ދަރަވަންދޫ ނަރުދަމާގެ މަަސައްކަތް ދަނީ ބާރަށް ކުރިއަށް، މިއަހަރު ނިންމާލެވޭނެ: ކައުންސިލް

ބ. ދަރަވަންދޫ ނަރުދަމާގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ/ އެމްޑަބްލިއުއެސްސީ

ބ. ދަރަވަންދޫ ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި އެ މަަސައްކަތް މިއަހަރު ތެރޭގައި ނިންމާލެވޭނެކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު "ސަން"އަށް ވިދާޅުވީ ދަރަވަންދޫ ނަރުދަމާގެ މަސައްކަތްތައް އެމްޑަބްލިއުއެސްސީއިން ކުރިއަށްގެންދާކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު އެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތަކީ ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަޝްރޫއު ނިމުމުގެ އިންތިޒާރުގައި އެރަށު ރައްޔިތުން ތިބިކަމަށާއި، އެ ރަށުގައި ނަރުދަމާ ޤާއިމްވުމަކީ ޒަމާނުއްސުރެ އެ ރަށުގެ ރައްޔިތުން ދެކެމުންއައި ހުވަފެނެއްކަމަށް ސަމީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަށުގައި ނަރުދަމާ ޤާއިމްވިމުން ރައްޔިތުން ޖަންގުޝަންތައް ހެދުމަށާއި އެ ސާފުކުރުމަށް ހޭދަކުރާ ހަރަދަށް ވަރަށް ބޮޑަށް ލުއިވާނެކަމަށެވެ.

"އެންމެ ބޮޑަށް ލުއިވެގެންދާނީ ރައްޔިތުން ޖަންގުޝަންތައް ހެދުމަށް ރައްޔިތުން ކުރާ ހަރަދަށާއި އެކުރާ މަސައްކަތަށް،" ސަމީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަށަށް އަންނަންޖެހޭ އިންވެސްޓްމަންޓުތައް ވެސް ނުގެނިވެގެން އުޅެނީ އެ ރަށުގައި ނަރުދަމާ ނޭޅި އޮތީމަކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން އެ ރަށުގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރެވޭނެކަމަށް ވެސް ސަމީހު ވިދާޅުވިއެވެ.

އެ މަސައްކަތް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ދާކަމަށާއި، އެ މަޝްރޫއު މި އަހަރުތެރޭގައި ނިންމާލެވޭނެކަމަށް އެމްޑަބްލިއުއެސްސީއާ ހަވާލާދީ ސަމީހު ވިދާޅުވިއެވެ.

ދަރަވަންދޫ ނަރުދަމާގެ ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި 9.54 ކިލޯމީޓަރު ދިގު ނަރުދަމާގެ ނެޓްވޯކެއް ޤާއިމް ކުރުމާއި، 780 މީޓަރުގެ ޕަމްޕިން ލައިން އެޅުމުގެ އިތުރުން ތިން ޕަމްޕިން ސްޓޭޝަން ޤާއިމްކުރެވިގެންދާނެކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

ސީ އައުޓްފްލަކާއި އެކު ޤާއިމްކުރާ އެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމޭއިރު ޖަންކްޝަން ބެހެއްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ، އަދި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ މްޝްރޫއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 40.29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް