އިސްރާއީލު ޖަހައިގަނެގެންއުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ ފާރަވެރިޔާ މަރާލީ ފަތްހު ޖަމާއަތުގެ މުޖާހިދުން

ފަލަސްތީނުގެ ހުޅަނގު އައްސޭރީއަށް އައްގަދަކުރަމުން ގެންދާ ޔަހޫދީ ވަޒަންވެރިން

ރާމަﷲ (އެޕްރީލް 30): އިސްރާއީލުން ފަލަސްތީނުގެ ބިމަށް ދުނިޔޭގެ އެކިގައުމުތަކުން ގެނަސްފައިވާ ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ އަވަށެއްގައި ފޯރިމަރަން ހުރި ޔަހޫދީ ގާޑަކަށް ބަޑިން ހަމަލާދީ އެމީހާ މަރާލި ހަމަލާގެ ޒިންމާ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ފަތްހު ޖަމާއަތުން އުފުލައިފިއެވެ.

ފަތްހު ޖަމާއަތުން ނެރުނު ބަޔާނެއްގައިވާ ގޮތުން މި ހަމަލާއަކީ އެޖަމާއަތުގެ މުޖާހިދުން ދިން ހަމަލާއެކެވެ. ފަލަސްތީނުގެ މިނިވަންކަމުގެ ހަރަކާތްތައް މުޅި ހުޅަނގު އައްސޭރިއަށް މިހާރުވާނީ ފަތުރާފައި ކަމަށާއިދެން މިހަރަކާތް އިސްރާއީލަށް ކޮންޓްރޯލެއް ނުކުރެވޭނެކަމަށް އެބަޔާން ބުނެއެވެ.

އަދި އިސްރާއީލަށް ޖެހޭނީ އިސްރާއީލު ޖަހައިގަނެގެން އުޅޭ ފަލަސްތީނުގެ ބިންތަކުން ސިފައިންނާ އަދި އެބިންތަކުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީ ވަޒަންވެރިން ވެސް އެބިންތަކުން ބާލާށެވެ. ނޫނީ ޔަހޫދީ ވަޒަންވެރިން އުޅެންޖެހޭނީ ބަޑީގެ ބިރުވެރިކަމުގެ ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.

ރޭ ފަލަސްތީނުގެ މުޖާހިދުންގެ ބަޔަކު ހަމަލާދީފައިވަނީ އިސްރާއީލު ޖަހައިގަނެގެން އުޅޭ ފަލަސްތީނުގެ ސަރަހައްދެއްކަމަށްވާ ހުޅަނގު އައްސޭރީގެ ސިޓީއެއްކަމަށްވާ ނާބްލްސްގެ ދެކުނުގައި ބިނާކޮށްފައިވާ ޔަހޫދީ އަވަށެއްގެ ގާޑު ކުރުމަށް ގާޑުންތިބޭ ތަނަކަށެވެ. ބަޑިން ދިން އެހަމަލާތަކުގައި ޔަހޫދީ ގާޑުވަނީ މަރުވެފައެވެ. ހަމަލާދިން މުޖާހިދުންވަނީ ރައްކާތެރިކަމާއެކު ފިލާފައެވެ.

އިސްރާއީލު ޖަހައިގަނެގެން އުޅޭ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެެރިކޮށްފައިވާ އަވަށެއް

ހުޅަނގު އައްސޭރިއަކީ 1967 ގައި އިސްރާއީލު ގަދަބާރުން ޖަހައިގަތުމަށްފަހު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމެކެވެ. މުސްތަގްބަލުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރަން އޮތް ހަމައެކަނި ބިމަކީ މިބިމާއި ޣައްޒާގެ ބިމެވެ. އެދެބިން އެއްކޮށްލުމުންވެސް އެއީ ފަލަސްތީނުގެ މުޅި ބިމުގެ އެންމެ 22 އިންސައްތައެވެ.

ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައިވާ ޣައްޒާއަށް އިސްރާއީލުގެ ކޮންޓްރޯލެއް ނޯވެއެވެ. ނަމަވެސް އިސްރާއީލު ގެންދަނީ ޣައްޒާއަށް ބޭނުންވަގުތަކު ވައިގެ ހަމަލާތައް ދެމުންނެވެ. ހުޅަނގު އައްސޭރިއަށް ދާއިމީ ގޮތަކަށް ވެރިވެގަތުމަށްޓަކައި އިސްރާއީލުވަނީ ދުނިޔޭގެ އެކިގައުމުތަކުން ޔަހޫދީން ގެނަސް އެބިމުގައި ވަޒަންވެރި ކުރުވާފައެވެ. މިގޮތުން ހުޅަނގު އައްސޭރީގެ އެކިތަންތަނުގައި އިސްރާއީލުން ޔަހޫދީއަވަށްތައް ގާއިމުކޮށް 1.2 މިލިޔަން ޔަހޫދީން މިހާތަނަށް ވަޒަންވެރި ކޮށްފައިވެއެވެ.

