މިޒަމާނުގެ ބޮޑެތި ފާފަތައް

މިދިޔަ އަހަރު ބޭއްވި އިންތިހާބެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އެންމެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާންކޮށްދެއްވާފައެވެ. އޭގެތެރޭގައި؛ ޒިނޭ ކުރުމާއި ބަނގުރާ ބުއިމާއި ހައްގަކާނުލައި މީހުން މެރުން ފަދަ ފާފަތައް ހިމެނެއެވެ. އާންމު ގޮތެއްގައި މިފަދަ ފާފަތަކުގެ ގެއްލުމާއި އަސަރުތައް ބޮޑަށް ކުރާނީ ފަރުދީ ގޮތެއްގައެވެ. ނަމަވެސް، މިޒަމާނުގެ ފާފަތަކުގެ ގެއްލުން މާ ބޮޑުވެފައި ގިނަ މީހުންގެ މައްޗަށް އާންމުވެގެން ވެއެވެ. މީގެތެރޭގައި؛ ސިޔާސީ، އިގުތިސާދީ، އިޖުތިމާއީ، އަޚުލާގީ އަދި ތަރުބަވީ ނިޒާމުތައް ފަސާދަކުރުން ހިމެނެއެވެ.

މިޒަމާނުގެ ބޮޑެތި ފާފަތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވައި، މަޝްހޫރު އިލްމުވެރިޔާ، ޑރ. ޔޫސުފުލްޤަރުޟާވީ ދައްކަވާފައިވާ ވާހަކަފުޅުތަކުގެ މުހިންމު ބައިތައް، އިތުރު ތަފުސީލާއެކު މި މަޒުމޫނުގައި ހިމަނައިލަމެވެ.

އިންތިޚާބުތަކާ ގުޅޭ ފާފަ: ޤާނޫނު ހަދާ މަޖިލިހަށް މެންބަރުން އައްޔަނުކުރުމުގައި މީސްތަކުން ބޮޑު ފާފައަކަށް އަރައިގަނެއެވެ. ބޮޑެތި ފާފަތައް ކޮށް، ޖަރީމާތައް ހިންގާކަން ސާބިތުވެފައިވާ މީހުން ނުވަތަ (ސާބިތުނުވިޔަސް) އެފަދަ ކަންކަން ކުރާކަމަށް އާންމުކޮށް މަޝްހޫރުވެފައިވާ މީހުން، އެކަން އެނގި ތިބެމެ މަޖިލިސް މެންބަރުންނަށް ހޮވުމަކީ ބޮޑު ފާފައެކެވެ. އެފަދަ މީހުންނަށް ވޯޓުދީގެން އެމީހުން އައްޔަނުކުރާ ފަރާތްތައް ޤިޔާމަތް ދުވަހުގައި އެކަމާމެދު ޖަވާބުދާރީ ވާންޖެހޭނެއެވެ. ތިމާގެ އަމިއްލަ މަސްލަހަތަކަށްޓަކައި، އަންނާން އޮތް ޖީލުތަކަށްވެސް އަސަރުކުރާނެ ފަދަ ޤާނޫނުތައް ހެދުމުގެ މަސައްކަތް، އެކަމަށް ކުފޫ ހަމަނުވާ ބަޔަކާ ހަވާލުކުރާ މީހުންނީ ދީނަށާއި ގައުމަށް ޣައްދާރުވެއްޖެ ބައެކެވެ. ގައުމުގެ މަސްލަޙަތުތައް ހިމާޔަތް ކުރެވިދާނެފަދަ ޤާނޫނުތަކެއް، ކުށްވެރި ފާޖިރުން ލައްވައި ހެދިދާނެކަމަށް ގަބޫލު ކުރުމަކީ އިންތިހާއަށް މޮޔަ ކަމެކެވެ. ވައްކަން ކުރާމީހާ ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާމީހާ، އޭނާއަށް ގެއްލުމެއް ވެދާނެފަދަ ޤާނޫނެއް ހެދުމަށް ރުހިދާނެހެއްޔެވެ؟

ވެރިންގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި ޤާނޫނުތައް ބަދަލުކުރުމުގެ ފާފަ: ގައުމުގެ އެންމެންގެ މަސްލަހަތާ ގުޅޭ ޤާނޫނުތައް، އެތަނެއްގެ ވެރިމީހާގެ އަމިއްލަ މަސްލަހަތާ ގުޅޭ ގޮތަށް ބަދަލުކުރުމަކީ ބޮޑު ފާފައެކެވެ. މިކަމަށް އެދޭ ވެރިމީހާއާއި އެކަން ކޮށްދޭ ފަރާތްތަކުންވެސް އެކުރަނީ ބޮޑު ފާފައެކެވެ. އެހާލަތުގައި އެކުރެވޭ ކަމަކީ އެންމެ ފަރުދެއްގެ ބޭނުމަކަށްޓަކައި އެތައް ބައެއްގެ ހައްގުތަކަށް އަރައި ގަންނަނީއެވެ. ތިމާމެންނާމެދު ރަނގަޅަށް ކަންތައްތައް ކޮށްދޭނެ ކަމުގެ އުންމީދުގައި އައްޔަނު ކުރި ވެރިމީހާއާއި ޤާނޫނު ހަދާމީހުން، އެމީހުންނާ ހަވާލުކުރި ވަޒީފާއަށް ހަރާންކޯރުވަނީއެވެ.

ސިއްހީގޮތުން ގެއްލުން ލިބިދާ ފަދަ ނުވަތަ ބޭނުންކުރަން އެކަށީގެންވާ މުއްދަތު ފާއިތުވެފައި ހުންނަ ކާބޯތަކެތި އިމްޕޯޓުކޮށްގެން ނުވަތަ އުފައްދައިގެން ވިއްކުމުގެ ފާފަ: މިކަން ކުރާ ވިޔަފާރިވެރިން އެކުރަނީ ބޮޑު ފާފައެކެވެ. (ވިއްކުމުގެ ބަދަލުގައި މީހުންނަށް ހިލޭ ދިނަސް އެވާނީ ހަމަ ފާފައަށެވެ.) މިފަދަ ކާބޯ ތަކެތި ބޭނުންކުރުމުން އޭގެ ގެއްލުން އެ ބޭނުންކުރާ ފަރާތްތަކަށާއި އެމީހުންގެ ދަރިފަސްކޮޅަށްވެސް ކުރުން އެކަށީގެންވެއެވެ. ވީމާ މިއީ ޖީލުތަކަށް ދެމިގެންދާ ގޮތުގައި މީސްތަކުންނަށް ދެވޭ ގެއްލުމެކެވެ.

ދަނޑުވެރިކަމާއި ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގަހާއި އޮށާއި ޖަނަވާރާއި ދޫނިސޫފާ ސޫތްޕާއި އަދި މިނޫންވެސް މިފަދަ ތަކެތި އިމްޕޯޓުކޮށްގެން ވިއްކުމުގެ ފާފަ: މިއީވެސް އެތައް ބައެއްގެ ދިރިއުޅުމަށް ދެވޭ ބޮޑު ގެއްލުމެކެވެ. ގައުމެއްގެ ދަނޑުވެރިކަމާއި ތިމާވެށި ހަލާކުކޮށްލައިފިނަމަ އެއީ އިއާދަ ނުކުރެވޭނެފަދަ ބޮޑު ގެއްލުމެކެވެ. އެކަން ކުރާ މީހުން އެ އަރައިގަންނަނީ ބޮޑުވެގެންވާ ފާފައަކަށެވެ.

އިމާރާތް ކުރުމުގައި ފުރިހަމަކުރަންޖެހޭ ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް އިމާރާތްކުރުމުގެ ފާފަ: މިސާލަކަށް އިމާރާތުގެ ކޮންކުރީޓު އޮނިގަނޑަށް ދަގަނޑު ނުވަތަ ސިމެންތި ބޭނުންކުރަންޖެހޭ މިންވަރަށް އެތަކެތި ބޭނުން ނުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ. މިފަދަ އިމާރާތެއް ވެއްޓި މީހުންތަކެއް މަރުވުން ނުވަތަ ޒަޚަމްވުން ފަދަ ކަމެއް ހިނގުމުގެ ފުރުސަތު އަބަދުވެސް އޮންނާނެއެވެ. އިމާރާތް ކުރުމުގައި އެކަހަލަ މަކަރުވެރި އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ބައިވެރިވާ އެންމެން އެ ކުރަނީ ބޮޑު ފާފައެކެވެ.

އާންމުކޮށް އެންމެނަށް ބޭނުންޖެހޭ އަސާސީ ކާބޯތަކެއްޗާއި އުނުފޭރާމާއި ބޭހާއި އިމާރާތް ކުރުމަށް ބޭނުންކުރާ ބާވަތްތައްފަދަ ތަކެތި، ވަކި ފަންތިއެއްގެ މީހުންގެ މަންފާއަށްޓަކައި އިޙްތިކާރު (monopolize) ކުރުމުގެ ފާފަ: އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދުލުވެރިކަން ނެތި، މުޖުތަމައުގެ ވަކި ފަންތިއެއްގެ މީހުންގެ ކޮންޓުރޯލުގެ ދަށުގައި އެފަދަ ތަކެއްޗާއި ޚިދުމަތްތައް ހުންނަތަން އާދެއެވެ. މީސްތަކުން މުދަލަށް އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތުގައި (ނުވަތަ އެފަދަ ވަގުތެއް ކުރިމަތީގައި އޮތުމުން، މިސާލަކަށް ރޯދަ މަސް އަންނާތީ) އަގު ބޮޑުކޮށް ވިއްކުމަށްޓަކައި މުދާ ރައްކާކޮށްފައި ބަހައްޓައެވެ. މިފަދައިން ކަންތައް ކުރުމަކީ ބޮޑު ފާފައެކެވެ.

އަޚުލާޤީ ގޮތުން އެކަށީގެންނުވާ ވާހަކަތަކާއި މަންޒަރުތައް އަދި ބަރަހަނާ މަންޒަރުތައް ހިމެނޭ ފިލްމާއި، ޕްލޭތަކާއި ސީރީޒްތައް ހަދައި އާންމުކުރުމުގެ ފާފަ: މިއީ މިހާރު މުޅި ދުނިޔޭގައިވެސް އާންމުވެފައިވާ މިޒަމާނުގެ ބޮޑު ފާފައެކެވެ.

ބަޔާންވެ ދިޔަ ފާފަތަކުގެ ބުރަދަން ބޮޑުވެ އެއީ "ބޮޑެތި ފާފަ" ތަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި، އެ ފާފަތަކުގެ ސަބަބުން ލިބޭ ގެއްލުން ގުޅިފައިވަނީ ގައުމެއްގެ ރައްޔިތުންނާއެވެ. ގެއްލުން ދެވެނީ އެތަނުގައި ދިރިއުޅޭ އެތައް އިންސާނުންތަކަކަށެވެ. އަރައިގަނެވެނީ އިންސާނުންގެ ހައްގުތަކަކަށެވެ. ޝަރުޢީ ދަލީލުތަކުން އެނގޭގޮތުގައި، ﷲއާ އަޅާއާ ދެމެދުގައިވާ ހައްގުތަކާ ގުޅޭ ފާފަތައް، އެކަލާނގެ ފުއްސަވައިދެއްވާނެތެވެ. އެހެންނަމަވެސް އިންސާނުންނާއި އެފަދަ އަނެއް އިންސާނާއާ ދެމެދުގައިވާ ހައްގުތަކާ ގުޅޭ ފާފަތައް އެކަލާނގެ ފުއްސަވައެއްނުދެއްވާނެތެވެ. މިފަދަ މައްސަލަތަކުގައި އޮތީ ހައްގުގެ ވެރިޔާއަށް އެ ހައްގެއް ރައްދު ކުރުމެވެ. ނުވަތަ އޭނާގެ ކިބައިން މާފު ހޯދުމެވެ. ވީއިރު، ގައުމެއްގެ އެތައް ރައްޔިތުންތަކަކާ ގުޅޭ ހައްގުތަކަށް އަރައިގަތުމުގެ ފާފަ، ބޮޑު ފާފައަކަށް ނުވެދާނެހެއްޔެވެ؟ ތައުބާވުމަށްޓަކައި، އެ އެންމެންގެ ހައްގު އަދާކޮށްދޭނީ ކިހިނެއްހެއްޔެވެ؟ ނުވަތަ އެ އެންމެންގެ ކިބައިން މާފު ހޯދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު