މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓްތަކެއް ފޭސްބުކުގައި ދައުރުވާތީ ސަމާލުވުމަށް އެދެފި

މަކަރާ ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓްތަކެއް ފޭސްބުކުގައި ދައުރުވާތީ ސަމާލުވުމަށް އެދެފި -- ފޮޓޯ/ ޕޮލިސް

އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެެއް ފޭސްބުކްގައި ދައުރުވަމުން އަންނާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން އެދެފިއެވެ.

ފުލުހުން ބުނީ އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި ޕޭޖުތަކެއް ހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ޝެއާ ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ހެޔޮ އަގުގައި ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓްތަކެއް ވެސް ޝެއާކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެގޮތުން، ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމެންޓް ނަގަމުންދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށާއި އަދި ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެ ޕޯސްޓުތައް ޝެއާނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.

މި ޒާތުގެ ކަންކަމަކީ އާއްމު ފަރާތްތަކުން ވިސްނުންތެރިކަން އިސްކޮށްފިނަމަ ހައްލު ކުރެވިދާނެ މައްސަލަ ތަކަށް ވާތީ މިފަދަ އެއްވެސް ފަރާތަކާއެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށް ފުލުހުން އަބަދުވެސް އަންނަނީ ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހަނދާން ކޮށްދެމުންނެވެ.

comment ކޮމެންޓް