ޓުވިޓާ ގަންނަން މަސްކްގެ 40 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް

ޓުވިޓާ ގަންނަން އީލޯން މަސްކް ވަނީ 40 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅާފަ --- ފޮޓޯ/ އޭޕީ

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާ ގަންނަން ބިލިއަނަރު އީލޯން މަސްކް، 43.4 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

އިއްޔެ ޓުވިޓާ މެދުވެރިކޮށް މަސްކް ބުނީ އޭނާ ޓުވިޓާ ގަންނަން ހުށަހަޅާފައި ވަނީ އެ ކުންފުނީގެ ކޮންމެ ހިއްސާއަކަށް 54.20 ޑޮލަރު ޖެހޭ ގޮތަށް ކަމަށެވެ.

މަސްކް ބުނި ގޮތުގައި އޭނާ މީގެ ކުރިން ޓުވިޓާގައި އިންވެސްޓު ކުރީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީއެއް ހިންގުމަށް މުހިންމު އެއްޗެއް ކަމަށް ދެކި، ޓުވިޓާއަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރުސަތުދޭ ޕްލެޓްފޯމެއް ކަމަށް ގަބޫލުކޮށްގެންނެވެ.

ނަމަވެސް ޓުވިޓާ މިހާރު ހިންގާ ގޮތުން އެ ބޭނުން ނުފުއްދޭ ކަމަށާއި އެ ކުންފުންޏަކީ އަމިއްލައަށް ކުންފުންޏަކަށް ބަދަލު ކުރަން ޖެހޭ ކަމަށް މަސްކް ބުންޏެވެ.

"އަހަރެންގެ ހުށަހަޅެމަކީ އަހަރެންގެ އެންމެ ރަނގަޅު އަދި އެންމެ ފަހު ހުށަހެޅުން. އެ ހުށަހެޅުން ގަބޫލުނުކޮށްފި ނަމަ އަހަރެން ހިއްސާދާރެއްގެ ގޮތުގައި ހުރުމާ ބެހޭ ގޮތުން ދެވަނަ ވިސްނުމަކަށް ދާނަން،" މަސްކް ބުންޏެވެ.

މަސްކް އެހެން ބުނި ފަހުން ޓުވިޓާއިން ނެރުނު ބަޔާނެއްގައި ވަނީ އޭނާގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އެ ކުންފުނީގެ ބޯޑުން އެ ހުށަހެޅުން ވަރަށް ގާތުން ދިރާސާކޮށް، ދެން އަމަލު ކުރާނެ ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.

ދާދި ފަހުން މަސްކް ވަނީ ޓުވިޓާގެ 9.2 ޕަސެންޓު ހިއްސާ ގަނެ، އެ ކުންފުނީގެ އެންމެ ބޮޑު ހިއްސާދާރަށްވެފައެވެ. އެއާއެކު އޭނާއަށް ކުންފުނީގެ ބޯޑުން ޖާގައެއް ދޭން ޓުވިޓާއިން ހުށަހެޅި ނަމަވެސް މަސްކް ވަނީ އެ ހުށަހެޅުން ގަބޫލުނުކުރަން ނިންމައިފައެވެ.

comment ކޮމެންޓް