އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސް ސަރުކާރާ ހަވާލުކޮށްފި

އެސްޓީއޯއިން ރާއްޖެ ގެނައި އެމްބިއުލާންސްތައް ހެލްތް މިނިސްޓަރާ ހަވާލު ކުރަނީ -- ފޮޓޯ/ އެސްޓީއޯ

އަތޮޅުތެރޭގެ ރަށްރަށަށް ފޯރުކޮށްދިނުމަށް އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސް ރާއްޖެ ގެނެސް ސަރުކާރާ ހަވާލުކޮށް ނިމިއްޖެއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް ހެލްތް މިނިސްޓްރީއާ ހަވާލުކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސެން އަމްރު މުޙައްމަދު ރަޝާދެވެ.

މި އެމްބިއުލާންސްތައް ރާއްޖެ ގެނައުމަށް އެސްޓީއޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

މި ރަސްމިއްޔާތުގައި އެމްބިއުލާންސްތަކާ ހަވާލުވެވަޑައިގަތުމަށްފަހު ހެލްތް މިނިސްޓަރު ނަސީމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިނިސްޓްރީގެ މަސައްކަތް ކުރިއަށް ގެންދާއިރު އެންމެ ގާތްކޮށް މަސައްކަތް ކުރެވޭ އެއް ފަރާތަކީ އެސްޓީއޯ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެސްޓީއޯގެ ފުރިހަމަ އެއްބާރުން މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށެވެ.

އެސްޓީއޯއިން ރާއްޖެ ގެނައި ބައެއް އެމްބިއުލާންސް -- ފޮޓޯ/ އެސްޓީއޯ

"އަޅުގަނޑުމެންނަށް ހަމައެކަނި އެމްބިއުލާންސް ގެނެސްދެއްވީކީ ނޫން. މި ފައިސާ އަބުރާ ދައްކަން ތިން އަހަރު ދުވަހުގެ މުއްދަތުވެސް ދެއްވާފައި އެބައޮތް. މިއީ މިނިސްޓްރީއަށް މާ ބޮޑު ފައިދާތަކެއްވާ ކަމެއް ނޫން. އަސްލުގަ މިއީ ވަރަށް ބުރަ އަދި ބޮޑު ކަމެއް،" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ އެސްޓީއޯއިން ގިނަ ކަންތައްތައް ކޮށްދެއްވާފައިވަނީ ސީއެސްއާރުގެ ދަށުން ކަމަށެވެ. އަދި ވިދާޅުވީ މި އެމްބިއުލާންސްތައް ރާއްޖެ ގެނެސް ދޫކޮށްލަނީ ނޫން ކަމަށާއި އޭގެ ބަދަލުގައި އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވައިދިނުމުގެ އިތުރުން އެ ރަށްރަށުގައި ހުރި ބާ އެމްބިއުލާންސްތައް މާލެ ގެނައުމުގެ ކަންކަންވެސް އެސްޓީއޯއިން ކޮށްދޭ ކަމަށެވެ.

އެސްޓީއޯއިން މި އެމްބިއުލާންސްތައް ރާއްޖެ ގެނެސް ރަށްރަށަށް ފޮނުވާފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

comment ކޮމެންޓް