ހުޅުމާލެގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލު ކޮށްފިއެވެ.
އެކަމަށްޓަކައި މިއަދު ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑޯސީ) ގައި އޮތް ރަސްމިއްޔާތެއްގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖެވެ. އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙްމަދެވެ.
މިއީ، ހުޅުމާލެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެއިން ނެގޭ ކުނީގެ ބާވަތްތައް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލެގައި ތަރައްޤީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނެއެވެ.

ހުޅުމާލެގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރަން ވެމްކޯއާ ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ
ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް "ލީޓަރު" ކޮށްފައި ހުންނަ ކުނީގެ ބާވަތްތަކެވެ.
މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތަކެވެ.
މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރު ދުވަހެވެ.
ހުޅުމާލެގެ އާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށްޓަކައި، އެ އަވަށުގައި ދިރިއުޅޭ ފަރުދުން ސަމާލުކަން ދޭންވީ ބައެއް ކަންކަން އެޗްޑީސީން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި:
● ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓާ ނުކޮށްހުރި ގޭބީސިތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުން
● ކެފޭ، ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުފެދޭ ކުނި އުކާލުމަށް ވެމްކޯގެ ހިދުމަތަށް ރެޖިސްޓާ ކުރުން
● ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާވިސް (CAPS) ހިޔާރުކުރުން
● ރެޖިސްޓާ ނުކޮށް މަގުތަކަށް ކުނި ނެރެމުންދާ ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުން
ހުޅުމާލެގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ހުޅުމާލެގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކޮށް މިފަދަ ކަންކަމުގައި އެއްބާރުލުންދިނމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެޗްޑީސީން ފާހަގަ ކުރިއެވެ.
ވެމްކޯއިން މިހާރު ވަނީ ހުޅުމާލޭ ކުނިކަހާނެ މީހުން ހޯދުމަށް އިއުލާން ކޮށްފައެވެ.