ކޮވިޑާ ދެކޮޅަށް އެންމެ އިސް ސަފުގައި އަންހެނުންގެ ދައުރު ބޮޑު: ޖެންޑާ މިނިސްޓްރީ

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން

ކޮވިޑް-19 އާ ދެކޮޅަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ސަފުގައި އަންހެނުންގެ ދައުރު ބޮޑުކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިކަން ފާހަގަކުރެއްވީ ކޮމަންވެލްތު ވިމެންސް އެފެއަރޒް މިނިސްޓަރސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ކޮމަންވެލްތު ވިމެންސް އެފެއަރޒް މިނިސްޓަރސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި ޖެންޑާރ މިނިސްޓްރީގެ އިސް ބޭފުޅުން ---

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުން އެކަށައެޅި މެކޭނިޒަމްގައި ހިމެނޭ މުހިއްމު ދެ އިދާރާކަމަށްވާ ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރުގެ އިތުރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގެވުމުގައި މި ބަލިމަޑުކަމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ އަންހެން ބޭފުޅުންކަން ސްޓޭޓް މިނިސްޓަރ ޒިފްލީނާ ފާހަގަކުރެއްވިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ސިއްހީ ދާއިރާ ބޮޑު ބުރައެއް އުފުލިއިރު، އެ ދާއިރާގައިވެސް ގިނައިން މަސައްކަތްކުރަމުންދަނީ އަންހެނުންކަން ވެސް އެކަމަނާ ވިދާޅުވިއެވެ.

ކޮމަންވެލްތު ވިމެންސް އެފެއަރޒް މިނިސްޓަރސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ---

ކޮމަންވެލްތު ވިމެންސް އެފެއާޒް މިނިސްޓަރސް އެކްޝަން ގްރޫޕްގެ ބައްދަލުވުމުގައި، ކޮވިޑް-19 އާއި މިންތީގެ ހަމަހަމަކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު މިނިސްޓީރިއަލް ޑައިލޮގްގައި އިތުރަށް ވާހަކަ ދައްކަވަމުން ޒިފްލީނާ ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައިވެސް ކޮވިޑް-19ގެ ނޭދެވޭ އަސަރު އަންހެނުންނަށް ބޮޑަށް ކުރިކަމަށެވެ. އެގޮތުން ލޮކް ޑައުންއާއި، އާމްދަނީ ލިބޭނެ މަގު ބަންދުވުމުގެ ސަބަބުން ގެވެށި އަނިޔާއަށް އަންހެނުން އިތުރަށް ހުށަހެޅިގެން ދިޔަކަމަށާއި، ލޮކްޑައުންއަށްފަހު ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ ކޭސްތަކުގެ އަދަދު އިތުރުކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލިމަޑުކަމުގެ ކުރީކޮޅު ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުން އަޅުއްވައި، ގެވެށި އަނިޔާގެ އަމަލުތައް ރިޕޯޓްކުރާނެ ޚާއްސަ ހޮޓްލައިނެއް ޤާއިމްކޮށް، ހޭލުންތެރިކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން "ގެވެށި ގުޅުން"ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ލޯންޗްކުރެއްވިކަން ޒިފްލީނާ ފާހަގަކުރެއްވިއެވެ.

ރަސްމީ ވަޒީފާގެ ދާއިރާގައި ނޫޅޭ ގިނަ އަދަދެއްގެ އަންހެނުން އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން އެމީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅުނުކަން ފާހަގަކުރައްވައި، އެފަދަ ފަރާތްތަކަށް އިންކަމް ސަޕޯޓް ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މަދުކުރެވުނުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް