އިސްރާއީލް ފުލުހުން އަގްސާ މިސްކިތަށް ވަދެ، ފަލަސްތީންގެ 150 މީހަކު ޒަހަމްކޮށްފި

އިސްރާއީލްގެ ފުލުހުންގެ މީހަކު ފަލަސްތީނުގެ ރައްޔިތުންނަށް އިންޒާރު ދެނީ -- ފޮޓޯ/ ރޮއިޓާސް

އިސްރާއީލްގެ ފުލުހުން މިއަދު ފަތިހު އަޤްޞާ މިސްކިތަށް ވަދެގަނެ، ހަމަލާދީ، ފަލަސްތީނުގެ 150އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްފިއެވެ.

އެ ހާދިސާގެ މަންޒަރު ދުށް މީހުންނާ ހަވާލާދީ މިޑްލް އީސްޓްް އައި ނޫހުން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލް ފުލުހުން އަޤްޞާ މިސްކިތް ތެރެއަށް ވަދެގަތީ ފަތިސް ނަމާދުކޮށް ނިމުނުތާ މާގިނައިރު ނުވަނީސްއެވެ. އެވަގުތު މިސްކިތުގައި 30،000 ވަރަކަށް މީހުން ތިބި ކަމަށް މަންޒަރު ދުށް މީހުން ލަފާކުރެއެވެ.

އަލް އަޤްޞާ މިސްކިތުގެ އިމާމް ޝައިޚް ޢިކްރިމާ ޞަބްރީ ވިދާޅުވީ، އިސްރާއީލް ފުލުހުންގެ ހަމަލާގެ މަގުސަދަކީ ޔަހޫދީންގެ ދީނީ އަޅުކަމަކަށް އެމީހުންނަށް މިސްކިތަށް ވަނުމަށް ފުރުސަތު ދިނުން ކަމަށެވެ. އަދި އެއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މިޑްލް އީސްޓް އައި ނޫހުގައިވާ ގޮތުން އެ ހަމަލާގައި އިސްރާއީލް ފުލުހުން ވަނީ އަޤްޞާ މިސްކިތުގެ އެކި ސަރަހައްދުތަކުގައި މީހުންނާ ދިމާލަށް ރަބަރު އުންޑައާއި ކަރުނަ ގޭސް ޖަހައި، ސްޓަން ގްރޭނޭޑު ބޭނުންކޮށްފައެވެ.

ފަލަސްތީން ރެޑް ކްރެސެންޓުން ބުނީ އެ ހަމަލާތަކުގައި ޒަހަމްވި 152 މީހަކު ހޮސްޕިޓަލްތަކަށް ގެންދިޔަ ކަމަށެވެ. އެގޮތުން ޒަހަމްވި މީހުން ގެންދިޔަ އެއް ހޮސްޕިޓަލަކީ އިރުމަތީ ގުދުސްގައި ހުންނަ އަލް މަގުސަދު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލަށް ގެންދިޔަ 40 މީހުންގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން އެ ހަމަލާގައި އަޤްޞާ މިސްކިތުގެ ކުޑަދޮރުތަކެއް ތަޅައިގެން ގޮސް، މިސްކިތަށް ގެއްލުންތަކެއް ލިބިފައިވެއެވެ.

އެ ހަމަލާއަށް ފަހު އިސްރާއީލް ފުލުހުން ބުނީ އެމީހުން އަޤްޞާ މިސްކިތަށް ވަދެގަތީ، ފަތިސް ނަމާދަށް ފަހު އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގި ބަޔަކު ފޮނުވާލަން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ތިބި ބަޔަކު، ޔަހޫދީންގެ މުގައްދަސް ތަނެއް ކަމަށްވާ ވެސްޓަން ވޯލް ކައިރިއަށް ގާ އުކަމުން ދިޔަ ކަމަށް އިސްރާއީލް ފުލުހުން ބުންޏެވެ.

ނަމަވެސް މަންޒަރު ދުށް މީހުން ވަނީ އިސްރާއީލްގެ ފުލުހުން ވަކި މީހަކަށް ބެލުމެއް ނެތި މިސްކިތުގައި ތިބި އެންމެން ބޭރުކުރަން ކުއްލިއަކަށް މަސައްކަތް ކުރި ކަމަށް ބުނެފައެވެ. އަދި މިސްކިތުގެ މުވައްޒަފުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ހަމަލާ ދިން ކަމަށް އެމީހުން ބުނެއެވެ.

comment ކޮމެންޓް