ހިޔާގެ ހަތަރު ޓަވަރެއްގެ ކުނި ނެގުން ގްރައުންޑް ފްލޯއިން

ހިޔާ ފްލެޓް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ހަތަރު ޓަވަރެއްގެ ކުނި ނެގުން ގްރައުންޑް ފްލޯއިން ކުރިއަށް ގެންދިއުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ނިންމައިފިއެވެ.

ވެމްކޯ ބުނީ، އިއްޔެއިން ފެށިގެން ޓަވަރު 13، 14 ،15 އަދި 16 ވަނަ ފްލެޓުން ދުވަހު ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ފްލެޓް ތިރީގައި ބަހައްޓާފައިވާ ވޭސްޓް ޔުނިޓުން ކަމަށެވެ.

އެހެންކަމުން އުކާލާ ކުނި ހުންނަން ވާނީ ބަދިގެ ކުނި, ޕްލާސްޓިކް އަދި އެހެނިހެން ކުނި ވަކިން ބަންދުކޮށްފައި ކަމަށް ވެމްކޯއިން ބުންޏެވެ.

ކުނި އުކާލުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 9:00އިން ދަންވަރު 12:00އަށެވެ.

ހިޔާ ފްލެޓްތަކުން ކުނި އުކާލުމުގެ ޚިދުމަތަށް ފައިސާ ނަގަން ހަމަޖެހިފައި ވަނީ އަންނަ މަހުން ފެށިގެންނެވެ.

ހިޔާ ފްލެޓްތަކަށް އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތުގެ އަގަކީ މަހަކު 150 ރުފިޔާއެވެ.

ހިޔާ ފްލެޓްގެ ގޭބީސީތަކަށް ވެމްކޯއިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތަކީ ދުވަހު ކުންޏަށް ހާއްސަ ޚިދުމަތެއްކަމަށް ވުމާއެކު، އެނޫން ބަރު އަދި ބޮޑެތި ކުނި އުކާލުމަށް އެކޯޕަރޭޝަންގެ 'ކޯލް އެންޑް ޕިކަޕް ސާވިސް (ކެޕްސް)' ޚިދުމަތް ހޯދުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

"ކެޕްސް ޚިދުމަތަށް ބުކިންއެއް ހައްދާލުމަށް ނުވަތަ ހިޔާ ފްލެޓްގެ ބިލާ ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް ވެމްކޯގެ ހޮޓްލައިން 1666އަށް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ގުޅުއްވުމަށް ދަންނަވަން،" ވެމްކޯއިން ބުންޏެވެ.

comment ކޮމެންޓް