އަންމަޓީގެ ބަންދުގެ މައްސަލަ ހައިކޯޓުން ބެލުމަށް އަންގައިފި

ސީލައިފްގެ އެމްޑީ މުހައްމަދު އަހުމަދު މޫސާ ---

ފްލެޓު އެޅުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުން ބެލުމަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.

އަންމަޓީ ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލީ މައްސަލަ އިސްނިއުނާފުކުރުމަށް ދީފައިވާ 48 ގަޑިއިރުގެ މުހުލަތު ހަމަވީކަަމަށް ބެލުމަށްފަހުގައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198ވަނަ މާއްދާއާ ހަވާލާދީ ނިންމި ނިންމުމެކެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ އެ މާއްދާ މާނަކުރުމަށް ބޭނުންކުރި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169ވަނަ މާއްދާއަކީ ގާނޫނާ ޚިލާފު މާއްދާއެއްކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައިކޯޓުން މައުޟޫއީ ގޮތުން ބެލުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.

ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169ވަނަ މާއްދާގައި ބުނެފައިވަނީ އިސްތިއުނާފުގެ މުއްދަތު ގުނާނީ އެ މުއްދަތުގައި އަންނަ ބަންދު ދުވަސްތައް ނުހިމަނާކަމަށެވެ.

އަންމަޓީގެ ވަކީލުން ވަނީ އެ އަމުރު އަލުން މުރާޖަޢާކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައެވެ. އެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 169ވަނަ މާއްދާއަކީ ގާނޫނާ ޚިލާފު މާއްދާއެއްކަމަށް ނިންމީ އަންމަޓީގެ ފަރާތުން ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ކަމަށް ވާތީ އެކަމުގެ މަންފާ އޭނާއަށް ލިބެން ޖެހޭނެ ކަމަށެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ފްލެޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ފްލެޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެކަމަށް ބުނެ 200އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ.

އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅޭނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

comment ކޮމެންޓް