ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ 17 ބިލިއަން ރުފިޔާ ނުލިބޭ

މީރާ އޮފީސް ހިންގަމުން އަންނަ އިމާރާތް: މީރާގެ 2020ގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން މީރާއަށް ނުލިބި 21.66 ބިލިއަން ރުފިޔާ އެބަހުރި -- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ މިންވަރު އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި މީރާގެ 2020ގެ އޮޑިޓް ރިޕޯޓްގައި ވަނީ މިކަން ފާހަގަކޮށް، އެ ފައިސާ ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ލަފާ ދީފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު އަދި ވަކީން ހާއްސަކޮށް ރިސޯޓު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނުލިބި ހުރި ފައިސާގެ ތެރެއިން ބޮޑު އަދަދެއް ހިއްސާކުރަނީ ޓެކްސް ފިޔަވައި އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ފައިސާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މި އަދަދު 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް 264 ޕަސެންޓު އިތުރުވެފައިވާއިރު، 2020 ވަނަ އަހަރުގެ ނިޔަލަށް މީރާއަށް ނުލިބި 21.66 ބިލިއަން ރުފިޔާ ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީރާއަށް ނުލިބިވާ ފައިސާގެ 78 ޕަސެންޓަކީ ރިސޯޓުތަކުގެ ކުއްޔާއި އެއާ ގުޅޭ އެކި ޖޫރިމަނާތަކެވެ. މި ދާއިރާގައި މީރާއަށް ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 16.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ނުލިބި ދިގު މުއްދަތެއް ފާއިތުވެގެން ގޮސް، ނުލިބި ހުރި ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ބެލެވޭ ބައެއް ސަބަބުތައް ވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

ރިޕޯޓުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، ރިސޯޓު ތަރައްގީކުރުމަށް ދެވޭ މުއްދަތުގައި ރަށް ތަރައްގީކޮށް ނުނިންމުނު ނަމަވެސް އެ މުއްދަތު ހަމަވުމުން ކުލި ހިނގަން ފަށާގޮތަށް ރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައި އޮތުމެވެ.

މިފަދަ ރަށްތަކާ ގުޅިގެން ކޮންސްޓްރަކްޝަން މުއްދަތު ހަމަވުމަށްފަހު ވެސް ރަށް ނުހުޅުވި އަދި އެގްރިމެންޓް ބާތިލްނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން އެ ރަށްތަކަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ އިތުރުވާ ކަމަށް ބުނެފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތައް:

  • އެއްބަސްވުން ބާތިލް ކުރެވިފައިވާ ރަށްތަކުގެ އެއްބަސްވުން ބާތިލު ކުރެވުނު ދުވަހާ ހަމައަށް ކުލި ހިސާބު ކުރަން އޮތްނަމަވެސް، އެ ކުލި ދައްކާ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ހިނގާ ގޮތަށް އޮންނާތީ ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު ބޮޑު ތަނުން އިތުރުވަމުން ގޮސްފައިވުން
  • ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ނުދެއްކުމުން ޖޫރިމަނާ ކުރެވޭ ރޭޓް ބޮޑުވުމުގެ ސަބަބުން ނުދައްކައިވާ ކުއްޔަށް ބޮޑު ޖޫރިމަނާއެއް އަރައި، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މުޅި ޖުމްލަ އަދަދު ވަރަށް އަވަހަށް އިތުރު ވެގެންދިއުން
  • ރިސޯޓުތަކުން ދައްކަންޖެހޭ ކުލި ނުދައްކާ ބައެއް މައްސަލަތައް ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅައި، މިފަދަ ބައެއް މައްސަލަތައް މީރާއާ އެއްކޮޅަށް ނިމުނު ނަމަވެސް، ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކައިފައިނުވުން

އޭޖީ އޮފީހުން ވަނީ މީރާއަށް ފައިސާ ނުދައްކާ މައްސަލައިގައި ކަމާ ބެހޭ މިނިސްޓްރީތަކާއެކު މަޝްވަރާކޮށް، އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވައިލައިފައެވެ.

comment ކޮމެންޓް