ވަޒަންވެރިވެގެން އުޅޭ ޔަހޫދީން ގެންދަނީ އިސްރާއީލު ސިފައިންގެ ހިމާޔަތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބިރުދައްކައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގަމުންނެވެ. މީގެތެރޭގައި ފަލަސްތީނުގެ ދަނޑުތަކަށް ގެއްލުން ދިނުމާއި ފަލަސްތީނު މީހުންގެ ވެހިކަލްތަކާއި މުދަލަށް ގެއްލުން ދިނުމާއި މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ދޭތެރެއަކުން ވަދެގަނެ އެތަނުގައި ނަމާދުކުރާ ފަލަސްތީނު މީހުންނަށް ގޯނާކޮށް އަޅުކަމަށް ހުރަސްއެޅުންފަދަ ޓެރަރިސްޓް ހަރާކާތްތައް ހިމެނެއެވެ.

ޔަހޫދީންގެ މިޖަރީމާތަކާ ކުރިމަތިލުމަށްޓަކައި ފަލަސްތީނުގެ ޖަމާއަތްތަކުގެ ހަތިޔާރުއެޅި މުޖާހިދުން ގެންދަނީ ދޭތެރެއަކުން ޔަހޫދީން ވަޒަންވެރި ދިރިއުޅޭ އަވަށްޓަކަށް ބަޑިން ހަމަލާތައް ދެމުންނެވެ. މިކަމުގެ ބޭނުމަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ރައްކާތެރިކަމާއެކު ޔަހޫދީންނަށް ދިރިނޫޅެވޭނެކަން އެމީހުންނަށް އަންގައިދިނުމެވެ. އަދި ދިރިއުޅޭނަމަ އުޅެންޖެހޭނީ ފުރާނަ އަތްމައްޗަށްލައިގެން ކަމާއި ނޫންނަމަ ޖެހޭނީ އެމީހުން އައި ގައުމުތަކަށް އެނބުރި ރުޖޫއަވާންކަން އަންގައިދިނުންކަމަށް ފަލަސްތީނުގެ ޖަމާއަތްތަކުން ބުނެއެވެ.

ރޭގައި ފަލަސްތީނުގެ މުޖާހިދުން ދިން ބަޑީގެ ހަމަލާތަކުގައި މަރާލާފައިވަނީ އެރިއަލް ނަމަކަށް ކިޔާ ޔަހޫދީ އަވަށެއްގެ ގާޑެކެވެ. މުޖާހިދުންގެ މި ހަމަލާއަށްފަހު އިސްރާއީލު ސިފައިންވަނީ ފަލަސްތީނުގެ އެތަށްބަޔަކު ހައްޔަރުކޮށްފައެވެ. މުޖާހިދުންގެ މިހަލާގެ ކުރިން އިސްރާއީލުގެ ސިފައިންވަނީ ހުޅަނގުއައްސޭރީގެ އުތުރުގައި ފަލަސްތީނުގެ ޒުވާނުންތަކަކަށް ބަޑިން ހަމަލާދީ އޭގެތެރެއިން 20 އަހަރުގެ ޒުވާނަކު ޝަހީދުކޮށްލާފައެވެ.

ޔަހުޔާ ނަމަކަށް މިކާ މިޒުވާނާ ޝަހީދުކޮށްލާފައިވަނީ އޭނާގެ މެއަށް ބަޑިޖަހައިގެންނެވެ. ނަމަވެސް ޔަހޫދީ އަވަށުގެ ގާޑުގެ ގެ ގަޔަށް ބަޑިޖަހައި އޭނާ މަރާލި ފަލަސްތީނުގެ މުޖާހިދުން ހޯދުގައި އިސްރާއީލުވަނީ ނާކާމިޔާބުވެފައެވެ.

މިފަހަކަށް އައިސް ފަލަސްތީނުގެ މުޖާހިދުންގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އިސްރާއީލުގެ ބާޒާރުތަކަށާއި އިސްރާއީލުގެ މީހުން ބައިބޯ ސަރަހައްދުތަކަށް ބަޑީގެ ހަމަލާތައް ދިނުމުގެ ހަރަކާތްތަކެއް ފަށާފައެވެ. މިގޮތުން އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ އެންމެ ބޮޑު ބާޒާރަށްވެސް ދާދިފަހުން ދެފަހަރެއްގެ މަތިން ހަމަލާދީ އެތަށް ބަޔަކު މަރާލައި އިތުރު ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ.

comment ކޮމެންޓް