މި މިންވަރަށް މީހުންނަށް ތަބާވުމެއްނެތް!

އެއްއިންސާނަކު އަނެއް އިންސާނަކަށް ތަބާވުމުގައި ބަލަންޖެހޭ މިންގަނޑެއް ވެއެވެ. މިކަން ބަޔާންކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސްކުރައްވާފައި ވެއެވެ. لاَ طَاعَةَ لِمَخْلُوْقٍ فِي مَعْصِيَةِ الْخَالِقِ (އަޙްމަދު: 66/5) "ﷲ އަށް އުރެދުމަކަށްވާ ކަމެއްގައި އެއްވެސް މަޚުލޫޤަކަށް ކިޔަމަންތެރިވުމެއް ނުވެއެވެ." ދަރިން މައިންބަފައިންނަށް ކިޔަމަންތެރިވުމާއި، ރައްޔިތުން ވެރިންނަށް ކިޔަމަންތެރިވުމަކީ ވާޖިބު ކަމެވެ. ނަމަވެސް، މިއިން ފަރާތަކުންވެސް، ﷲ އަށް އުރެދުމަކަށްވެދާފަދަ އަމުރެއް ކޮށްފިނަމަ އެ އަމުރަކަށް ކިޔަމަންތެރިވުމެއް ނެތެވެ. ދެމަފިރީން އެކަކު އަނެކަކަށް ކިޔަމަންތެރިވުމުގައިވެސް އޮންނާނީ ހަމަ މި މިންގަނޑެވެ.

އިންސާނުން އޭނާފަދަ އެހެން އިންސާނުންނަށް ތަބާވުމުގައި ހައްދުފަހަނައަޅައި ދިއުމުގެ ނަތީޖާ، ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. ތިމާމެން އެބަޔަކަށް އިންތިހާއަށް ލޯބިކުރާ ބޮޑުންނާއި މަދަދުގާރުންގެ ބަހަށް ހެއްލި، ސީދާ މަގު ދޫކޮށްލައި ބާތިލު މަގުން ގޮސްފިނަމަ ކަންތައް ވާނެ ގޮތުގެ ވާހަކައެވެ. ﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކޮށް، ކުފުރާއި ޝިރުކުގެ އަމަލުތައް ކުރުންމަތީ މަރުވެދާ މީހުންނާމެދު ކަންތައް ހިނގާނެގޮތުގެ ވާހަކައެވެ. އެފަދަ މީހުންނަށް ދެވޭނެ އަޒާބާއި އެ އަޒާބުން އެމީހުން ސަލާމަތްކޮށްދޭނެ ފަރާތެއްނުވާނެކަމުގެ ބިރުވެރި އިންޒާރެވެ. ވަރުގަދަ އަޒާބާ ކުރިމަތިވާހިނދު، ތިމަންމެން މަގުފުރެއްދީ މިވެނި އެވެނި ބައެކޭ އެބައިމީހުންނަށް އަޒާބުގެ ދެގުނަ ދެއްވާށޭ ބުނެ ވާހަކަ ދައްކާނެކަމުގެ ޚަބަރެވެ. އަދި ދުނިޔޭގައި އުޅުނުއިރު ﷲ އާއި އެކަލާނގެ ރަސޫލާއަށް ތަބާވެވުނުނަމަ ކިހައި ރަނގަޅުވީސްހޭ ބުނެ އެބައިމީހުން ހިތާމަކުރާނެ ވާހަކައެވެ.

ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ﷲ ތަޢާލާ ކާފަރުންނަށް ލަޢުނަތް ލައްވައި އެކަލާނގެ ރަޙުމަތާ ދުރުކުރެއްވިއެވެ. އަދި ޤިޔާމަތް ދުވަހުގައި އެބައިމީހުންނަށް އަޒާބު ދެއްވުމަށްޓަކައި އަނދައަނދާ ހުންނަ ނަރަކަ ތައްޔާރުކުރައްވާފައިވެއެވެ. އެ ނަރަކައިގައި އެބައިމީހުންނަށް ދެވޭ އަޒާބުގައި ތާއަބަދަށް ދެމިތިބޭނެތެވެ. އެބައިމީހުން އެތަނުން ސަލާމަތްވާނެ ގޮތެއް ނޯންނާނެއެވެ. އަދި އެބައިމީހުންނަށް ލިބެމުންދާ އަޒާބުން އެބައިމީހުން މިންޖުކޮށްދީ އެހީތެރިވާނެ އެއްވެސް ފަރާތެއްވެސް އެބައިމީހުންނަކަށް ނުމެވާނެތެވެ.(އަޙުޒާބު: 64-65)

