މަތިވެރިއާއި ރޯދަމަސް 4

ރޯދަ ކުރުކުރުމުގެ ގޮތުން އެކިކަހަލަ ކުޅިވަރު ކުޅުމަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ އާދައެއް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

"މަތިވެރިއާއި ރޯދަމަސް" ގެ ނަމުގައި ލިޔަމުން އަންނަ ސިލްސިލާ މި ފަހަރު ޚާއްޞަކޮށްލާނީ، ރޯދަމަހުގެ ދުވަސްތަކުގައި މަތިވެރީގެ ކުދިބޮޑުންގެ ތެރޭގައި ކުޅެވެމުން ދިޔަ ތަފާތު ކުޅިވަރުތަކުގެ މައްޗަށެވެ. އެ ދުވަސްވަރުގެ ބައެއް ކުޅިވަރުތައް، މިހާރު ވެސް މަތިވެރީގެ މާޙައުލުން ފެނެއެވެ. ބައެއް ކުޅިވަރުތައް ވަނީ ޒަމާނާއި މަކާނުގައި ވަޅުޖަހައި އޮބިފައެވެ.

އެހެނިހެން މަސްމަހާ ޚިލާފަށް، ރޯދަމަސް އެ ޒަމާނުގައި ބޮޑަށް ސިފަ ކުރެވެނީ ކުޅިވަރުގެ މަހެއްގެ ގޮތުގައެވެ. މަތިވެރިއަކީ އޭރު މަސްވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް ރަށެކެވެ. ރޯދަމަސް ނޫން މަސްމަހު ރަށުގެ ފިރިހެނުން އުޅޭނީ މަސްވެރިކަމުގައި ކަނޑުމަތީގައެވެ. އެހެންނަމަވެސް ރޯދަމަހު ގިނަ މީހުން ތިބޭނީ ރަށުގައެވެ. އެހެންކަމުން ކުޅިވަރުގެ ފޯރި ވެސް ތަންކޮޅެއް ބޮޑުވަނީއެވެ. މި ގޮތަށް ކުޅޭ ގިނަ ކުޅިވަރުގެ މަޤުޞަދަކަށް ވެފައި އޮންނަނީ ރޯދަ ކުރުކުރުމެވެ.

ފަތިސްނަމާދަށް ފަހު ތަންކޮޅެއް ލަސްވާންދެން ގިނަ މީހުން ނިދައިލާނެއެވެ. ނުވައެއް ދިހައެއް ޖަހައި އެހައިކަންހައިއިރު، ތެދުވެ ފެންވަރާލައިގެން ރަށުގެ ގިނަ ކުޑަކުދީންނާއި އަންހެނުން ގަސްގަސްދޮށުގެ ހިޔަލަށް ނިކުމެ، ފަތްޖެހިއެނދު ފަތުރާލައިގެން ތިބެ އޮންނާނީ އޮށްވަޅު ކުޅުމެވެ. ރޯދަމަހަށް އޮށްވަޅުގޮނޑި އާކުރުމާއި ލާގުޅާބައި ހަމަކުރުމަކީ އެ ދުވަސްވަރު ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ތަންކޮޅެއް ފަހުގެ ދުވަސްވަރެއްގައި ކެރަންބޯޑު ވެސް މި ތަންތަނުން ޖާގަ ހޯދަމުން ދިޔަ މަންޒަރު ވަނީ ފެނިފައެވެ. މެންދުރުނަމާދަށް ބަންގި ގޮވުމާ ހަމައަށް މި ކުޅިވަރުތަކުގައި ގިނަ މީހުން ދެމިތިބޭނެއެވެ. ނަމާދަށް ގޮވުމުން އަންހެން ފިރިހެން ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ޖަމާޢަތަށް އަރާނެއެވެ.

