ޔުކްރޭން ހަނގުރާމަ އެމެރިކާއާއި ރަޝިއާގެ ނުސީދާ ހަނގުރާމައަކަށް މަޑުމަޑުން ބަދަލުވަނީ

ޕޫޓިން އާއި ބައިޑެން

އެމެރިކާއިން ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމެންޓްތަކަށް ސީދާ ގޮތެއްގައި ހަމަލާ ދޭނެ ކަމާއި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމުގެ ހިތި ނަތީޖާއާ އެމެރިކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ރަޝިއާއިން ދީފިއެވެ.

އެމެރިކާގައި ހުންނަވާ ރަޝިއާގެ ސަފީރު އެނަތޯލީ އެންޓޮނޯވް މި އިންޒާރު ދެއްވާފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އާއި އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑު އޮސްޓިން ޔުކްރޭނަށް ވަޑައިގެން އެމެރިކާ މިހާރު ޔުކްރޭނަށް ފޯރުކޮށްދޭ ވަރަށްވުރެ ބާރުގަދަ ހަތިޔާރު ޔުކްރޭނަށް ފޯރުކޮށްދޭނެ ކަމާއި ޔުކްރޭނަށް 322 މިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވަރަށް އަވަހަށް ފޮނުވައިދޭނެކަން އެދެބޭފުޅުން ހާމަކުރެއްވުމާ ގުޅިގެންނެވެ.

މީގެ އިތުރުން ރަޝިއާގެ ޔުކްރޭން ހަނގުރާމައާ ބެހޭ ޖާސޫސީ މައުލޫމާތު މިހާރަށް ވުރެ ބޮޑަށް ދިނުމާއި 378 މިލިއަން ޑޮލަރުގެ އިގްތިސާދީ އެހީވެސް ޔުކްރޭނަށް ދިނުމަށް ރައީސް ޖޯބައިޑެންގެ ސަރުކާރުން ނިންމާފައިވާކަން އެދެބޭފުޅުން ވިދާޅުވެފައިވެއެވެ.

މި ކަމާގުޅިގެން އެމެރިކާގައި ހުންނަވާ ރަޝިއާގެ ސަފީރު އެނަތޯލީ އެންޓޮނޯވް ވިދާޅުވީ އެމެރިކާއިން ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދިނުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަމަށާއި އެކަން ބަލަން ރަޝިއާ ނޯންނާނެ ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި ޔުކްރޭނަށް ހަތިޔާރުފޯރުކޮށްދިނުމުގެ ހިތި ނަތީޖާއާ އެމެރިކާ ކުރިމަތިލާންޖެހޭނެއެވެ. މިއާއެކު އެމެރިކާގެ ހަތިޔާރުގެ ޝިޕްމެންޓްތަކަށް ރަޝިއާއިން ސީދާ ގޮތެއްގައި ހަމަލާތައްދޭނެ ކަމަށްވެސް ރަޝިއާގެ ސަފީރު ވިދާޅުވިއެވެ.

އެމެރިކާގެ ދިފާއީ ވަޒީރާއި ޚާރިޖީ ވަޒީރު ޔުކްރޭންގައި އެގައުމުގެ ރައީސް ޒެލެންސްކީ އާ ބައްދަލުކުރައްވަނީ

ރަޝިއާއާ ކުރިމަތިލުމަށް ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެނީ އެމެރިކާއާއި ޔޫރަޕްގެ ބައެއް ގައުމުތަކުންނެވެ. މީގެތެރޭގައި އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސިވިލާތް ހިމެނެއެވެ. އެމެރިކާ ބުނާގޮތުން އެގައުމުން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރު ގެންގޮސްދެނީ ޔުކްރޭންގެ ހުޅަނގު ފަޅީގެ ސަރަހައްދީ ރޮނގާ ހަމައަށެވެ. އެއަށްފަހު އެހަތިޔާރު ޔުކްރޭނަށް އެތެރެކޮށް ޔުކްރޭންގެ ސިފައިންނާ ހަމައަށް ފޯރުކޮށްދިނުމަކީ ޔުކްރޭންގެ ކަމެކެވެ.

ރަޝިއާ މި އިންޒާރު ދީފައިވާއިރު އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް ފޯރުކޮށްދޭ ހަތިޔާރުގެ ޝިޕްމަންޓްތަކަށް މިހާރުވެސް މަދުންނަމަވެސް ރަޝިއާއިން ހަމަލާތައް ދެމުން ގެންދެއެވެ. މިގޮތުން މީގެ ދިހަވަރަކަށް ދުވަސްކުރިން ރަޝިއާ ވަނީ ހުޅަނގުގެ ހަތިޔާރު ހިފައިގެން ޔުކްރޭނަށް ވަން ޔުކްރޭންގެ އަސްކަރީ ކާގޯ ޓްރާންސްޕޯޓް މަތިންދާބޯޓެއް ވައްޓާލާފައެވެ.

