ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުޙީބެއް

ޑަބްލިއުޓީއެމް ލެޓިން އެމެރިކާގެ ފެއާގެ ތެރެއިން--ފޮޓޯ/އެމްއެމްޕީއާރްސީ

ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) ލެޓިން އެމެރިކާ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބުނެފިއެވެ.

އެ ފެއާއަކީ ލެޓިން އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ދުނިޔޭގެ ފަތުރުވެރިކަމާ ގުޅުން ހުރި އެކި ޚިދުމަތްތައްދޭ ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، ޕްރޮފެޝަނަލް ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، މަޝްވަރާކޮށް، ޕާޓްނަޝިޕް ގާއިމްކޮށް، ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ.

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހާ ހަމައަށް ބްރެޒިލްގެ ސައު ޕައުލޯގައި ކުރިއަށް ދިޔަ އެ ފެއާގައި 40 ގައުމަކުން 565އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވިއެވެ. އަދި ފެއާގެ ފުރަތަމަ ދެ ދުވަހު 10،725 މީހުން އެ ފެއާއަށް ޒިޔާރަތްކޮށްފައިވާކަމަށާއި އެއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 7.8 ޕަސެންޓުގެ އިތުރުވުމެއް ކަމަށް ފެއާ އިންތިޒާމްކުރި ފަރާތުން ބުނެފައިވާ ކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރިއެވެ.

އެމްއެމްޕީއާރްސީން ބުނި ގޮތުގައި އެ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް 1500 މީހުން ވަނީ ޒިޔާރަތްކޮށް، ރާއްޖެއާ ބެހޭ މައުލޫމާތު ހޯދާފައެވެ. އަދި ރާއްޖެއިން ބައިވެރިވި ފަރާތްތަކާއި ބޭރުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެމެދު 25 ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޑަބްލިއުޓީއެމް ލެޓިން އެމެރިކާ ފެއާގެ ތެރެއިން--ފޮޓޯ/އެމްއެމްޕީއާރްސީ

މިއަހަރުގެ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ޚާއްޞަ ގުރުއަތެއް ނަގާ، ނަސީބުވެރި އެއް ފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ވެސް ދީފައިވެއެވެ. މި ފުރުސަތު ސްޕޮންސާކޮށްފައި ވަނީ ކޮންސްޓަންސް މޫފުށި ރިޒޯޓް މޯލްޑިވްސްއިންކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އެ ފެއާގައި ބައިވެރިވުމުގެ މަގުސަދަކީ ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި އަޕްޑޭޓްތައް ދުނިޔޭގެ އެންމެ މުހިންމު އެއް ޓްރެވަލް ޓްރޭޑް ޝޯއަށް ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކުރުން ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ރާއްޖެއަކީ ލެޓިން އެމެރިކާ ގައުމުތަކުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަކީވެސް މި ފެއާގައި ބައިވެރިވުމުގެ މަގުސަދެއްކަމަށް އެ ކުންފުނިން ބުންޏެވެ.

ދުުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

.

comment ކޮމެންޓް