މެންދުރުނަމާދަށްފަހު ގުރުއާން ކިޔަވާލައި ހަދައިގެން، ގިނަ އަންހެނުން ވަންނާނީ ބަދިގެއަށެވެ. ކުޅިވަރުގައި ޝާމިލުވާނީ ފިރިހެނުންނެވެ. އެ ވެރިންގެ މައިގަނޑު ކުޅިވަރުގެ ތެރޭގައި ހިމެނޭނީ ތާސްކުޅުމާއި ތިންހަމަ ކުޅުމާއި ރާޒުވާކުޅުމެވެ. އަތިރިމަތީގައްޔާއި ރަށުގެ އެކިއެކި ހުސްތަންތަނުގައި ބައި ހަދައިގެން އަސުރަށް ގޮވުމާ ހަމައަށް މި ކަމެއްގައި ޒުވާން ފުރައިގެ ފިރިހެން ކުދިންނާއި ހަރު މީހުން ވަގުތުތައް ހޭދަކުރެއެވެ. މިހެން ތިބޭ އިރު ވަރަށް މަޖާ ވާހަކަތައް ދެއްކުން އޮންނާނެއެވެ. ސަމާސާކުރުމާއި ދިމާކުރުން ވެސް އޮންނާނެއެވެ، ބައެއް ފަހަރު ކުޅިވަރުގެ ފޯރި ގަދަވެ، ބައެއް މީހުން ރަތަށް ވެސް އަރާނެއެވެ. ވިހަވެގެން ހުއްޓާލައި މީހުން ވެސް ފެންނާނެއެވެ. ރޯދަމަހަށް ވީތީ އަވަހަށް ރުޅި އަންނަ މީހުން، މި ފަދަ ކަންކަމުން ސިއްކަޖެހެއެވެ.

އަސުރުނަމާދަށް ފަހު ފިރިހެން ވެރިންގެ މެދުގައި އޮންނާނީ މަންޑި ކުޅުމެވެ. މަންޑި ކުޅުމަށްޓަކައި ރޯދަމަސް ފެށުމުގެ ކުރިން އެ ކަމަށް ބޭނުންވާ އާލާތް ތައްޔާކުރާނެއެވެ. މަންޑިފޯލިތަކާއި މަންޑިދަނޑިގަނޑު ތައްޔާރުކުރާނެއެވެ. މި ތަކެތި ހަދާނީ ވީހައި ވެސް ވަރުގަދަ ހަރު ދަނޑިންނެވެ. ޢާންމުކޮށް ބޭނުންކުރާނީ ކުރެއްޖެވެ.

މަންޑިއަކީ އެ ދުވަސްވަރު ރޯދަމަހު ވަރަށް ފޯރި ގަދަކޮށް ކުޅޭ ކުޅިވަރެކެވެ. އެހެންނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކުޅިވަރެއް ވެސް މެއެވެ. ސަބަބަކީ މި ކުޅިވަރަށް ހުނަރުވެރި، އަތު ބާރުގަދަ މީހުން ޖަހާލައި ހޫނު ފޯލިން، ބައެއް ފަހަރު ހޮވާން ތިބޭ މީހުންގެ ގައިގެ ތަންތަން ފަޅަފަޅައިގެން ދާގޮތް ވާތީއެވެ. ފޯލި ހިފަން ކުރާ މަސައްކަތުގައި، އަނގިލިތަންތަން ދުޅަވެ ބިނދޭ ފަހަރު ވެސް އާދެއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ހަވީރު، ރަށުގެ ތުނޑީކޮޅުގައި، ކުޅިވަރަށް ޚާއްޞަކޮށްފައި އޮންނަ ހުސް ބިމުގައި ވަރަށް ފޯރިއާ އެކު މަންޑިކުޅުން ކުރިއަށް ދާނެއެވެ. ރޯދަވީއްލާ ވަގުތު ކުޑަތަންވުމާ ހަމައަށް ކުޅެއެވެ. ބައެއް ފަހަރު މަންޑީގެ ފޯރީގައި ތިއްބާ، ރޯދަވީއްލާ ސަންގުގެ އަޑު ވެސް ރަށުތެރޭގައި ގުގުމާލައެވެ.

ޢިޝާނަމާދަށްފަހު ތަރާވީސް ކައިގެން އަނެއްކާ ވެސް ކުޅިވަރުގެ ހަރަކާތްތައް ފެށޭނެއެވެ. ތާސްކުޅުމާއި އޮށްވަޅުކުޅުން ރޭގަނޑު ވެސް އޮވެއެވެ. އެހެންނަމަވެސް ރޭގަނޑުގެ ޚާއްޞަ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭނީ، ހިރިއާއި ބައިބަލާ ފަދަ، މަގުތަކަށް ނިކުމެ، ދުވެގެން ކުޅޭ ކަހަލަ ކުޅިވަރުތަކެވެ. މި ކުޅިވަރުތައް އޮންނާނީ ޒުވާންފުރައިގެ ފިރިހެނުންގެ މެދުގައެވެ. ޢިޝާނަމާދަށްފަހު ކުޅެންފަށާ ގޮތަށް ބައެއް ރޭރޭ ހާރުސަންގާ ހަމައަށް ވެސް ބައެއް މީހުން ކުޅިވަރުގައި ދިމިތިބެއެވެ. ކުޅިވަރުގެ ފޯރި ގަދަވެ، ރަށުތެރޭގައި އަޑުގަދަވާތީ، ބައެއް މީހުންނަށް ނިދަން އުނދަގޫވެގެން ވެސް އުޅޭނެއެވެ.

އެ ޒަމާނަކީ ކަރަންޓުގެ އަލިކަން އޮންނަ ޒަމާނެއް ނޫނެވެ. އެހެންކަމުން ހަނދުވަރު މޫސުމަކީ، ރަށަށް އަންނަ ވަރަށް ޚާއްޞަ ދުވަސްވަރެކެވެ. ރޯދަހަމަހުގެ ހަނދުވަރުގެ ދުވަސްވަރު މަގުތަކަށް ނިކުމެ ގަނޑުފިއްލާ ކުޅުމަކީ ވެސް ވަރަށް ފޯރީގައި ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި އަންހެން ފިރިހެން ދެ ޖިންސުން ބައިވެރިވާނެއެވެ. މި ގޮތަށް ކުޅޭއިރު ގަނޑަށް ބޭނުންކުރާނީ ވިދެފައި އޮންނަ ފަންގަނޑެކެވެ. ގަނޑަށް ވަންނަ މީހާ ވަންނާނީ ފަންގަނޑުގެ ދަށަށެވެ. ބައެއް ފަހަރު ކުޅިވަރުގައި ނުހިމެނޭ މީހަކު ގަނޑު ދަށަށް ލައިގެން، ނުބައި ނުވެ އެތައް އިރަކު ކުޅެއެވެ. މި ކަން ފަޅާއެރުމުން އިދިކޮޅު ޓީމުގެ މީހުން ވަރަށް ރުޅިގަދަވެގެން އުޅޭނެއެވެ. މިއީ ވެސް ވަރަށް ފޯރިއާއި މަޖަލުގައި ކުޅޭ ކުޅިވަރެކެވެ.

އެ ދުވަސްވަރު މީހުންގެ ހޭލުންތެރިކަން ހުރި ގޮތުން، ރޯދަމަހު ކުޅިވަރަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދެވިފައެވެ. އެހެންނަމަވެސް ކޮންމެ ފަރުދަކު ވެސް ހަނދާން ބަހައްޓަންވީ، ރަމަޟާން މަހަކީ، ކުޅިވަރުގެ މަހެއް ނޫންކަމެވެ. އަޅުކަމަށް ޚާއްޞަވެފައިވާ މަހެއްކަމެވެ. އެހެންކަމުން މި މަހުގެ ދުވަސްތަކާއި ރޭތައް ކުޅިވަރުގައި ބޭކާރު ނުކުރާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޓަކައި އަޅުކަމުގައި ހޭދަކުރާށެވެ! އުފަލާއި ބާއްޖަވެރިކަން އޮތީ އެ ގޮތުގައެވެ.

ނޯޓް: މި ލިޔުމަށް މައުލޫމާތު ދެއްވީ، އއ. މަތިވެރީ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލްފާޟިލް އިބްރާހީމް ޝަރީފެވެ.

comment ކޮމެންޓް