ޒުވާނުން ތަމްރީނު ކުރުމަށް، ޔޫތް މިނިސްޓްރީއާއެކު އެޗްޑީސީން އެއްބަސްވުމަކަށް

ޒުވާނުން ތަމްރީނު ކުރުމަށް، ޔޫތް މިނިސްޓްރީއާއެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑު (އެޗްޑީސީ)އާ ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަޙުމަދު މަހްލޫފެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙުމަދެވެ.

މިއީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ގާބިލް މީހުން ބިނާކުރުމުގެ މަގުސަދުގައި ސޮއިކުރި އެމްއޯޔޫއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން، ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި، މަސައްކަތުގެ މާހައުލުގައި ބިނާކުރަނިވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެމީހުންނަށް އެހީތެރިވެދިނުމަކީ ވެސް އިތުރު މަގުސަދެއް ކަމަށް އެޗްޑީސީން ބުންޏެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރާ މީހުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ނެޝަނަލް ލެވެލް ތިނެއްގެ ސަނަދަކާއެކު މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

ހަ މަސްދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • ވެލްޑިން
  • ޕްލަމްބިން
  • އިލެކްޓްރީޝަން
  • ކާޕެންޓަރު
  • ރެފްރިޖަރޭޝަން އެންޑް އެއަކޮންޑިޝަނިން މެކޭނިކް
  • ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒަރު
  • އެސިސްޓެންޓް ބިލްޑިން މެއިންޓަނެންސް އޮފިސަރު
  • މޭސަން
  • ގާޑަނަރު
  • ހެވީ ވެހިކަލް އޮޕަރޭޓަރު

މިއީ އެޗްޑީސީގެ ފަސް ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަގައި 100 ބައިވެރިންނަށް އަދި އެޗްޑީސީގައި މި ދާއިރާތަކުގައި މަސައްކަތް ކުރަމުންދާ 30 މުވައްޒަފަކަށް ފުރުސަތުދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ޒުވާނުން ތަމްރީނު ކުރުމަށް، ޔޫތް މިނިސްޓްރީއާއެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ އެޗްޑީސީ

މި ހަފްލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަޙުމަދު ވިދާޅުވީ، 3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުގެ ފަށާފައިވާ އަމާޒަށް އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ. އަދި ގިނަ ދާއިރާތަކަކުން ގާބިލް ޒުވާނުން ބިނާކުރުމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭން އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ޙާއްޞަ ޕްރޮގްރާމެކެވެ.

comment ކޮމެންޓް