އެއަށްފަހުގައި، އެބައިމީހުންނަށް ދެއްވޭނެ އަޒާބުގެ ސިފަ ބަޔާންކޮށްދެއްވިއެވެ. يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا(އަޙުޒާބު: 66) ނަރަކައިގެ އަލިފާނުގައި އެބައިމީހުންގެ މޫނުތައް ފުރޮޅިފުރޮޅި ހުންނާނެތެވެ. އެއީ މަސްފިހުމަށްޓަކައި އަލިފާންގަނޑުގައި އެއްފުށުން އަނެއްފުށަށް ޖަހާފަދައިންނެވެ. އެހިނދު ދެރަވެ ނިކަމެތިވެފައިވާ ހާލު އެބައިމީހުން ބުނާނެތެވެ. އަހުރެމެން ދުނިޔޭގައި އުޅުނުއިރު ﷲ އާ އެކަލާނގެ ރަސޫލާއަށް އީމާންވީ މީހުންގެތެރެއިންވެވުނުނަމަ ކިހައި ރަނގަޅުވީސްހެއްޔެވެ؟ ރަސޫލުން ގޮވައިލެއްވި ކަންތައްތަކަށް އީމާންވެވުނުނަމަ ކިހައި ރަނގަޅުވީސްހެއްޔެވެ؟ އޭރުން، މުއުމިނުންފަދައިން، މި އަޒާބުން މިންޖުވެއްޖައީސްކަން ޔަޤީނެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. وَيَوْمَ يَعَضُّ الظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا (ފުރުޤާން: 27) "އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟" رُّبَمَا يَوَدُّ الَّذِينَ كَفَرُوا لَوْ كَانُوا مُسْلِمِينَ(ޙިޖުރު: 2) "ކާފިރުވި މީހުން އެއުރެންނީ މުސްލިމުން ކަމުގައި ވީނަމައޭ ހިތައި އެކަމަށް ގިނަގިނައިން އެދެތެވެ."

އެއަށްފަހުގައި، އެބައިމީހުންނަށް ދުނިޔެމަތީގައި ކުރެވިފައިވާ ކަންތަކާމެދު އުޒުރުވެރިކަމާއެކު ބުނާނެތެވެ. وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا (އަޙުޒާބު: 67) އަޅަމެންގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، ޝިރުކާއި ކުފުރުގައި އަޅަމެންގެ ސާހިބުންނަށާއި އަޅަމެންގެ ބޮޑުންނަށް އަޅަމެން ކިޔަމަންވީމެވެ. ރަސޫލުން އެންގެވިގޮތާ ޚިލާފުވެ އެބައިމީހުން ބުނާގޮތް ގަބޫލުކުރީމެވެ. އެބައިމީހުން ބުނާގޮތް އެއީ އެންމެ ރަނގަޅުގޮތްކަމުގައި އަޅަމެން ޤަބޫލުކޮށް އުޅުނީމުއެވެ. އަދި އެބައިމީހުން ދައްކާ މަގު ފިޔަވައި އެހެން ހުރިހާ މަގެއް އަޅަމެން ދޮގުކުރީމުއެވެ. އެހެނެއްކަމަކު އެބައިމީހުން އެވަނީ އަޅަމެންނަށް ހިދާޔަތުގެ މަގު އޮޅުވާލާފައެވެ. އަޅަމެންވަނީ ﷲ އާ އެކަލާނގެ ރަސޫލާ އަށް ކުފުރުވެފައެވެ. ﷲ ގެ އެއްކައުވަންތަކަމަށް އިންކާރުކޮށްފައެވެ. އެ އިލާހަށް އިޚްލާޞްތެރިކަމާއެކު ކިޔަމަންތެރިވުން ދޫކޮށްލާފައެވެ.

އެއަށްފަހުގައި އެބައިމީހުން ބުނާނެތެވެ. رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا (އަޙުޒާބު: 68) އޭ އަޅަމެންގެ ވެރިރަސްކާލާކޯއެވެ! އަޅަމެންނަށް މިދެއްވަވާ އަޒާބުގެ ދެގުނަ އެބައިމީހުންނަށް ދެއްވާށިއެވެ. އެއީ އެބައިމީހުން ކުފުރުވެ އަދި އަޅަމެން މަގުފުރެއްދުމުގެ އަޒާބެވެ. އަދި ބޮޑުވެގެންވާ ލަޢުނަތުން ލަޢުނަތް ލައްވައި، އިބަރަސްކަލާނގެ ރަޙުމަތުން އެބައިމީހުން ދުރުކުރައްވާނދޭވެ.

ވީމާ، ތިމާ ކިޔަމަންތެރިވާ ފަރާތަކީ ކިތަންމެ މުހިންމު ފަރާތެއްނަމަވެސް، ﷲ އަށް އުރެދުމަކަށްވާ އެއްވެސް ކަމެއްގައި އެފަރާތަކަށް ކިޔަމަންތެރިވެގެން ނުވާނެއެވެ! މަގު ފުރެދޭ މިންވަރަށް އެއްވެސް މީހަކަށް ތަބާވުމެއް ނެތެވެ!

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު