ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފަޤީރުކަން އެތައް އަހަރެއް ފަހަތަށް ދިޔުމުގެ ބިރު އެބައޮތް: ޝާހިދު

އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު --

ރަޝިޔާ-ޔޫކްރެއިން ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔެއިން ފަޤީރުކަން ނައްތާލައި، ހަމަހަމަކަން ޤާއިމްކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރި މަސައްކަތްތައް އެތައް އަހަރެއް ފަހަތަށް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެރި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވެފައިވަނީ ކޮވިޑުގެ ވަބާއިން އެއްކޮށް އަރައިނުގަނެވި އުޅެނިކޮށް ރަޝިޔާ-ޔޫކްރެއިންގެ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ހަކަތަޔާ، ކޮމޯޑިޓީސް އަދި މާލީ ބާޒާރުތަކަށް އެކަމުގެ އަސަރުކުރަމުންދާކަމަށެވެ.

އދ ގެ އަންދާޒާތައް ދައްކާ ގޮތުން 107 އިޤްތިޞާދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި ތެޔޮ އަގު ބޮޑުވުމާއި ކުރިމަތިލާން ޖެހި، އެ ޤައުމު ތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރު ތަކަށް ނުކުޅެދޭ މިންވަރަށް އިޤްތިޞާދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާ ބައްރުގެ 41 ޤައުމަކާއި، އޭޝިއާ ޕެސިފިކް ސަރަހައްދުގެ 38 ޤައުމެއްގެ އިތުރުން ލެޓިން އެމެރިކާ އަދި ކެރީބިއަން ސަރަޙައްދުގެ 28 ޤައުމެކެވެ.

ރަޝިޔާ-ޔޫކްރެއިން ހަމަނުޖެހުންތައް ކުރިއަށްދާއިރު، އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތްކަން ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީން، ސީރިޔާ، ޔަމަން، ލީބިޔާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ، އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.

ދުނިޔޭގެ އެތަން މިތަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ވާހަކަ ފާހަގަކުރައްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އަދިވެސް މިމައްސަލަތަކަށް އޮތް ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ. ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް، ސައިޒަކަށް ބާރަކަށް ބެލުމެއް ނެތި ހުރިހާ ޤައުމަކަށް ހަމަހަމަ ފުރުސަތު ލިބިދޭ ހަމައެކަނި މަޖިލިސްކަމަށްވާ އދގެ އާއްމު މަޖިލީހުގެ މުހިއްމުކަން ޝާހިދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް