ﷲ އަށް އީމާންވާ މީހެއްނަމަ މިކަންކަން އެނގެން މަޖުބޫރު!

ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފައިލް ފޮޓޯ

ﷲ އަށް އީމާންވުމުގެ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު އަސާސަކީ ތައުޙީދު ނުވަތަ ﷲ އެއްކައުވަންތަ ކުރުމެވެ. މީހެއްގެ ދިރިއުޅުމުގައި މިކަން ތަންފީޒު ނުކުރާނަމަ އޭނާއަކީ ޢާލަމްތަކުގެ ވެރި އިލާހަށް ފުރިހަމައަށް އީމާންވާ މީހެއްކަމުގައެއް ނުވާނެއެވެ. އަދި މުސްލިމެއްގެ ނަމުގައި ކިތަންމެ ގިނަ ދުވަހަކު ދުނިޔޭގައި އުޅުނަސް އޭނާއަކީ ފުރިހަމަ މުސްލިކަމަށް ނުވާނެއެވެ.

ތައުޙީދުގެ މާނައަކީ އަޅުކަމުގައްޔާއި ކަންކަމަށް އެދި ދެންނެވުމުގައި، ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމެވެ. ނުވަތަ އެކަލާނގެއަށް އަޅުކަން ކުރުމުގައި އެހެން އެއްވެސް ފަރާތެއް ބައިވެރި (ޝަރީކު) ނުކުރުމެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކުން މަދަދަށް ނޭދުމެވެ. މި އަސާސް ބަޔާންކޮށްދެއްވައި ﷲ ވަޙީކުރައްވާފައިވެއެވެ. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (ފާތިޙާ: 5) މާނައީ: "އަޅަމެން އަޅުކަން ކުރަނީ، އިބަރަސްކަލާނގެ އަށެވެ. އަދި އަޅަމެން (ކަންކަމުގައި) ވާގި އެދެނީ އިބަރަސްކަލާނގެ ހަޒުރަތުންނެވެ." (ޝަރުޢީ ނައްޞުތަކުގެ އަލީގައި އިލްމުވެރިންގެ އިޖުތިހާދުން، ތައުޙީދު ތިންބަޔަކަށް ބައްސަވާފައިވެއެވެ. އެއީ ތައުޙީދުއްރުބޫބިއްޔާ، ތައުޙީދުލްއުލޫހިއްޔާ އަދި ތައުޙީދު އަޞްމާއު ވައްޞިފާތި އެވެ. މި ބައިތަކުގެ ތަފުސީލު މި މަޒުމޫނުގައި ހިމަނާފައެއް ނުވާނެއެވެ.)

އަޅުކަން ނުވަތަ ޢިބާދާތުގައި މައިގަނޑު ދެ ޢުންޞުރު (element) އެއް އެކުލެވިގެން ވެއެވެ. ފުރަތަމައީ ﷲ ގެ ހަޒުރަތުގައި ނިކަމެތިކަމާއެކު އެ އިލާހަށް އަޅުވެތިވުމެވެ.(ރަޢުދު: 15-16) އެކަލާނގެއަށްޓަކައި ނިކަމެތިވާންޖެހެނީ، އެކަލާނގެއީ އެންމެހައި ބާރުތައް މިލްކުވެވޮޑިގެންވާ، ހުރިހާ ކަމަކަށް ކުޅަދުންވަންތަ ފަރާތްކަމަށް ވާތީއެވެ. ދިރިހުރުމާއި، މަރުވުމާއި، ރިޒުގު ދެއްވުމާއި، ބަލިތަކަށް ޝިފާ ދެއްވުމާ މިހުރިހައި ކަމެއް މިލްކުވޮޑިގެންވަނީ ހަމައެކަނި ﷲ އަށެވެ.

ދެވަނައީ އެހެން ހުރިހައި ފަރާތްތަކަށް ވުރެ ބޮޑަށް ﷲ ތަޢާލާ ދެކެ ލޯބި ވުމާއެކު އެ އިލާހަށް އަޅުވެތިވުމެވެ.(ތައުބާ: 24) އެކަލާނގެއީ އެންމެ ދީލަތި ވަންތަ، އެންމެ އިޙްސާންތެރި ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގައި ވާހައި އެއްޗެއް އިންސާނާއަށްޓަކައި އެކަލާނގެ ލެއްވެވިއެވެ. ސިއްރާއި ފާޅުގައި އޭނާއަށް ނިޢުމަތްތައް ތަނަވަސް ކޮށްދެއްވިއެވެ. އެންމެ ރިވެތި ސޫރައިގައި އެ އިންސާނާ ހެއްދެވިއެވެ.

ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށް އެކަލާނގެއަށް އަޅުކަން ކުރަންޖެހޭނީ އިސްވެ ބުނެވުނު ދެ ޢުންޞުރު ފުރިހަމަކޮށްގެންނެވެ. މިސާލަކަށް؛ ﷲ އަށްޓަކައި އެއްވެސް ކަހަލަ ނިކަމެތިކަމުގެ ޝުޢޫރެއް ތިމާގެ ހިތުގައި ނެތި، ކިތަންމެ ވަރަކަށް ނަމާދު ކުރިޔަސް އެއީ ފުރިހަމަ އީމާނަކާ އެކުގައި ކުރެވޭ ނަމާދެކޭ ނުބުނެވޭނެއެވެ. ނަމާދަށް ހަށަން ބަނދެލައިގެން މި ހުރީ ތިމާ އެންމެ ލޯބިވާ ފަރާތުގެ ހަޒުރަތުގައިކަން ހަނދާން ނައްތައިލައި، ދުނިޔެވީ ޚިޔާލުތަކުގެތެރެއަށް ޣަރަގުވެގެން ހުރެ ކުރާ ނަމާދަކީ ﷲ އަށްޓަކައި ޚާލިޞް ކުރެވޭ ނަމާދެކޭ ބުނާނީ ފަހެ ކިހިނަކުންހެއްޔެވެ؟

އެންމެހައި ނަބިއްޔުން ފޮނުއްވީ ތައުޙީދުގެ ރިސާލަތައިގެންނެވެ. ﷲ ގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. "... ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ..."(އަޢުރާފު: 59) އެއްވެސް ސިފައެއްގައި ޠާޣޫތަށް އަޅުކަން ކުރުން ނަހީކުރައްވައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللَّهَ وَاجْتَنِبُواْ الطَّاغُوتَ (ނަޙުލު: 36) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އުންމަތަކަށްމެ ރަސޫލަކު ފޮނުއްވީމެވެ. އެއީ، ﷲ އަށް އަޅުކަން ކުރުމަށާއި ޠާޣޫތާ ދުރުހެލިވުމަށް އެންގެވުމަށެވެ. ..."

ﷲ ފިޔަވައި އަޅުކަން ކުރެވޭ ފަރާތަކީ (އެބަހީ: ޠާޣޫތަކީ) އިންސާނަކަށް ނުވަތަ ޖިންނިއަކަށް ވެދާނެއެވެ. ނުވަތަ އެއީ ގެރި ބަކަރިފަދަ ޖަނަވާރަކަށްވެސް ވެދާނެއެވެ. ނޫނީވިއްޔާ އެއީ އިރު ހަނދާއި ތަރިތައް ފަދަ އެއްޗަކަށް ވެދާނެއެވެ. އަދި އެއީ ހިލައެއް ނުވަތަ ބުދެއް ކަމަށްވެސް ވެދާނެއެވެ. ﷲ އަށްޓަކައި ވާންޖެހޭ ނިކަމެތިކަމާއި، އެކަލާނގެއާމެދު ބަހައްޓަންޖެހޭ އެންމެ މަތީ ޖަރަދައިގެ ލޯބި، އެހެން އެއްވެސް ފަރާތަކަށް ޚާއްޞަކޮށްގެން ނުވާނެއެވެ. އެއީ ތިމާއަށް ކިތަންމެ މުހިންމު ފަރާތެއް ނަމަވެސް މިކަން ބަދަލެއްނުވާނެއެވެ. މި ދެކަންތައް، އެދަރަޖައަށް އެހެން ފަރާތަކަށް ޚާއްޞަ ކޮށްފިނަމަ އެއީ ޠާޣޫތަށް އަޅުކަން ކުރުމެވެ. އެއީ ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ.

ޠާޣޫތަށް އަޅުކަން ކުރުމާ ދުރުހެލިވެ، ތައުޙީދުގެ ބިންގަލުގެ މަތީގައި ހުންނަން އެދޭ މީހާ ތަބާވާންޖެހޭ ހަތަރު ކަމެއް، އަންޢާމު ސޫރަތުގައި ބަޔާންވެގެން ވެއެވެ. އެއީ:

1- ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް އެއީ އިލާހެއް ކަމުގައި ނުބެލުން: قُلْ أَغَيْرَ اللَّهِ أَبْغِي رَبًّا وَهُوَ رَبُّ كُلِّ شَيْءٍ ۚ (އަންޢާމު: 164) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ހުރިހައި ތަކެއްޗެއްގެ ވެރިރަސްކަލާނގެ ކަމުގައިވާ حال، ކަލަކު ކަމުގައި، اللَّه ފިޔަވައި އެހެން ފަރާތެއް ތިމަންކަލޭގެފާނު އެދޭނޭ ހެއްޔެވެ؟ ..." މިއާ ގުޅޭ ތަފުސީލު އިސްވެ ބަޔާން ކުރެވިއްޖެއެވެ.

2. ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއް އެހީތެރިއެއްކަމުގައި ނުހިފުން: قُلْ أَغَيْرَ اللَّهِ أَتَّخِذُ وَلِيًّا فَاطِرِ السَّمَاوَاتِ وَالأَرْضِ (އަންޢާމު: 14) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެހީތެރިޔަކު ކަމުގައި ތިމަންކަލޭގެފާނު ހިއްޕަވަންވީ، އިސްވެދިޔަ މިސާލެއް ނެތި އުޑުތަކާއި ބިންހެއްދެވި اللَّه ނޫން އެހެންފަރާތެއް ހެއްޔެވެ؟ ..." ޖާހިލިއްޔަ ޒަމާނުގައި ބުދަށް އަޅުކަން ކުރި މީހުން، އެ ބުދުތަކުގެ ކައިރީގައި ކަންކަމަށް އެދެމުން ދިޔައެވެ. ﷲ ތަޢާލާ މިވަނީ އެކަން ނަހީކުރައްވައި އެކަލާނގެއަށް ޝަރީކު ނުކުރުމަށް އަންގަވާފައެވެ.

3. ﷲ ފިޔަވައި އެހެން ފަރާތެއް އެއީ ހުކުމް ކުރާ ފަރާތް ކަމުގައި ނުބެލުން: أَفَغَيْرَ اللَّهِ أَبْتَغِي حَكَمًا وَهُوَ الَّذِي أَنزَلَ إِلَيْكُمُ الْكِتَابَ مُفَصَّلاً (އަންޢާމު: 114) މާނައީ: "(ކަލޭގެފާނު ވިދާޅުވާށެވެ!) ޙުކުމް ކުރާ މީހަކު ކަމުގައި اللَّه ނޫންފަރާތެއް އަހުރެން އެދޭނެހެއްޔެވެ؟ އެކަލާނގެއީ، (ޙައްޤާއި ބާޠިލު) ތަފުސީލުކޮށް ބަޔާންކުރައްވާފައިވާ ގޮތުގައި، ތިޔަބައިމީހުންނަށް ފޮތް ބާވައިލެއްވި ކަލާނގެއެވެ. ..." ތަފްސީރު އިލްމުވެރިން ވިދާޅުވެފައިވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބެހޭގޮތުން އެބައިމީހުންނަށް ޚަބަރު ދިނުމަށްޓަކައި، ޔަހޫދީން ނުވަތަ ނަޞާރާއިންގެތެރެއިން ޙަކަމަކު (ހުކުމް ކުރާ މީހަކު) ހަމަޖެއްސުމަށް މައްކާގެ މުޝްރިކުން އެދުނު ހިނދު، މި އާޔަތް ބާވައިލެއްވިއެވެ." އެއްވެސް ކަމަކާމެދު ﷲ ގެ ޙުކުމްފުޅެއް އޮތްނަމަ އެއާމެދު ޖަދަލު ކުރުމެއްނެތެވެ. ﷲ ގެ ހަޒުރަތުން އައިސްފައިވާ ޙުކުމްތަކާމެދު ފާޑުކިޔައި، އޭގެ މައްޗަށް އިތުރު ގޮތްތައް ކަނޑައެޅުމުގެ ބާރެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

4. ކޮންމެ ކަމެއްގެވެސް މަގުސަދަކީ ﷲ ގެ ރުހިވޮޑިގަތުން ހޯދުންކަމުގައި ހެދުން: قُلْ إِنَّ صَلاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ (އަންޢާމު: 162) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، ޢާލަމްތަކުގެ ވެރި اللَّه އަށެވެ." މިއީ މުޝްރިކުން ކަންތައް ކޮށް އުޅުނު ގޮތުގެ އިދިކޮޅެވެ. އެބައިމީހުން ނަމާދާއި ދުޢާއާއި ކަތިލުންތަކާއި އެންމެހައި އަޅުކަންތައް ޚާއްޞަ ކުރީ ބުދުތަކަށެވެ. އެމީހުންގެ ހިތުގައިވަނީ އެތަކެތީގެ ރުހުން ހޯދުމެވެ. އެއީ އެބައިމީހުންނަށް އެއްވެސް ފައިދާއެއް އަދި ގެއްލުމެއްވިޔަސް ނުދެވޭނެ ތަކެތި ކަމަށްވީނަމަވެސް މެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް