ކީރިތި ރަސޫލާގެ ލޯބީގައި ... ރީތި ވާހަކައެއް

ހިރްކާއި ޝަރީފް އޮންނަ ކޮޓަރިކޮޅުގައި، ހިރްކާއި ޝަރީފް ފައުންޑޭޝަނުގެ ބައެއް މުއައްޒަފުންނާއި ސަލާމަތީ އޮފިސަރުން

ތުރުކީ ވިލާތުގެ އެންމެ ބޮޑު ޝަހަރު ކަމަށްވާ އިސްތަންބޫލުގެ ފާތިޙް އަވަށުގެ މުޙްތަސިބް އިސްކަންދަރެވެ ކިޔޭ ސަރަޙައްދުގައި "ހިރްކާއި ޝަރީފް މަސްޖިދް" ގެ ނަމުން ނަން ދެވިފައި ވާ މިސްކިތެއް ހުރެއެވެ. އެ މިސްކިތް ގަސްދު ކޮށްގެން ދުނިޔޭގެ ކަންކޮޅުތަކުން އިސްތަންބޫލަށް އަހަރަކު އެތައް މިލިއަން މުސްލިމުން ދަތުރު ކުރެއެވެ. މީގެ ތެރެއިން ގިނަ މީހުންނަށް ލިބެނީ ހިރްކާއި ޝަރީފް މަސްޖިދަށް ޒިޔާރަތް ކޮށްލައި، އެ މިސްކިތުގައި ވަގުތުކޮޅެއް ހޭދަ ކޮށްލެވުމުގެ ހިތްހަމަޖެހުމެވެ. ނަމަވެސް، ރަމަޟާން މަހުގެ ތެރޭގައި އެ މިސްކިތަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު ލިބޭ ނަޞީބުވެރީންނަށް، މިސްކިތުގައި ރައްކައުތެރިކަމާ އެކު ބޭއްވިފައި އޮންނަ "ހިރްކާއި ޝަރީފް" ނުވަތަ "އަލްޚިރްޤަތުއް ޝަރީފާ" ނުވަތަ "އަލްބުރްދަތުއް ޝަރީފާ" ދެކެލުމުގެ ޝަރަފު ލިބެއެވެ. އިސްލާމީ އުއްމަތުގެ އެންމެ އަގުހުރި އެއް ތަރިކަ ކަމުގައި ވާ "ހިރްކާއި ޝަރީފް" އަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަރަކާތްތެރި އާޘާރުފުޅެކެވެ. އެއީ އިތުރު އެކަލޭގެފާނު ތުރު ކުރެއްވި، އެކަލޭގެފާނުގެ ގަމީސްކޮޅެކެވެ.

ހިރްކާއި ޝަރީފްގެ ވާހަކައިގެ ފެށުން

ހިރްކާއި ޝަރީފްގެ ވާހަކަ ފެށެނީ އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައެވެ. އެކަލޭގެފާނުގެ ނުބުއްވަތުގެ މައްކީ ދައުރުގެ ދުވަސްވަރުއެވެ.

އެ ދުވަސްވަރު، ޔަމަން ކަރައިގެ އިބް އެވެ ކިޔުނު ޝަހަރަށް ނިސްބަތް ވާ ޢާއިލާއެއް އިސްލާމް ވިއެވެ. އެ ޢާއިލާގެ ބެއިފުޅެއް ކަމަށްވާ އުވައިސް ބިން ޢާމިރު ނުވަތަ އުވައިސް އަލްޤަރްނީ އަކީ އިސްލާމީ ތާރީޚުގެ އެންމެ ޚާއްޞަ އެއް ޝަޚްޞިއްޔަތެވެ. އެކަލޭގެފާނަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ބައްދަލު ވެވަޑައިގެންފައި ނުވުމާ އެކުގައިމެ، ބައެއް މުސްލިމް ޢިލްމުވެރީންގެ ގާތުގައި ޞަޙާބީއެކެވެ. އެކަލޭގެފާނަކީ ތާބިޢީންގެ ސާހިބާ ކަމުގައި ވެސް ބައެއް ޢިލްމުވެރީން ދެކެވަޑައިގަންނަވައެވެ. އިސްލާމް ދީނުގެ މައިގަނޑު ތިންވަނަ ބައި ކަމުގައި ވާ "އަލްއިޙްސާން" ގެ "އަހުލުވެރީން" ކަމުގައި ވާ ޞޫފީންގެ ގާތުގައި އެކަލޭގެފާނަކީ އިމާމެކެވެ. އިމާމުންގެ އިމާމެކެވެ.

އުވައިސްގެ މަންމާފުޅާއި ބައްޕާފުޅު އިސްލާމް ވެވަޑައިގަތުމަށް ފަހު، އެ ޢާއިލާގެ ގެއަކީ އިސްލާމް ދީނުގެ އަލިގަދަ ދަންމަރުގެ ފާންކަމުން ދިއްލި އުޖާލާ ވެފައި ވާ ބަރަކާތްތެރި ގެއެކެވެ. ހެޔޮކަމާއި ރިވެތި އަޚްލާޤާއި ޠާހިރު ދިރިއުޅުމުގެ މިސާލެކެވެ. ނަމަވެސް އެ ބެއިފުޅުން އިސްލާމް ވެވަޑައިގަތްތާ ގިނަ ދުވަސްތަކެއް ނުވަނީސް އުވައިސްގެ ބައްޕާފުޅު ޢާމިރު އަވަހާރަ ވެއްޖެއެވެ. އެއާއެކު، ފަޤީރު އެ ޢާއިލާގެ ފަޤީރުކަން އިހުނަށް ވުރެ ވެސް ބޮޑު ވިއެވެ. ނަމަވެސް ރޫޙާނީ އަދި އަޚްލާޤީ މުއްސަނދިކަމުގައި، އެއަށްވުރެ ވަކީން ތަނަވަސް ޢާއިލާއެއް ނެތޭ ބުނެވިދާނެއެވެ. މަންމާފުޅާއި ބައްޕާފުޅެކޭ އެއްފަދައިން އުވައިސަކީ ވެސް ތަޤުވާވެރިކަމާއި ތަވާޟުޢުވެރިކަމާއި އަޅުވެރިކަމުގައި އާދަޔާ ޚިލާފު ނަމޫނާއެކެވެ. ކީރިތި ޤުރްއާން އުނގެނިވަޑައިގަތުމާއި ﷲ ތަޢާލާއަށް ލޮބުވަތައި ނަމާދު ކުރެއްވުމުގައި އެކަލޭގެފާނު ގިނަ ވަގުތުތަކެއް ހޭދަ ކުރައްވައެވެ. ގިނަ ދުވަހު ހުންނަވަނީ ރޯދަޔަށެވެ. މީސްތަކުންނަށް އެހީތެރި ވެވަޑައިގަތުމާއި ހެޔޮކޮށް ހިއްތެވުމަކީ އެކަލޭގެފާނުގެ ދިރިއުޅުއްވުމެވެ. ޚާއްޞަ ގޮތެއްގައި، މަންމާފުޅަށް ހެޔޮކޮށް ހިއްތަވައި ޚިދުމަތް ކުރެއްވުމުގައި އެކަލޭގެފާނަކީ ނާދިރު މިސާލެކެވެ. އެކަލޭގެފާނު އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ މި ކަމުންނެވެ.

އުވައިސް އަލްޤަރްނީގެ ދެވަނަ ޠަބީޢަތަކީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ލޯބި ކުރެއްވުމެވެ. އެކަލޭގެފާނު އަބަދުވެސް ދެކެވަޑައިގަތް ހުވަފެންފުޅަކީ އިތުރު ރަސޫލާގެ އަރިޔަހަށް ވަޑައިގަތުމުގެ ހުވަފެންފުޅެވެ. އިތުރު އެކަލޭގެފާނުގެ ޚިދުމަތުގައި، އިތުރު އެކަލޭގެފާނުގެ ޞުޙުބަތުގައި އުޅުއްވުމުގެ ހުވަފެންފުޅެވެ. ޔަމަނުގައި ހުންނެވިޔަސް، އެކަލޭގެފާނު ޙިޖާޒު ކަރައިގެ ޚަބަރުދަބަރު ޝައުޤުވެރިކަމާ އެކު ހޯއްދަވައެވެ. ކީރިތި ނަބިއްޔާ އާއި މުސްލިމުންގެ ކަންކަން ދުވަހުން ދުވަހަށް އޮޅުން ފިލުއްވެވުމާ މެދު ފަރުވާ ކުޑައެއް ނުކުރައްވައެވެ. ބުނެވޭ ގޮތުގައި، އުޙްދު ހަނގުރާމައިގައި މައްކާގެ މުޝްރިކުންގެ ޙަމަލަތަކުގައި އިތުރު ނަބިއްޔާގެ ދަތްޕުޅު ޒަޚަމް ވި ޚަބަރު ލިބިވަޑައިގަތުމުން، އެކަމާ ކުރެއްވި ހިތާމަފުޅުގެ ތެރޭގައި އުވައިސް އަމިއްލަފުޅު ދަތްޕުޅު ވެސް މުގުރައިލެއްވިއެވެ.

ނަބިއްޔާގެ އަރިޔަހަށް ވަޑައިގަތުމުގެ އެދުންފުޅު ހިތްޕުޅުގައި ކިތަންމެ ބޮޑު ނަމަވެސް، ލޯފުޅު އަނދިރި މަންމާފުޅުގެ މުސްކުޅިފުޅު ޙާލާއި އެކަމަނާގެ ޞިއްޙީ ޙާލުކޮޅުގެ ސަބަބުން، އެކަމަނާ ދޫ ކޮށްލައްވައިފައި މަދީނާއަށް ވަޑައިގަންނަވާކަށް އުވައިސަކަށް ކެރިވަޑައެއްނުގަތެވެ. އެކަލޭގެފާނުގެ އެދިވަޑައިގަތުމުގެ މަތީން، ނަބިއްޔާއާ ބައްދަލު ކުރެއްވުމަށް ޓަކައި މަދީނާއަށް ޒިޔާރަތެއް ކޮށްލެއްވުމުގެ ހުއްދަ އެއް ފަހަރަކު މަންމާފުޅު ދެއްވިއެވެ. ނަމަވެސް އެ ހުއްދަ ދެއްވި އިރު މަންމާފުޅު ވިދާޅުވީ، މަދީނާއަށް ވަޑައިގެންފައި ދެ ދުވަހަކަށް ވުރެ ލަސް ވެވަޑައިނުގެން އެނބުރި ވަޑައިގަތުމަށެވެ. މަންމާފުޅުގެ ހުއްދަ ލިބިވަޑައިގަތުމުން، އުވައިސް އިންތިހާ ދަރަޖައަށް އުފާފުޅު ކުރައްވަމުން ދަތުރުފުޅު ފެށްޓެވިއެވެ. ގާތްގަނޑަކަށް މަހެއްހައި ދުވަހުގެ ބުރަ އަދި ތަކުލީފު ބޮޑު ދަތުރަކަށް ފަހު އެކަލޭގެފާނު މަދީނާއަށް ވަޑައިގަތް އިރު، ކަން ދިމާ ކުރި ގޮތުން އިތުރު ނަބިއްޔާ މަދީނާގައި ވަޑައިގެން ނުއުޅުއްވައެވެ. އެކަލޭގެފާނު ވީ ތަބޫކުގެ މަޢުރިކާގައި ޝާމު ކަރައަށް ވަޑައިގެންނެވެ. އުވައިސްގެ ކުރިފުޅުމަތީގައި އޮތް ޚިޔާރަކީ، ދިގު އަދި އުނދަގޫ ދަތުރަކަށް ފަހު މަދީނާއަށް ވަޑައިގެންނެވުނު ފަހަރު މާތް ނަބިއްޔާގެ މޫނުފުޅު ދެކެވަޑައިގެންފައި މެނުވީ އެނބުރިވަޑައިނުގަތުމަށް ޓަކައި ހަފުތާއެއް ދެ ހަފުތާއެއްގެ މުއްދަތަށް މަދީނާގައި މަޑު ކުރެއްވުން، ނުވަތަ މަންމާފުޅުގެ ބަސްފުޅާއި އަމުރުފުޅާ ޚިލާފު ވެވަޑައިނުގަތުމުގެ ގޮތުން ދެ ދުވަހަކަށް ބައްލަވައިފައި އެނބުރި ޔަމަނަށް ދަތުރުފުޅު ކުރެއްވުމެވެ. އެކަލޭގެފާނު މަދީނާގައި ދެ ދުވަސް ވާންދެން ނަބިއްޔާގެ އިންތިޒާރުގައި މަޑު ކުރެއްވިއެވެ. ދެން، ނުހަނު މަތީ ދަރަޖަޔަކަށް ހިތާމަފުޅު ކުރައްވާ ޙާލު، މަންމާފުޅުގެ ބަސްފުޅަށް ކިޔަމަންތެރި ވެވަޑައިގަތުމުގެ ގޮތުން، ނަބިއްޔާ ދެކެވަޑައިގަތުމުގެ އުފާފުޅާއި ނަޞީބު ލިބިވަޑައިނުގެން ޔަމަނަށް ފުރައިވަޑައިގަތީއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތަބޫކު ހަނގުރާމައިން އެނބުރިވަޑައިގަތުމަށް ފަހު، އުވައިސް އަލްޤަރްނީ އެކަލޭގެފާނާ ބައްދަލު ކުރެއްވުމަށް ޓަކައި މަދީނާއަށް ވަޑައިގެންފައި، މަންމާފުޅުގެ ޙައްޤުގައި އެނބުރި ޔަމަނަށް ވަޑައިގަތް ޚަބަރު ލިބިވަޑައިގަތުމުން އިތުރު އެކަލޭގެފާނު ހިތާމަފުޅާއި އުފާފުޅު އެއްފަހަރާ ކުރެއްވިއެވެ. ހިތާމަފުޅު ކުރެއްވެވީ އުވައިސާ ބައްދަލު ވެވަޑައިނުގަތް ކަމަށް ޓަކައެވެ. އުފާފުޅު ކުރެއްވެވީ، އިތުރު އެކަލޭގެފާނުގެ ދީނުގެ ޙަޤީޤީ ތަޢުލީމުން އުވައިސްގެ ނަފުސުފުޅު ޒީނަތްތެރި ވެފައި ވާކަމަށް ޓަކައެވެ. އާދެ، މަންމަގެ ޙައްޤު އަދާ ކުރައްވައި، މަންމަޔަށް ކިޔަމަންތެރި ވެވަޑައިގެން، މަންމަ ދެކެ ލޯބި ވެވަޑައިގެން އޯގާވެރި ވެވަޑައިގަތުމުގައި އުވައިސް ދެއްކެވި ރިވެތި ނަމޫނާއަށް ޓަކައެވެ.

މި ޒަމާނުގައި އަޅުގަނޑުމެންނަށް ދީނަކީ އެތެރެފުށުގައި މަޞްނޫޢީ ޤަލަމަކުން ލިޔެލެވޭ "ޢަޤީދީ ޤާނޫނުތަކެއްގެ" މައްޗަށް ބޭރުފުށުން ގުނަވަންތަކުން އަދާ ކޮށްލެވޭ "ތަޢުޡީމް" ގެ ޢަމަލުތަކެކެވެ. ރަސްމުތަކެކެވެ. މިސްކިތަށް ދެވުމުން، މިސްކިތަށް ދާން ރީތި ވެ އަތަރު ލެވުމުން، ނަމާދު ކުރެވުމުން، ދުލުން ކީރިތި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާގެ ބަސްތައް ބުނެލެވުމުން، ﷲ އެއްކައުވަންތަ ކުރުމަށް ޓަކައި ދުލުން ގަދަބަސްތައް ބުނެލެވުމުން، ދީނުގެ ކަންކަމާ ގުޅިގެން ތިމާ ޤަބޫލު ކުރާ ޤަބޫލުކުރުންތަކާ ތަފާތު ވާ ކޮންމެ މީހަކާ ދެކޮޅަށް "ވަލާ ވަލްބަރާ" އޭ ކިޔައިގެން ބަދުބަސްތަކެއް ބުނެލެވުމުން، ކީރިތި ރަސޫލާގެ އަރިޔަހަށް ޒިޔާރަތް ކުރެވުމުން، ގެފުޅަށް ނުވަތަ މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކޮށްލެވުމުން، އެ މަޤާމުފުޅުތަކުގައި ޖުއްބާ ލައިގެން ހުރެ ފޮޓޯ ނަގައިލެވުމުން، ތުނބުޅި ނުވަތަ މޫނުބުރުގާއިން "ޒީނަތްތެރި" ވެވުމުން، ދީން ފުރިހަމަ ވީއެވެ. ނަމަވެސް އުވައިސް ދެއްކެވި މިސާލަކީ، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ބޮޑު އުއްމީދު ކަމުގައި ވި، ނަބިއްޔާގެ އަރިޔަހަށް ވަޑައިގެން އެކަލޭގެފާނާ ބައްދަލު ކުރައްވައި ޞަޙާބީއެއްގެ މަތިވެރި ދަރަޖަ ހޯއްދެވުމުގެ ފުރުޞަތު ވެސް، މަންމަޔަށް ހެޔޮކޮށް ހިތުމަށް ޓަކައި އަދި މަންމަޔަށް ކިޔަމަންތެރި ވުމަށް ޓަކައި ޤުރްބާން ކޮށްލުމަކީ ޙަޤީޤީ އީމާން، ޙަޤީޤީ އިސްލާމް، އަދި ޙަޤީޤީ އިޙްސާން ކަމެވެ. އިސްލާމް ދީނުގެ ޙަޤީޤީ ޖައުހަރަކީ ލޯތްބާއި، ރަޙްމާއި، އަޚްލާޤީ ވާޖިބު އަދާކުރުންކަމެވެ.

ވަރަށް ޚާއްޞަ ހަދިޔާއެއް

އުވައިސް އަލްޤަރްނީ އާއި އެކަލޭގެފާނުގެ ޙާލުކޮޅާއި ދަތުރުފުޅުގެ ތަފްޞީލީ ޚަބަރުތައް ޖިބްރީލް ޢަލައިހިއްސަލާމް އިތުރު ނަބިއްޔާގެ އަރިޔަހަށް ގެނެސްދެއްވިއެވެ. އެ ޚަބަރުތަކާ ގުޅިގެން، ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން ޢުމަރު ރަޟިޔަﷲ ޢަންހާއި ޢަލީ ރަޟިޔަﷲ ޢަންހަށް، އެ ބެއިފުޅުންނާ އުވައިސާ ބައްދަލު ވެވަޑައިގަންނަވާނޭ ކަމުގެ ޚަބަރު ދެއްވިއެވެ. އެކަލޭގެފާނުގެ ސިފަފުޅުތައް ވިދާޅުވެދެއްވައި އެކަލޭގެފާނު ފާހަގަ ކުރެއްވެވޭނޭ ގޮތް ވިދާޅުވެދެއްވިއެވެ. އިތުރު އެކަލޭގެފާނު ޢުމަރުގެފާނާއި ޢަލީގެފާނަށް އެންގެވި ކަމަށް ފޮތްތަކުގައި ވެއެވެ. "އުވައިސާ ބައްދަލު ވެވަޑައިގަތުމުން، ތިމަން ކަލޭގެފާނުގެ ސަލާމް ރައްދު ކޮށްދެއްވާށެވެ. އަދި ތިމަން ކަލޭގެފާނުގެ އުއްމަތަށް ހެޔޮ ދުޢާ ކޮށްދެއްވާށޭ ވިދާޅުވާށެވެ." ބައެއް ފޮތްތަކުގައި އޮންނަ ގޮތުން އިތުރު އެކަލޭގެފާނު ވިދާޅުވީ، "ތިޔަ ބެއިކަލުންނަށް ހެޔޮ ދުޢާ ކޮށްދެއްވުމަށް އުވައިސްގެ ގާތުން އެދިވަޑައިގަންނަވާށޭ" މިހެންނެވެ. ދެން، އިތުރު އެކަލޭގެފާނުގެ ގަމީސްކޮޅެއް ޢަލީގެފާނުގެ އަތްޕުޅަށް ދެއްވަވައި، އުވައިސާ ބައްދަލު ވެވަޑައިގަތުމުން އެ ގަމީސްކޮޅު އެކަލޭގެފާނަށް ހަދިޔާ ކޮށްދެއްވުމަށް ވަޞިއްޔަތް ކުރެއްވިއެވެ.

އުވައިސުލް ޤަރްނީ އަކީ ވަރުގަދަ ހަނގުރާމަވެރިއެއް ނޫނެވެ. ޝުހުރަތާއި މަޝްހޫރުކަން ލިބިގެންވާ ޅެންވެރިއެއް ފަދަ ޝަޚްޞިއްޔަތެއް ނޫނެވެ. ބިމާއި މުދަލާއި މުއްސަނދިކަމުގެ ވެރިއެއް ނޫނެވެ. ޤަބީލީ ވެރިކަމާއި އާރާއި ބާރާއި ޢިއްޒަތުގެ އަހުލުވެރިއެއް ވެސް ނޫނެވެ. ނުވަތަ، އެއިރާ ހަމަޔަށް، ޢިލްމުވެރިކަމުގައި ނަން ހިނގައިފައި ވި އުސްތާޒެއް ވެސް ނޫނެވެ. އެކަލޭގެފާނަކީ ފަޤީރު ޔަތީމެކެވެ. އެންމެ ތިލަ ޢިބާރާތުން ދަންނަވަންޏާ، އާދައިގެ، ދެރަ، ނިކަމެއްޗެކެވެ. އެކަލޭގެފާނުގެ ހަމައެކަނި ޚާއްޞިއްޔަތަކީ، ﷲ ތަޢާލާ އާއި، އެކަލާނގެ ރަސޫލާ އާއި، އެކަލާނގެ ދީނަށް އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް އާދަޔާ ޚިލާފު ލޯތްބެވެ. ޙަޤީޤީ މުއުމިނެއް، ޙަޤީޤީ މުސްލިމެއް، އަދި ޙަޤީޤީ މުޙްސިނެއްގެ ގޮތުގައި އެކަލޭގެފާނުގެ ޙަޔާތްޕުޅު ހޭދަ ކުރެއްވި ކުރެއްވުމެވެ. ދުނިޔޭގެ ހުރިހައި އުފާތަކެއް ދޫ ކޮށްލައްވައިގެން، މުސްކުޅި އަދި ބަލި މަންމާފުޅަށް ޚިދުމަތް ކުރެއްވުމުގައި މުޅި ޙަޔާތްޕުޅު ޤުރުބާން ކޮށްލެއްވިކޮށްލެއްވުމެވެ. އެކަލޭގެފާނުގެ ޚާއްޞިއްޔަތުގައި މާއްދީ އެއްވެސް އުންސުރެއް ނުވެއެވެ. ވަނީ ހަމައެކަނި ރޫޙާނީ އަދި އަޚްލާޤީ ޖައުހަރެކެވެ. ނަމަވެސް ﷲ ގެ ރަސޫލާ އެކަލޭގެފާނުގެ މަތީން ހަނދުމަފުޅު ކުރެއްވީ ކޮން ފަދަޔަކުންތޯއެވެ؟ އެކަލޭގެފާނަށް ލޯބި ކުރެއްވެވީ ކޮން ފަދަޔަކުންތޯއެވެ؟ އެ ދެ ބެއިކަލުންގެ ދެމެދުގައި އޮތީ ކޮންފަދަ ފުރިހަމަ ރޫޙާނީ އުޚުއްވަތެއްތޯއެވެ؟ އިތުރު އެކަލޭގެފާނު އުވައިސަށް "ތިމަން ކަލޭގެފާނުގެ އުއްމަތަށް ޓަކައި ދުޢާ ކޮށްދެއްވާށޭ" ވިދާޅުވި ވިދާޅުވުމުގެ ގިނަގުނަ ވެގެންވާ މާނަތަކާ މެދު ވިސްނަމާތޯއެވެ؟

ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި އުވައިސް އަލްޤަރްނީ މަދީނާއަށް ވަޑައިގަތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވައިފައި އޮތް ގޮތުގެ މަތީން، ޢުމަރުގެފާނަށް އެކަލޭގެފާނާ ބައްދަލު ވެވަޑައިގަތުމުގެ އުފާ ލިބިވަޑައިގަތެވެ. ޢަލީ ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ދުވަސްވަރު، އުވައިސް ޢިރާޤަށް ވަޑައިގެން ޢަލީގެފާނާ ވެސް ބައްދަލު ކުރެއްވިއެވެ. ޢަލީގެފާނު އިތުރު ސާހިބާގެ ހަދިޔާގެ އަމާނާތް އުވައިސަށް ރައްދު ކުރެއްވި ވަގުތަކީ އުވައިސްގެ ޙަޔާތްޕުޅުގެ އެންމެ ޚާއްޞަ އެއް ވަގުތުކޮޅެވެ. އެކަލޭގެފާނު އެ ގަމީސްކޮޅުގައި ބޮސް ދެއްވައި، އުފާފުޅުން ކީރިތި ކުރެއްވިއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނެވިހައި ދުވަހަކު، ދެލޯފުޅުގެ ދެ ކޮޔަށް ވުރެ ބޮޑަށް އެ ގަމީސްކޮޅާ މެދު ފަރުވާތެރި ވެވަޑައިގަތެވެ.

ޢިރާޤުން އަނާޠޫލިއްޔާއަށް

އުވައިސް އަލްޤަރްނީގެ ޙަޔާތްޕުޅުގެ ފަހު ދުވަސްތައް ހޭދަ ކުރެއްވެވީ އަމީރުލް މުއުމިނީން ޢަލީގެފާނުގެ އަރިޔަހުގައެވެ. އުމަވީން އަމީރުލް މުއުމިނީނާ ދެކޮޅަށް ބަޣާވާތް ކުރުމުން، އެކަލޭގެފާނު އަމީރުލް މުއުމިނީންގެ އަރިޔަހުގައި ބާޣީންނާ ހަނގުރާމަ ކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަ ވީ އެ ހަނގުރާމައިގެ ތެރޭގައި، ޞިއްފީނުގެ މައިދާނުގައި، ޝަހީދު ވެވަޑައިގެންނެވެ.

އުވައިސުލް ޤަރްނީއަށް ބެއިފުޅަކު ލިބިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނު ޝަހީދު ވެވަޑައިގަތުމުން، އެކަލޭގެފާނުގެ އެންމެހައި އެއްޗެތިކޮޅުތަކާ އެކު، ނަބިއްޔާގެ ގަމީސްކޮޅު ވެސް ވާރުތައިން ލިބިވަޑައިގަތީ އެކަލޭގެފާނުގެ އަޚަކަށެވެ. އެ ހިސާބުން ފެށެނީ މި ރީތި ވާހަކައިގެ މުހިއްމު އަނެއް ބާބެވެ. އެ ބާބަކީ، ހިޖުރީ ގޮތުން މީގެ 1400 އަހަރަށް ވުރެ ދިގު މުއްދަތެއް ކުރީއްސުރެ، އަލްޤަރްނީ ޢާއިލާއިން ނަބިއްޔާގެ ގަމީސްކޮޅު ބަލަހައްޓަމުން އަންނަ ގޮތުގެ ވާހަކައެވެ. އެ ޢާއިލާގެ މިޝަނަކީ އަދި ޢާއިލީ ދިރިއުޅުމުގެ މުޅި ނާރެހަކީ އެ މަތިވެރި އާޘާރުފުޅު ރައްކައުތެރި ކުރުން ކަމަށް ވެގެން ދިޔަ ގޮތުގެ ވާހަކައެވެ. އެ ޝަރަފުވެރި މަސްއޫލިއްޔަތު އަދާ ކުރުމުގައި އެ ޢާއިލާގެ އެތައް ޖީލެއްގެ އެތައް ހާސް މެންބަރުން އެމީހުންގެ ޙަޔާތްތައް ހޭދަ ކޮށްފައި ވާ ގޮތުގެ ވާހަކައެވެ. އެ ގަމީސްކޮޅު ޢިރާޤުން އަނާޠޫލިއްޔާއަށް، އަނާޠޫލިއްޔާއިން އިސްތަންބޫލަށް ދިޔަ ގޮތުގެ ވާހަކައެވެ. އިސްލާމީ އުއްމަތުގެ އެތައް ޖީލެއްގެ އެތައް މިލިއަން ބަޔަކު ނުހަނު ލޯތްބާ އެކު އެ ގަމީސްކޮޅަށް އަދަބު އަދާ ކުރަމުން އަންނަ ގޮތުގެ ވާހަކައެވެ.

އުވައިސް އަލްޤަރްނީ އަވަހާރަ ވުމަށް ފަހު، އެކަލޭގެފާނުގެ ޢާއިލާގެ މެންބަރުން ދިރިއުޅުއްވަމުން ގެންދެވީ ޢިރާޤުގައެވެ. މީލާދީން އަށްވަނަ ޤަރުނުގެ ތެރޭގައި އެ ޢާއިލާ ޢިރާޤު ދޫ ކުރައްވައި، އެއިރުގެ އަނާޠޫލިއްޔާގެ ހުޅަނގުގައި، އީޖާ ކަނޑުގެ އައްސޭރީގައި އޮންނަ ކުޑަ ޝަހަރަކަށް ހިޖުރަ ކުރެއްވިއެވެ. މިހާރުގެ ނަންތަކުން ނަމަ، އެ ޝަހަރަކީ ތުރުކީ ވިލާތުގެ ކުޝާދަސީއެވެ. އަލްޤަރްނީ ޢާއިލާ ޢިރާޤު ދޫ ކޮށްލެއްވީ ކޮން ސަބަބަކާ ހުރެކަން އެނގޭކަށެއް ނެތެވެ. ނަމަވެސް ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި އެކަމުގެ ސަބަބަކަށް ވާނީ ޢިރާޤުގެ މަސްރަޙަށް އައި ބަދަލުތަކާ އެކު، އެ ބެއިފުޅުންނަށާއި އެ ބެއިފުޅުންގެ އަތްޕުޅުގައި އޮތް ނަބަވީ އާޘާރުފުޅަށް ޢިރާޤުގައި ރައްކައުތެރިކަމެއް ނެތް ކަމަށް ޤަބޫލުފުޅު ކުރެއްވެވުމެވެ.

އަލްޤަރްނީ ޢާއިލާގެ ބެއިފުޅުން ޢިރާޤުގައި ދިރިއުޅުއްވި ދުވަސްވަރު ވެސް، އަދި އަނާޠޫލިއްޔާއަށް ހިޖުރަ ކުރެއްވި ފަހުން ވެސް، ނަބިއްޔާގެ ގަމީސްކޮޅު ދެކިލުމުގެ އުފާ ލިބިގަނެ އެކަމުން ބަރަކާތް ޙާޞިލު ކުރުމުގެ އެދުމުގައި އެ ޢާއިލާ ދިރިއުޅޭ ގެއަށް ގިނަ ބަޔަކު ޒިޔާރަތް ކުރެއެވެ. ޢާއިލާގެ އެންމެ މުހިއްމު މިޝަނަކަށް ވެފައި އޮތީ އެމީހުންނަށް ހެޔޮކޮށް ހިތައި މެހުމާންދާރީ އަދާ ކުރުމެވެ. އަނާޠޫލިއްޔާގެ ބިމުގައި މަޝްހޫރު ޢުޘްމާނީ ޚިލާފަތުގެ ބިންގާ އެޅި، އެ ދައުލަތް ހަ ފަރާތަށް ފެތުރި ފުޅާ ވެގެން ގޮސް، އިސްލާމީ އުއްމަތުގެ ބޮޑު ބާރަށް ވެގެން ދިޔަ އިރު ވެސް، އަދި ޢުޘްމާނީންގެ އަތްމައްޗަށް އިސްލާމީ ޚިލާފަތުގެ ލަގަން އެރި އިރު ވެސް، އެ ޢާއިލާގެ ޖީލަކަށް ފަހު ޖީލެއް ޤާއިމު ވެތިބީ މި މަތިވެރި މަސައްކަތުގައެވެ. އެ ގަމީސްކޮޅަށް "ހިރްކާއި ޝަރީފް" ގެ ނަން ދެވި، އެ ނަން މަޝްހޫރު ވެގެން ދިޔައީ އެ ދުވަސްވަރުއެވެ.

އިސްތަންބޫލަށް

މީލާދީން 1603 އިން 1617 އަށް ޢުޘްމާނީ ތަޚްތުގައި އިންނެވި ސުލްޠާން އަޙްމަދު އައްވަލް، އަލްޤަރްނީ ޢާއިލާގެ ބެއިފުޅުންގެ އަތްޕުޅުން ހިރްކާއި ޝަރީފް އަތުލައްވަވައި އެމަނިކުފާނުގެ ހިޔާޒަތާއި ހިފާޒަތުގެ ދަށުގައި ބޭއްވެވުމަށް ގަސްދު ކުރެއްވެވިއެވެ. ނަމަވެސް އެމަނިކުފާނުގެ ވަޒީރުންނާއި، ދީނީ ޢިލްމުވެރީންގެ އިސް ބެއިފުޅުން ގަދަ ބަހުން އަދި އެއް އަޑުފުޅަކުން އެކަމާ ކުރެއްވެވީ އިޢުތިރާޟެވެ. އުވައިސުލް ޤަރްނީގެ ޢާއިލާގެ ބެއިފުޅުންގެ އަތްޕުޅުން އެ އާޘާރުފުޅު އަތުލެއްވެވުމަކީ ކީރިތި މާތް ނަބިއްޔާގެ ޢަމަލުފުޅެއް ނަފީ ކުރެއްވެވުން ކަމުގައި މެނުވީ ނުވާނޭ ކަމަށް ދެންނެވިއެވެ. އެއީ އިތުރު އެކަލޭގެފާނަށް ބޭއިޙްތިރާމު ކުރުމެއް ކަމަށާއި އެކަލޭގެފާނުގެ ޙުރުމަތަށް ކުޑައިމީސްކޮށް ހިތުމެއް ކަމަށް ވާނޭ ވާހަކަ ވިދާޅުވިއެވެ.

ބޮޑުންނާއި ދީނީ ދަންނަ ބެއިކަލުންގެ ނަޞޭޙަތް ޚަލީފާ ޤަބޫލުފުޅު ކުރެއްވެވިއެވެ. ދެން އެމަނިކުފާނު ކުރެއްވި ކަމަކީ، އަލްޤަރްނީ ޢާއިލާއަށް ޒިޔާރަތް ކުރައްވައި، ކުޝާދަސީން އިސްތަންބޫލަށް ބަދަލު ވެވަޑައިގެން، އެމަނިކުފާނުގެ ރައްކައުތެރިކަމާއި ޢިނާޔަތުގެ ދަށުގައި އިސްތަންބޫލުގައި ދިރިއުޅުއްވުމުގެ ދަޢުވަތު ދެއްވުމެވެ. އަލްޤަރްނީ ޢާއިލާގެ ބެއިފުޅުން މި ދަޢުވަތު ޤަބޫލުފުޅު ކުރައްވަވައި، އިސްތަންބޫލަށް ވަޑައިގަތެވެ. އެ ޝަހަރުގައި އެ ބެއިފުޅުން ދިރިއުޅުއްވަވާން ފެށްޓެވީ ސުލްޠާން އަޙްމަދު އެ ޢާއިލާއަށް ދެއްވެވި ގެކޮޅެއްގައެވެ. ހިރްކާއި ޝަރީފް ބޭއްވެވުނީ، އެ ގެކޮޅުގައި އެކަމަށް ޚާއްޞަ ކުރެވިފައި ހުރި މަކާނެއްގައެވެ.

އަލްޤަރްނީ ޢާއިލާ އިސްތަންބޫލަށް ބަދަލު ވެވަޑައިގަތުމަށް ފަހު، ހިރްކާއި ޝަރީފް ދެކެލުމުގެ އެދުމުގައި އެ ޢާއިލާގެ ގެކޮޅަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދު އެތައް ގުނައެއް އިތުރު ވެގެން ދިޔައެވެ. އޭގެ ސަބަބުން، ކަމަށް ހިނގާ ޚަރަދާއި ކަމުގެ ތަކުލީފު ވެސް އިންތިހާއަށް ބޮޑު ވިއެވެ. އެއިރު ހަމަޖެހިފައި އޮންނަ އިންތިޒާމަކީ، ރަމަޟާން މަހުގެ ފަހު ދެ ހަފުތާގައި ޒިޔާރަތުގެ ދޮރު ހުޅުވައިލުމެވެ. އެއް ހަފުތާ ފިރިހެނުންނަށް، އަނެއް ހަފުތާ އަންހެނުންނަށެވެ. މި އާދަ ބަދަލު ވެ، އަންހެނުންނާއި ފިރިހެނުންނަށް އެއް ވަގުތެއްގައި ހިރްކާއި ޝަރީފް ބަލައިލެވޭ ގޮތަށް އިންތިޒާމު ހަމަޖެހުނީ ތުރުކީގެ ޖުމްހޫރިއްޔަތުގެ ދައުރު ފެށުނު ފަހުންނެވެ. ޢާއްމުންނެކޭ އެއްފަދައިން، ޢުޘްމާނީ ރަސްރަސްކަލުން ވެސް ނުހަނު ބޮޑު އަހައްމިއްޔަތެއް ދެއްވަވައިގެން، ޙިރްކާއި ޝަރީފަށް ޒިޔާރަތް ކުރައްވައި އުޅުއްވިއެވެ.

ހިރްކާއި ޝަރީފް މަސްޖިދް
ހިރްކާއި ޝަރީފް ބޭއްވުމަށް ޓަކައި ވަކި ޢިމާރާތެއް އެންމެ ފުރަތަމަ ބިނާ ކުރެއްވީ މީލާދީން 1774 އިން 1789 އަށް ޢުޘްމާނީ ތަޚްތުގައި އިންނެވި ސުލްޠާން ޢަބްދުލްޙަމީދް އައްވަލެވެ. އިސްތަންބޫލުގެ ފާތިޙް އަވަށުގައި އެމަނިކުފާނު ޢިމާރާތް ކުރެއްވީ އެއިރަށް ފުދޭ ވަރުގެ ބިނާއެކެވެ. ނަމަވެސް އަހަރުތަކަކަށް ފަހު، އެ ޢިމާރާތަކީ ކަމަށް ނުފުދޭހައި ކުޑަ ތަނެއް ކަމަށް ވެއްޖެއެވެ. ޒިޔާރަތް ކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ގިނަ ވަމުން ދިޔުމުގެ ނަތީޖާއެވެ.

މީލާދީން 1840 ގެ އަހަރުތަކުގެ ތެރޭގައި، ޚަލީފާ ސުލްޠާން ޢަބްދުލްމަޖީދު އައްވަލް ގަސްދު ކުރެއްވެވީ ހިރްކާއި ޝަރީފަށް ޒިޔާރަތް ކުރާ މީހުންނަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނޭ ފަދައިން، އެންމެ ޒަމާނީ ފެންވަރަށް ޢިމާރާތެއް ތައްޔާރު ކުރެއްވުމަށެވެ. އެގޮތުން، ފަސްދޮޅަހަކަށް އަހަރު ކުރީން ސުލްޠާން ޢަބްދުލްޙަމީދު އައްވަލް ހައްދަވައިފައި ހުރި ބިނާގެ ވަށައިގެން ހުރި ބިންތައް ދައުލަތަށް ނަންގަވައި، އެތަނުގައި ބޮޑު އެކުވެންޏެއް ޢިމާރާތް ކުރެއްވިއެވެ. އެ އެކުވެނީގެ މެދުގައި ހެއްދެވީ އަށް ބިތް ހިމެނޭ ޕޮލިގަނެއްގެ ބައްޓަމަށް ހުންނަ މިސްކިތެކެވެ. "ހިރްކާއި ޝަރީފް މަސްޖިދް" އެވެ ކިޔޭ މިސްކިތަކީ އެއީއެވެ. މިސްކިތުގެ ބިމުތަޅުމުގައި ހުންނަނީ ނަމާދު ކުރާ މައި މާލަމެވެ. ހިރްކާއި ޝަރީފް ބޭއްވިފައި އޮންނަނީ މިސްކިތުގެ ދެވަނަ ބުރީގައި، ޤިބުލަ ފާރާ ގުޅުވައިގެން ހަދައިފައި ހުންނަ ޚާއްޞަ ކޮޓަރިކޮޅެއްގައެވެ. އެ ކޮޓަރިކޮޅު ވެސް ހަދައިފައި ހުންނަނީ އަށް ބިތް ހުންނަ ޕޮލިގަނެއްގެ ސިފައިގައެވެ. މިސްކިތާއި، ހިރްކާއި ޝަރީފް އޮންނަ ކޮޓަރިކޮޅު އަށް ބިތް ހުންނަ ޕޮލިގަނެއްގެ ބައްޓަމަށް ޢިމާރާތް ކުރެއްވެވީ ޤުދުސްގައި ހުންނަ މަސްޖިދު ޤުއްބަތުއް ޞަޚްރާގެ ބައްޓަމާ އެއްގޮތް ކުރެއްވުމަށް ޓަކައެވެ.

މިސްކިތާ އެކު ހެއްދެވި އިތުރު ބައިތަކަކީ، ޢުޘްމާނީ ރަސްރަސްކަލުން މިސްކިތަށް ޒިޔާރަތް ކުރައްވައި މަޑު ކޮށްލެއްވުމަށް ޚާއްޞަ ބަޔަކާއި، އަލްޤަރްނީ ޢާއިލާގެ މެންބަރުން ދިރިއުޅުއްވާނޭ ގެކޮޅަކާއި، ތަނުގައި ޚިދުމަތް ކުރާ ޚާދިމުން މުއައްޒަފުން ތިބޭނޭ ބަޔަކާއި، ހިރްކާއި ޝަރީފާއި މިސްކިތް ރައްކައުތެރި ކޮށް ބެލެހެއްޓުމުގެ މަސައްކަތަށް ޚާއްޞަ ކުރެވިފައި ތިބޭ ޖެންޑާމު ފުލުހުންގެ ފައުޖުގެ މީހުން ޤާއިމު ވެތިބޭ ބައެކެވެ. ތަނުގެ ވަށައިގެން ފައުރު ލެވިފައި ހުންނަ އިރު، އެ ފައުރުގައި ވަދެނުކުމެ އުޅުމަށް ޓަކައި ތިން ފަރާތަށް ތިން ދޮރޯށި ލެވިފައި ހުރެއެވެ.

މުޅި ބިނާ ފުރިހަމަ ކުރައްވައި، ހިރްކާއި ޝަރީފް އެތަނަށް ބަދަލު ކުރެއްވީ މީލާދީން 1851 ގައެވެ.

ހިރްކާއި ޝަރީފާއި ހިރްކާއި ޝަރީފް މަސްޖިދު ބެލެހެއްޓުމުގެ މަސައްކަތާ އެކު، ކޮންމެ އަހަރަކު އެ މިސްކިތަށް ޒިޔާރަތް ކުރާ އެތައް މިލިއަން މީހުންނަށް މެހުމާންދާރީ އަދާ ކުރުމުގެ މަސްއޫލިއްޔަތުތައް އިންތިޒާމީ ގޮތެއްގައި އަދާ ކުރުމަށް ޓަކައި މިހާރު ވަނީ "ހިރްކާއި ޝަރީފް މަސްޖިދް ފައުންޑޭޝަން" ގެ ނަމުގައި ވަޤުފު ބޯޑެއް އުފެއްދިފައެވެ. އެ ބޯޑުގައި އަލްޤަރްނީ ޢާއިލާގެ މެންބަރުން ވެސް ޝާމިލު ވެވަޑައިގަންނަވައެވެ. ހިރްކާއި ޝަރީފް ބޭއްވިފައި ވާ ކޮޓަރިކޮޅުގެ ދެ ތަޅުދަނޑި އޮންނަ އިރު، އޭގެ ތެރެއިން އެއް ތަޅުދަނޑި އޮންނަނީ ފައުންޑޭޝަނުގެ ބެލުމުގެ ދަށުގައެވެ. އަނެއް ތަޅުދަނޑި އޮންނަނީ އަލްޤަރްނީ ޢާއިލާގެ އެއިރަކު ހުންނަވާ ވެރިޔެއްގެ އަތްޕުޅުގައެވެ. މިހާރު އެ ޚާއްޞަ ޝަރަފު އޮތީ ޢުމުރުން 45 އަހަރުގެ ބަރީސް ސާމިރަށެވެ. އޭނާ އަކީ އުވައިސް އަލްޤަރްނީގެ ފަރާތްޕުޅުން ހިރްކާއި ޝަރީފް ވާރުތަ ކުރެއްވި އެކަލޭގެފާނުގެ ކޮއްކޯފުޅުގެ 59 ވަނަ ކާފަދަރިކަލުންނެވެ. ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ ޙައިޘިއްޔަތުން، މިސްކިތުގެ ކަންކަން އިދާރީ ގޮތުން ބަލަހައްޓަވާ އިސް ބެއިފުޅެއްގެ ގޮތުގައި މިހާރު ހުންނެވީ ސުމައިރާ ގުލްދާލެވެ.

ލޯތްބާއި ތަޚްޞީޞްގެ ލާމަސީލު ދާސްތާނެއް
މިއީ ހިޖުރީ ގޮތުން 1443 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހެވެ.

މި ރަމަޟާން މަހު ވެސް، ހިރްކާއި ޝަރީފް މަސްޖިދުގެ ދޮރުތައް ވަނީ، ދުނިޔޭގެ އެކިއެކި ތަންތަނުން ޒިޔާރަތް ކުރާ އެތައް ލައްކަ މުސްލިމުންނަށް ޓަކައި ހުޅުވައިލެވިފައެވެ. ކޮންމެ ދުވަހަކު ވެސް، ކަނޑައެޅިފައި ވާ ވަގުތުތަކުގައި އެތައް ބަޔަކު ހިރްކާއި ޝަރީފްގެ ކުރިމަތީގައި ކިޔު ހަދައިލައެވެ. އެ ކިޔުގައި އެކި ޢުމުރުގެ، އެކި ނަސްލުތަކުގެ، އެކި ޤައުމުތަކުގެ އެތައް ސަތޭކަ އަންހެނުން ފިރިހެނުން ކުޑަކުދީން ތިބެއެވެ. މުޅި އެ މާޙައުލުގައި އޮންނަނީ ރޫޙާނިއްޔަތާއި ބާއްޖަވެރިކަމުން ޖަރީ ވެފައި ވާ އުފާވެރި ހިމޭންކަމެކެވެ. މަޑުމައިތިރިކަމާއި މަޑުމޮޅިކަމުގެ އަސަރުތަކެވެ. ހިރްކާއި ޝަރީފްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޖެންޑާމު ފައުޖުގެ ފުލުހުން ހިނދުކޮޅަކަށް ވެސް ސަމާލުކަން ކުޑަ ނުކޮށް، ހުރިހައި ދިމަދިމާޔަކަށް ނަޒަރު ހިންގަހިންގައި، ހުރިހައި ތަނެއް މުރާގަބާ ކޮށްކޮށް ތިބެއެވެ. ފައުންޑޭޝަނުގެ މެންބަރުން އެކި މަޤާމުތަކުގައި ތިބެގެން އިދާރީ ކަންކަން ބަލަހައްޓަމުން ގެންދެއެވެ. ދޭތެރެއަކުން، ކޮންމެވެސް މުއައްޒަފަކު ހިނިތުން ވެލުމަކާ އެކު "ސެލްފީ ނެގުން މަނާ" ފަދަ އިރުޝާދުތައް އިޝާރާތުން މީސްތަކުންނަށް ހަނދާން ކޮށްދެއެވެ. މިއީ، ތަނުގެ އެތެރޭގެ ފިނިހޫނުމިނާއި، ތަނުގެ އަލިކަން ފަދަ ބަހާތައް ވަކި މިންގަނޑުތަކެއްގެ ތެރޭގައި ބެހެއްޓުމަށް ޓަކައި ކަނޑައެޅިފައި އޮންނަ ޤަވާޢިދުތަކުގެ ދަށުން ދެވޭ އިރުޝާދުތަކެވެ.

ނިހާއީ މަޑުމޮޅިކަމާއި މަޑުމައިތިރިކަމާ އެކު، ކިޔުގައި ތިބޭ މީހުން ހިރްކާއި ޝަރީފް އޮންނަ ކޮޓަރިކޮޅުގެ ތެރެޔަށް އެއް ދޮރުން ވަދެގެން އަނެއް ދޮރުން ނުކުމެގެން ދާ އިރު، ގިނަ ބަޔަކު ދަނީ ކަރުނަ ފޮހެމުންނެވެ. ދުޢާއަށް ދެ އަތް އުފުލައިގެން ތިބެއެވެ. ބައެއް މީހުންގެ އަތްތަކުން ފާހަގަ ކުރެވެނީ ތުރުތުރުއެޅުމެވެ. މި ހުރިހައި ކަންތައްތަކުން ވެސް ދައްކުވައިދެނީ، އެ ބަރަކާތްތެރި ކޮޓަރިކޮޅުގެ ތެރޭގައި މުއުމިނުންނަށް ލިބޭ ޠާހިރު ރޫޙާނީ އުފަލާއި ސުކޫނުގެ މަތިވެރިކަމެވެ. އެ ތަޖުރިބާއިން އެމީހުންގެ ހިތްތަކުގައި އުފައްދާ ނަބަވީ ލޯބީގެ ޖަޒުބާތުތަކާއި ޝުޢޫރުތަކުގެ ފުންކަމާއި ތޫނުކަމެވެ. އެމީހުންނަށް ޓަކައި އެއީ ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ "އެންމެ ގާތަށް ދެވޭ" ވަގުތުކޮޅެވެ. ޙަޔާތުގައި ކުރެވޭ އެންމެ އާދަޔާ ޚިލާފު އެއް ތަޖުރިބާއެވެ.

"އަޅުގަނޑު މިދިޔަ އަހަރު ވެސް އައިން. ދުނިޔޭގައި ހުރިހައި ހިނދަކު، ﷲ ރުއްސެވިއްޔާ، ކޮންމެ އަހަރަކު ވެސް އަންނާނަން." ހިރްކާއި ޝަރީފް ބަލައިލުމަށް ފަހު، މިސްކިތުގެ ގޯތިތެރޭގައި ހުރެގެން ނޫސްވެރީންގެ ބަޔަކު ކުރި ސުވާލުތަކަށް ޖަވާބު ދެމުން، ތުރުކީގެ ރައްޔިތެއް ކަމަށް ވާ ނިޢުމަތު ޝާހީން ބުނި ކަމަށް ހުއްރިއްޔަތު ޑެއިލީގައި 16 ޖޫން 2017 ގައި ރިޕޯޓު ކުރެވިފައި ވެއެވެ. އޭނާއާ އެކު ހުރި ޢުމުރުން 76 އަހަރުގެ ނަޒީހާ ޕޮލާތު އެއިރުވެސް ދިޔައީ އުފަލުގެ ކަރުނަ އަޅަމުންނެވެ. އޭނާ ބުނީ "ހިރްކާއި ޝަރީފް ފެނިލުމުން، މައްކާއަށް ގެފުޅުގެ އަރިޔަހަށް، ނުވަތަ މަދީނާގެ މަސްޖިދުއް ނަބަވީއަށް ދެވުމުން ކުރެވޭ ކަހަލަ ޚާއްޞަ އިޙުސާސްތަކެއް ކުރެވޭ" ކަމުގައެވެ. މެލޭޝިޔާއިން 20 މީހުންގެ ޖަމާޢަތެއްގައި އިސްތަންބޫލަށް ދަތުރު ކޮށް، ހިރްކާއި ޝަރީފް ބަލައިލުމުގެ އުފާ ހޯދި ޢުމުރުން 49 އަހަރުގެ ވިޔަފާރިވެރިޔެއް ކަމަށް ވާ ލުޤްމާން ޙަކީމް ގެ ބަހުން ނަމަ، ހިރްކާއި ޝަރީފަށް ޒިޔާރަތް ކުރުމަކީ އިތުރު ނަބިއްޔާއާ ގާތް ވުމަށް ލިބޭ ފުރުޞަތެކެވެ. އިތުރު އެކަލޭގެފާނުގެ ޚާޠިރަށް ޓަކައި ނަފުސު އިޞްލާޙު ކޮށް، އިތުރު އެކަލޭގެފާނު އިންސާނިއްޔަތަށް ގެންނެވި ހެޔޮކަމާއި ލޯތްބާއި އުޚުއްވަތުގެ މެސެޖާއި ތަޢުލީމާތު ފެތުރުމުގައި އަމިއްލަ ފަރުދީ ޒިންމާގެ އިޙުސާސްތައް ނަފުސުގައި ހެއި ލައްވައިލާ ތަޖުރިބާއެކެވެ.

ހިރްކާއި ޝަރީފްގެ ވާހަކަ ފެށެނީ އުވައިސް އަލްޤަރްނީގެ ހިތްޕުޅުގައި އިތުރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މެދުގައި އޮތް ޠާހިރު، ފުން، އަދި ނާދިރު މިސާލެއް ފަދަ ލޯތްބާ ހަމައިންނެވެ. ނަމަވެސް އެ ވާހަކަ މިހާރު ވެފައި ވަނީ ނަބިއްޔާއަށް ލޯބި ކޮށް، އެ ލޯބި ޢަމަލަށް ތަރުޖަމާ ކޮށް، އިތުރު އެކަލޭގެފާނުގެ ޒިކުރާ އައު ކުރުމަށް ޓަކައި އެތައް މިލިއަން މުސްލިމުން ކުރާ ބާއްޖަވެރި އަދި އުފާވެރި ދަތުރެއްގެ ވާހަކައަކަށެވެ. ޝައްކެއް ނެތް ގޮތުގައި، ހިރްކާއި ޝަރީފްގެ މި ރީތި ވާހަކަ އަކީ މި އުއްމަތް އިތުރު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ވާ ޠާހިރު އަދި މަތިވެރި ލޯބީގެ އެންމެ ރީތި އެއް ދާސްތާނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް