

އިންޑިއާއިން ރާއްޖެ އައި ޓީމުގައި ހިމެނެނީ އަޝީ ކަންނާ އާއި، ޝްރޫތީ ސިންހާ އާއި، މެހަކް ގައި އާއި، އާޝްނާ މަލާނީއެވެ. އަދި ފަރަންސޭސިވިލާތުގެ ޓީމުގައި ނަން މަޝްހޫރު އައުޓްލެޓްތައް ކަމުގައިވާ ގްރަޒިޔާ.ފރ, ޑިޒަޔާ ޑި ވޮއޭޖައެޒް, ލެސް ބޫމިއުޒަސް އަދި އިންފްރަރޫޖް އިގި ނޭޝަނަލް ގިއޯގުރްފިކް ހިމެނެއެވެ.

ފަރަންސޭސިވިލާތުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ ސަން ސިޔާމް އިރުފުށި އަދި ދަ ވެސްޓިން މޯލްޑިވްސް މިރިޔަންދޫ ރިސޯޓްގައެވެ. އަދި އިންޑިއާގެ ޓީމު ތިބީ ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި ލެމެރިޑިއަން ރިސޯޓް އެންޑް ސްޕާގައެވެ.

ރާއްޖެ އިސްތިހާރުކުރުމަށް މިފަހަރު އައި ފަރަންސޭސި ނޫސްވެރިންގެ ޓީމު -- ފޮޓޯ/ އެމްއެމްޕީއާރުސީ

މި ދެ ޓީމަށް ވެސް ވަނީ ސްނޯކްލްކުރުމާއި، ވޯޓާ ސްޕޯޓްސް އާއި މި ރިސޯޓުތަކުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދީފައެވެ.

މި ދަތުރުގައި، އިންޑިއާގެ ޓީމުގެ ތަޖުރިބާތައް ޓީމުގެ މެންބަރުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރަން ވަނީ ހަމަޖައްސާފައެވެ. އަދި ޕަބްލިޝްކުރާ ޕޯސްޓްތައް 5.7 މިލިއަން މީހުންނާ ހަމައަށް ފޯރާނެ ކަމަށް އެމްއެމްޕީއަރުސީން ލަފާކުރެއެވެ.

ހަމައެއާއެކު ފަރަންސޭސި ނޫސްވެރިންގެ ޓީމުން ދިވެހިރާއްޖެއަށް ޚާއްޞަ ލިޔުންތައް އެ ނޫސްވެރިއެއްގެ މީޑިއާ އައުޓްލެޓުގައި ޝައިއުކުރާނެއެވެ. މި ލިޔުންތައް 5.5 މިލިއަނަށް ވުރެ ގިނަ ކިޔުންތެރިންނަށް ފޯރާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިހާތަނަށް ރާއްޖެއަށް އިންޑިއާގެ 65,412 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި ފްރާންސުގެ 25,282 ޒިޔާރަތްކޮށްފައިވެއެވެ.

comment ކޮމެންޓް