އަންހެން ކައުންސިލަރުންނާއި ކޮމިޓީއަށް ދިމާވާ ދަތިތަކުގެ މައްސަލަ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ކައުންސިލްތަކުގައި ތިއްބަވާ އަންހެން މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އެ މީހުންގެ މަސްއޫލިއްޔަތު އަދާކުރަން ދިމާވާ ދަތިތައް ދެނެގަތުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ގަރާރު އިތުރަށް ދިރާސާ ކުރުމަށް ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ.

މަޖިލީހަށް މި މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް މިއަދު ނެގި ވޯޓުގައި މައްސަލަ ކޮމިޓީއަށް ފޮނުވަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެންބަރުންގެ އިއްތިފާގުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ރަށްރަށާއި ސިޓީތައް ހިނގަނީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރެވި އަންހެނުންގެ ބައިވެރިވުމާއި އެކުގައިކަން ކަށަވަރުކުރުމަށްޓަކައި ކައުންސިލުތަކުގައި އަންހެނުންގެ ދައުރެއް ކަނޑައެޅިފައި އޮންނަންވާނެކަމަށް އީވާގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ އަންހެން ކައުންސިލަރުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ހުރަސްތަކާއި ގޮންޖެހުންތަކާއި މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެސެސްމަންޓެއް ހައްދަވައިދެއްވުމަށް ވެސް އެދިފައިވެއެވެ.

މި ގަރާރަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު، އަންހެން ކައުންސިލަރުންނަށާއި ކޮމެޓީތަކުގެ މެންބަރުންނަށް ދިމާވާ ދަތިތައް ދެނެގަތުމަށް ފަހު، ގާނޫނަށް އިސްލާހު ގެނައުމަކީ މުހިންމު ކަމެއްގެ ގޮތުގައި ގިނަ މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް