އެއްވެ އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބަލައި ނުގަތް

25 މާރޗް 2022: "ނޭވާ ހޮޅިއަށް" ނަމުގައި އިދިކޮޅުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރަން އިތުރަށް ދިވެހި ސަރުކާރުން މަސައްކަތްކުރަންޖެހޭ ކަމަށް ބުނެ، އެމެރިކާގެ ޖަމުއިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ނެރެފައިވާ ރިޕޯޓުގައިވާ ކަންކަން އިސްލާހު ކުރުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ލަތީފެވެ.

މެންބަރު ޙުސެއިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އެއްވެއުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށާއި ޖުޑީޝަރީ އިސްލާހު ކުރުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ، ހިއުމަން ރައިޓްސް ވޮޗުން ރާއްޖޭގެ ހާލަތާ ގުޅޭ ރިޕޯޓެއް ނެރެފައިވާ ކަމަށެވެ.

މި ރިޕޯޓުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައްޔާއި ރިޔާސީ ކޮމިޝަންތަކުގެ ވައުދުތައް ނުފުއްދިވާކަން ފާހަގަކޮށްފައިވާ ކަމަށާއި ޖޭއެސްސީގެ ސިޔާސީ މީހުން ތިބޭ ތިބުން އިސްލާހު ކޮށްފައިނުވާތީ ޖުޑީޝަރީ ވެސް މިނިވަން ވެފައި ނުވާ ކަމަށް ބުނެފައިވާ ކަމަށް މައްސަލައިގައިވެއެވެ.

"ރިޔާސީ ކެމްޕެއިނުގައި އެއްވެ އުޅުމަށް ހުރަސް އެޅޭ ގޮތަށް ހުރި ގާނޫނުތައް އުވާލައްވާނެ ކަމަށް ވައުދު ވެވަޑައިގެންނެވި ނަމަވެސް ވެރިކަން ދެބައިވެ ބޮޑުވެގެން ދިޔައިރު ވެސް އަދިވެސް އެ ގާނޫނުތައް އުވާނުލައްވާ،" މައްސަލައިގައި ބުނެފައިވެއެވެ.

ހަމައެހެންމެ މުޒާހަރާތައް ހުއްޓުވުމަށް ކޮވިޑްގެ ބަހަނާ ދައްކައި، ބައިވެރިންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަން ވެސް މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައިގައި ވަނީ ހިއުމަން ރައިޓްސް ވޮޗުގެ ރިޕޯޓުގައިވާ ކަންކަން އިސްލާހު ކުރުމަށް ސަރުކާރަށް ގޮވައިލައިފައެވެ.

މި މައްސަލަ މަޖިލީހަށް ބަލައިގަތުމާ ގުޅޭ ގޮތުން މަޖިލީހުގައި ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ. ނުފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވުމާއެކު މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

comment ކޮމެންޓް