ހުޅަނގުގެ ހަތިޔާރު ޔުކްރޭންގެ ސިފައިންނަށް ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ ޔުކްރޭން ސިފައިންގެ އުޅަނދުތަކަށް އެތައް ފަހަރެއްގެ މަތިން ރަޝިއާގެ އަސްކަރީ ޖެޓްތަކުންނާއި މިސައިލްތަކުން ހަމަލާތައް ދީފައިވެއެވެ. މީގެއިތުރުން ރަޝިއާ ގެންދަނީ ޔުކްރޭންގެ މަދަނީ އަދި އަސްކަރީ އިންފްރާސްޓްރަކްޗާއަށް ހަމަލާދީ އެތަންތަން ވަރަށް ބޮޑަށް ހަލާކު ކުރަމުންނެވެ.

މީގެތެރޭގައި އެމެރިކާއާއި ޔޫރަޕުން ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމަންޓްތައް ގެންދާ މަގުތަކާއި ހައިވޭތަކާއި ރޭލްވޭތަކާއި އެތަކެތި ރައްކާކުރާ ގުދަންތަކަށް ހަމަލާދީ އެތަންތަން ހަލާކުކުރުން ހިމެނެއެވެ. ރަޝިއާގެ މިހަމަލާތަކާ ގުޅިގެން ޔުކްރޭންގެ ރައީސް ވަނީ ޔުކްރޭނަށް ބޭނުންވާ ހަތިޔާރު މިހާރު ލިބުން ދަތިވެއްޖެ ކަމަށާއި ހުޅަނގުން ޔުކްރޭންގެ ސަރަހައްދީ ރޮނގާ ހަމައަށް ގެނެސްދޭ ހަތިޔާރު ޔުކްރޭންގެ ސިފައިންނަށް ސަޕްލައިކުރުން ވަރަށް ބޮޑަށް ދަތިވެފައިވާކަމަށް އެއްބަސްވެވަޑައިގެންފައެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިންގެ އިންފްރާސްޓްރަކްޗާ ގެ ބޮޑުބައެއް ވަނީ ހަލާކުކޮށްލާފައި

ޔުކްރޭނަށް އިއްޔެ ވަޑައިގެންނެވި އެމެރިކާގެ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރުވަނީ އެމެރިކާގެ މަގްސަދަކީ ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދީގެން ރަޝިއާ އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ބަލިކަށިކޮށްލުން ކަމަށް ސީދާ ގޮތެއްގައި ވިދާޅުވެފައެވެ. އަދި ޔުކްރޭން ހަނގުރާމައިން ރަޝިއާގެ އެއްވެސް މަގްސަދެއް ހާސިލްވިޔަ ނުދިނުމަކީވެސް އެމެރިކާގެ ސްޓްރެޓެޖީއެއްކަން އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ފާހަގަކުރެއްވިއެވެ.

މިއާއެކު ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިންވަނީ ރަޝިއާގެ އެތެރޭގައި ގަޑުބަޑު އުފައްދައި ރަޝިއާ ބައިބައި ކޮށްލުމަށް އެމެރިކާ މަސައްކަތް ކުރަމުން ގެންދާކަމަށް ތުހުމަތު ކުރައްވާފައެވެ. ނަމަވެސް ޕޫޓިންވަނީ އެއީ އެމެރިކާއަށް ހާސިލް ކުރެވޭނެ ކަމެއްނޫންކަމަށް ވިދާޅުވެ ޔުކްރޭންގައި ރަޝިއާ ހިންގާ އަސްކަރީ ހަރަކާތްތަކަށް ރަޝިއާގެ ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތްކަމަށް ވިދާޅުވެފައެވެ.

ޔުކްރޭން ހަނގުރާމައަކީ ރަޝިއާގެ ގައުމީ ސަލާމަތާ އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއްކަމާއި ޔުކްރޭންގައި ރަޝިއާ ހާސިލް ކުރަންބޭނުންވާ މަގްސަދުތައް ހާސިލް ކުރެވޭނެ އަސްކަރީ އަދި އިގްތިސާދީ ގާބިލްކަން ރަޝިއާ އަށް ލިބިފައިވާ ކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

އަނެއްކޮޅުން ބައެއް މުހައްލިލުން ވިދާޅުވާ ގޮތުގައި ދުނިޔޭގައިވާ އެމެރިކާގެ ބާރާއި ނުފޫޒު ކުޑަކުރުމަކީވެސް ޔުކްރޭން ހަނގުރާމައިން ރަޝިއާ ހާސިލް ކުރަންބޭނުންވާ މަގްސަދެކެވެ. މިހަނގުރާމައަށްފަހު އެމެރިކާގެ ޑޮލަރާ ދެކޮޅަށް ރަޝިއާ، ޗައިނާއާ އަދި އިންޑިއާ ގުޅިގެން ފެށި މާލީ އައު ނިޒާމަކީ އެމެރިކާގެ ޑޮލަރުގެ މައްޗަށް ބިނާވެފައިވާ އެމެރިކާގެ ސްވިފްޓް ބޭންކިން ނިޒާމު ބަލިކަށި ކޮށްލުމުގެ ދުރުރާސްތާގެ ސްޓްރެޓެޖީއެކެވެ.

އެމެރިކާ ޑޮލަރާ ދެކޮޅަށް ރަޝިއާ ފަށާފައިވާ މާލީ ނިޒާމުގައި ޗައިނާއާއި އިންޑިއާގެ އިތުރުން މެދުތެރޭ އޭޝިއާގެ ގައުމުތަކާއި އީރާން، އަފްޣާނިސްތާން، ސޫރިއާ، އުތުރުކޮރެއާ، ކިއުބާ އާއި މޮންގޯލިޔާ، ވަރަށް އަވަހަށް ބައިވެރިވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ ޔޫއޭއީ އާއި ސައޫދީ އާއި އިންޑޮނީޝިއާއި ބްރަޒީލާއި މެކްސިކޯއާއި އިރާގާއި އަލްޖަޒާއިރު އަދި އިތިއޮޕިއާ އާއި އެފްރިކާގެ ވަރަށް ގިނަ ގައުމުތަކެއް އެނިޒާމުގައި ބައިވެރިވާނެ ކަމަށް އިގްތިސާދީ ތަޖްރިބާކާރުން ދެކެވަޑައިގަންނަވައެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރު އެއްވަގުތަކު ޔުކްރޭނަށް ވަޑައިގެން ހަނގުރާމައިގާ ދެމިއޮތުމަށް ޔުކްރޭނަށް ހިތްވަރު ދެއްވުމާއި ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ފޯރުކޮށްދީގެން ރަޝިއާ ބަލިކަށިކުރުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވުމުގެ މާނައަކީ ޔުކްރޭން ހަނގުރާމައަކީ ޔުކްރޭންގެ ސިފައިން ބޭނުންކޮށްގެން އެމެރިކާގެ ހަތިޔާރުގައި އެމެރިކާ ނުސީދާ ގޮތެއްގައި ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައެއްކަމުގެ މެސެޖު ދެއްވުންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރާއި ދިފާއީ ވަޒީރުގެ މިވާހަކަތަކާ ގުޅިގެން ރަޝިއާގެ ޚާރިޖީ ވަޒީރު ވަނީ ޔުކްރޭން ހަނގުރާމައިގެ ސަބަބުން ތިން ވަނަ ބޮޑު ހަނގުރާމައަކަށް މަގުފަހިވުުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު އިއްޔެ ދެއްވާފައެވެ.

ޔުކްރޭންގެ އަސްކަރީ އިންފްރާސްޓްރަކްޗާގެ ގާތްގަނޑަކަށް 70 ޕަސެންޓު މިހާރު ހަލާކުކޮށްލެވިފައިވާކަމަށް ރަޝިއާ ބުނެއެވެ. އެމެރިކާއިން ޔުކްރޭނަށް ފޮނުވާ ހަތިޔާރުގެ ޝިޕްމެންޓްތައް ޔުކްރޭންގެ އެތެރެއަށް ވަނުމާއެކު އެއަށް ހަމަލާތައް ދިނުމަކީ ރަޝިއާއަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

ހަތިޔާރުގެ ސަޕްލައި ޗެއިންއަށް ހަމަލާދޭބާވަތުގެ ވަރަށް ބާރުގަދަ އަދި ވަރަށް އެކިއުރޭޓު މިސައިލްތައް ރަޝިއާގައި އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ ކަލިބާ އަދި އިސްކަންދަރު މިސައިލްގެ ޒަމާނީ ވާޝަންތައް ރަޝިއާ ވަރަށް މަދުން ނޫނީ ޔުކްރޭން އާ ދެކޮޅަށް އަދި ބޭނުމެއް ނުކުރެއެވެ.

އެމެރިކާގެ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ހުރަސްއެޅުމުގައި ރަޝިއާ ކާމިޔާބު ހޯދައިފިނަމަ ރަޝިއާގެ ކުރިމަތީގައި މާގިނަދުވަހު ޔުކްރޭންގެ ސިފައިންނަށް ހިފަހައްޓާ ނުލެވޭނެކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް