އަހަރެމެން އުޅެންވީ ގޮތް އެންމެ ފުރިހަމައަށް ބަޔާންކޮށްދޭ ބަސްފުޅު ... (2)

ނަމާދުގެ ތެރެއިން-- ސަން ފޮޓޯ/ ނާއިލް ހުސައިން

އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ. «لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَكْذِبُهُ، وَلَا يَحْقِرُهُ، التَّقْوَى هَاهُنَا، وَيُشِيرُ إلَى صَدْرِهِ ثَلَاثَ مَرَّاتٍ، بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ وَمَالُهُ وَعِرْضُهُ» (މުސްލިމް) މާނަ: "ތިޔަބައިމީހުން އެކަކު އަނެކަކާ ޙަސަދަވެރިނުވާށެވެ! އަދި ތިޔަބައިމީހުން އެއްޗެތި ގަތުމުގެ ގަސްތަކާނުލައި އޭގެ އަގު ނުއުފުލާށެވެ! އަދި އެކަކު އަނެކަކާ ރުޅިވެރި ނުވާށެވެ! އަދި އެކަކުއަނެކަކަށް ފުރަގަސް ނުދޭށެވެ! އަދި އެއްބަޔަކު އަނެއްބައެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރިނުކުރާށެވެ! އަދި ﷲ ގެ ތިޔަ އަޅުތަކުން އަޚުންތަކެއްކަމުގައި ވާށެވެ! އެއްމުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ. އޭނާގެ އަޚާއަށް އަނިޔާވެރިއެއްނުވާނެއެވެ! އަދި (އޭނާއަށް ނަސްރުވެރިވާން ޖެހޭ ހިނދު، ނަސްރުނުދީ) ނިކަމެތިވާން ދޫކޮށެއްނުލާނެއެވެ. އަދި އޭނާއަށް ދޮގެއް ނުހަދާނެއެވެ. އަދި އޭނާ ދަށްކޮށެއްނުލާނެއެވެ. ތަޤުވާވެރިކަން ވަނީ މިތަނުގައެވެ." މިހެން ހަދީސް ކުރައްވައި އެކަލޭގެފާނުގެ މޭފުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. އަދި އެއަށްފަހުގައި ހަދީސްކުރެއްވިއެވެ. "މީހެއްގެ ނުބައިކަމަށް، އޭނާގެ މުސްލިމް އަޚާ ދެރަކޮށް ދަށްކޮށްލުން ފުދެއެވެ. މުސްލިމެއްގެ ހުރިހައި ކަމެއް ވަނީ އަނެއް މުސްލިމާއަށް ޙަރާމްވެގެންނެވެ. އޭނާގެ ލެޔާއި، މުދަލާއި އަބުރެވެ."

މި ހަދީސްގައިވާ ފުރަތަމަ ތިން ކަންތަކުގެ ތަފުސީލު، މިދިޔަ ހަފުތާގެ މަޒުމޫނުގައި ވާނީ ގެނެސްދީފައެވެ. މި މަޒުމޫނުގައި މި ހިމަނައިލަނީ ބާކީ ހުރި ކަންތައްތަކުގެ ތަފުސީލެވެ.

ހަތަރުވަނަ ކަންތައް: "... ތިޔަބައިމީހުން އެއްބަޔަކު އަނެއްބައެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރިނުކުރާށެވެ!" އެކެއްގެ ވިޔަފާރީގެ މައްޗަށް އަނެކާ ވިޔަފާރި ކުރާ ދެގޮތެއްވެއެވެ.

ފުރަތަމަ ގޮތުގެ މިސާލު: މީހަކު އެއްހާސް ރުފިޔާއަށް އެއްޗެއް ގަނެގެން އައެވެ. އެކަން އިނގުނު އެހެން މީހަކު އޭނާ ގާތުގައި ބުނެއެވެ. ތިޔަ އެތި ގެންގޮސް ވިއްކި މީހާއަށް ދީފައި ފައިސާ ހިފައިގެން އަންނާށެވެ. އަހަރެން ތިޔަށްވުރެ މާރަނގަޅު އެއްޗެއް އަށްސަތޭކަ ރުފިޔާއަށް ވިއްކަފާނަމެވެ. މިހެން ބުނެ އޭނާ ކުރިން ކުރި ވިޔަފާރި ރޫޅައިލައި އޭގެތެރެއަށް ވަދެއެވެ. މިހާލަތުގައި މުދާ ވިއްކި ފަރާތަށް އެ ދެވެނީ ގެއްލުމެކެވެ.

ދެވަނަ ގޮތުގެ މިސާލު: އެއްލައްކަ ރުފިޔާއަށް މުދަލެއް ވިއްކުމަށް ދެމީހެއްގެ ދެމެދުގައި ވާހަކަ ދެކެވި އެއްބަސްވުމަކަށް އައިކަން ތިންވަނަ މީހަކަށް އެނގެއެވެ. އަދި މި ވިޔަފާރި ނުނިންމައި އުޅެނިކޮށް އެއްކަލަ ތިންވަނަ މީހާ، މުދާ ވިއްކާ މީހާގެ ގާތަށް ގޮސް، އަހުރެން ތިޔަ މުދާ އެއްލައްކަ ވިހިހާހަށް ގަނެފާނަމޭ އަހަންނަށް ވިއްކަންވީނޫންހޭ ބުނެ ވާހަކަ ދައްކައިގެން އެ ވިޔަފާރީގެ ތެރެއަށް ވަދެއެވެ. މިހާލަތުގައި މުދާ ގަންނަން ފުރަތަމަ ހުށައެޅި ފަރާތަށް އެ ދެވެނީ ގެއްލުމެކެވެ. ވުމާއެކު މިކަންވެސް އެވަނީ ހަރާމް ކުރައްވާފައެވެ.

ފަސްވަނަ ކަންތައް: "... ﷲ ގެ ތިޔަ އަޅުތަކުން އަޚުންތަކެއްކަމުގައި ވާށެވެ! އެއްމުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ." ހުރިހައި މުސްލިމުންނަކީ އެއްބަނޑު އެއްބަފާ ބައެއްފަދައިން ވުމަށް އެވަނީ އަންގަވާފައެވެ. މިފަދައިން ވެއްޖެނަމަ، ތިމާގެ އަޚާއަށް ނުވަތަ އުޚްތަށް ދަތިވާ ކޮންމެ ކަމެއް އެއީ ތިމާއަށްވެސް ދަތިވާ ކަމެއްފަދައިން ދެކޭނެތެވެ. އެކަމެއްގައި ވެވެން އޮތް އެހީތެރިކަމެއް ވެދޭނެއެވެ. އެކަކު އަނެކަކު ދެކެ ﷲ އަށްޓަކައި ލޯބިވާނެއެވެ. އެކަކު އަނެކަކަށް އެހީތެރިވުމުގައި ނުބައި ނިޔަތެއް ނުބާއްވާނެއެވެ.

ހަވަނަ ކަންތައް: "... އޭނާގެ އަޚާއަށް އަނިޔާވެރިއެއްނުވާނެއެވެ! އަދި (އޭނާއަށް ނަސްރުވެރިވާން ޖެހޭ ހިނދު، ނަސްރުނުދީ) ނިކަމެތިވާން ދޫކޮށެއްނުލާނެއެވެ." އަނިޔާވެރިވުމަކީ ﷲ ތަޢާލާ އެކަލާނގެ އަމިއްލަ ޒާތުފުޅަށް ހަރާމް ކުރައްވާފައިވާ ހަމައެކަނި ކަންތަކެވެ. އަދި އެއީ ޤިޔާމަތާ ޖެހެންދެން އެންމެންގެ މެދުގައިވެސް ހަރާމް ކަމެއްކަމުގައި އަންގަވާފައިވެއެވެ. އަނިޔާވެރި ވުމަކީ ހަމައެކަނި ހަށިގަނޑުގައި ތަޅައި ގެއްލުން ދިނުމެއްނޫނެވެ. ހައްގުނޫން ގޮތެއްގައި، އެއްވެސް މީހަކަށް އުނދަގޫކޮށް ދުއްތުރާ ކުރުމަކީ އަނިޔާވެރި ވުމެވެ. މީހަކަށް ލިބެންޖެހޭ އެއްޗެއް ނުދީ ހިފަހައްޓައިގެން އުޅުމަކީ އަނިޔާވެރި ވުމެވެ. އެންމެންގެ މެދުގައި އަދުލުވެރިކަމާއެކު ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތެއް ދިނުމުގައި މީހުންގެ މެދުގައި "އެކަށީގެންނުވާ" ތަފާތުކުރުންތައް ގެންގުޅުމަކީ އަނިޔާވެރި ވުމެވެ. އަނިޔާވެރި ވުމަކީ ނުރައްކާތެރިކަމެއްކަން ދަންނަންޖެހޭނެއެވެ! އެހެނީ، ނުހައްގުން އަނިޔާ ލިބޭ މީހާގެ ދުޢާ ﷲ އިޖާބަ ކޮށްދެއްވާނެކަމަށް އަންގަވާފައިވެއެވެ.(ބުޚާރީ އާއި މުސްލިމް)

ތިމާގެ މުސްލިމު އަޚާއަށް ނިކަމެތިކަމެއް ކުރިމަތިވާހިނދު، އޭނާ އެކަނި ހާލަށް ދޫކޮށްލައިގެން ނުވާނެކަމަށްވެސް އެވަނީ އަންގަވާފައެވެ. އެހެންވީމައި، މިޒަމާނުގައި މި ފެންނަހެން މަގުމަތީގައި ތިމާގެ އަޚާގެ ގައިގައި ތަޅައި އަނިޔާކުރާއިރު ބަލަން ތިބެގެން ނުވާނެއެވެ. ކޮންމެވެސް ގޮތަކުން އޭނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަންޖެހޭނެއެވެ. ފާޅުވެގެންވާ ގެއްލުމެއްގެ ތެރެއަށް ތިމާގެ އަޚާ ވެއްޓެންދާކަން އެނގޭނަމަ، އޭނާ އެކަމުން ސަލާމަތް ކުރެވޭތޯ އެހީތެރިވެދޭންވާނެއެވެ.

ހަތްވަނަ ކަންތައް: "... އަދި އޭނާއަށް ދޮގެއް ނުހަދާނެއެވެ." ތިމާގެ މުސްލިމު އަޚުންނާއި އުޚްތުންނަށް ދޮގުހަދައި އޮޅުވައިލަނީ ކިތައް މީހުންހެއްޔެވެ؟ އަގަށް މަސައްކަތް ކޮށްދޭން ބުނެ ފައިސާ ނެގުމަށްފަހު ދޮގުހަދައި އޮޅުވައިލައިގެން މަސައްކަތް ނުކޮށް ފިލަނީއެވެ. ނުވަތަ އެކަށީގެންވާ ގޮތަށް މަސައްކަތް ކޮށްނުދެނީއެވެ. ވިއްކާ ތަކެތީގައި ރަނގަޅު ފެންވަރު ހުންނާނެކަމަށް ދައްކައި އިޝްތިހާރުކޮށްގެން، ފެންވަރު ދަށް މުދާތައް ވިއްކަނީއެވެ. މަކަރުވެރި ފޯނު ކޯލުތަކާއި އެހެނިހެން ޒަރިއްޔާތައް މެދުވެރިކޮށް މީހުންގެ ފައިސާ ފޭރެނީއެވެ. ނަޙްލު ސޫރަތުގެ 105 ވަނަ އާޔަތުގައި އަންގަވަފައިވާ ގޮތުގައި، ދޮގު ހަދާ މީހުންނަކީ ﷲ ގެ އާޔަތްތަކަށް އީމާންވާ ބައެއްނޫނެވެ! އަދި ދޮގު ހެދުމަކީ މުނާފިޤުންގެ ސިފައެއްކަމަށް ހަދީސްގައި ވެއެވެ.(ބުޚާރީ އާއި މުސްލިމު)

އަށްވަނަ ކަންތައް: "... އަދި އޭނާ ދަށްކޮށެއްނުލާނެއެވެ. މީހެއްގެ ނުބައިކަމަށް، އޭނާގެ މުސްލިމް އަޚާ ދެރަކޮށް ދަށްކޮށްލުން ފުދެއެވެ." މިކަންވެސް ތަފާތު ގޮތްގޮތަށް މީހުން ކޮށް އުޅެއެވެ. އެހެން މީހުންގެ ކުރިމަތީގައިވިޔަސް ނުވަތަ ތިންވަނަ މީހަކު ނެތް ތަނެއްގައިވިޔަސް، ތިމާގެ މުސްލިމު އަޚާ ދަށްކޮށް ނިކަމެތި ކޮށްލައިގެން ނުވާނެއެވެ. މިއީ އަހަރެމެންގެ ތެރޭގައި އާންމު ކަމެކޭ ބުނެވިދާނެއެވެ. މިކަން އެންމެ ބޮޑަށް ފާހަގަވާ އެއްތަނަކީ މަގުމައްޗެވެ. ހިނގާފައި އަންނަ މީހުން ދާނެ ތަންކޮޅެއް ނުދީ ދުވާރު ބަންދުވާނެހެން ދެތިން މީހުން ވާހަކަ ދައްކަން ތިބެދާނެއެވެ. ވެހިކަލު ދުއްވާފައި ދާއިރު، ފަހަތުން އަންނަ އެއްޗަކަށް ގަވާއިދުން ތަންދެވެން އޮތަސް، އެކަމާ ހަމަ އަޅައިވެސްނުލައި އެ ދުއްވާ ގޮތަކަށް ދުއްވަފާނެއެވެ. އަދި މިހެން ތަންނުދީ ދިއުމުގެ އިތުރުން، ފަހަތުން އަންނަ އެއްޗަށް ކުރިއަރައިގެން "ނުދެވޭނެ ގޮތަށް" އުނދަގޫކުރާ ފަހަރުވެސް އާދެއެވެ. މީގެ އަނެއް މިސާލަކީ؛ ޕާކު ކުރާ ތަނެއްގެ ކަރީގައި ވެހިކަލެއް މަޑުކޮށްގެން އޮށްވައި، އެ ވެހިކަލާ ދިމާލުގައި ޕާކުކޮށްފައިވާ ސައިކަލެއް ނުވަތަ ކާރެއް ނެރެން މީހަކު އުޅެފާނެއެވެ. މިފަދަ ހާލަތުގައި ކަހާތަން ހިރުވައިވެސްނުލައި، ބޮޑައިކަމާއެކު ތަން ނުދީ ތިބޭ މީހުންނާ ދިމާވެފައި އެބަހުއްޓެވެ. މިއީ އަނެކާ ދަށްކޮށް ނިކަމެތިކޮށްލުމުގެ އަމަލުތަކެވެ. މިޒަމާނުގައި މިކިޔާ ގަނާ (ބުލީ) ކުރުމަކީވެސް މިއެވެ. ހަދީސްގައި އެވަނީ މިކަން ނަހީކުރައްވާފައެވެ. އަދި މީހާ އެއީ ނުބައި މީހެއްކަމަށްވުމަށް، އޭނާގެ މުސްލިމް އަޚާ ދެރަކޮށް ދަށްކޮށްލުން ފުދޭކަމަށް އެވަނީ އަންގަވާފައެވެ.

ނުވަވަނަ ކަންތައް: "... މުސްލިމެއްގެ ހުރިހައި ކަމެއް ވަނީ އަނެއް މުސްލިމާއަށް ޙަރާމްވެގެންނެވެ. އޭނާގެ ލެޔާއި، މުދަލާއި އަބުރެވެ." ހައްގަކާނުލައި މީހުންގެ ފުރާނަ ދުއްވައިލުމާއި، ނުހައްގުން މީހުންގެ މުދާ ކެއުމާއި، މީހުންގެ އަބުރަށް އަރައިގަތުމަކީ ހަރާމް ކަންތައްތަކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް