ފުށާއި ހަނޑޫ ބަންދުކުރާ ފެކްޓްރީގެ މަސައްކަތް މިއަހަރު ފަށަނީ

ކުޅުދުއްފުށި ސިޓީގައި ފުށާއި ހަނޑޫ ބަންދުކުރާ ފެކްޓްރީއަޅާ ބިން މިއަދު ވަނީ ހަމަޖައްސާފައި ---

ކުޅުދުއްފުށި ސިޓީގައި ގާއިމްކުރަން ނިންމާފައިވާ ފުށާއި ހަނޑޫ ބަންދުކުރާ ފެކްޓްރީގެ އަމަލީ މަސައްކަތް މިއަހަރު ފެށުމަށް އެސްޓީއޯއިން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިއަދު ވަނީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު މުޙައްމަދު ރަޝާދާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފާއި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުޙައްމަދާއެކު ބައްދަލުވުމެއް ބާއްވާފައެވެ.

މި ބައްދަލުވުމަށްފަހު "ސަން"އާ ވާހަކަދައްކަވަމުން ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ ފުޑް ފެކްޓަރީ އަޅަން ބޭނުންވާ ބިން އެސްޓީއޯއަށް ދިނުމަށް މިއަދު ނިންމާފައިވާ ކަމަށެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެސްޓީއޯއާ އެ ބިން ހަވާލުކުރާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

"މިކަމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށުމަށް މި މަސައްކަތް ކުރަނީ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެގްރީމެންޓް ހަދާފަ އެސްޓީއޯއާ ބިން ހަވާލު ކުރެވޭނެ. ހަވާލުކުރުމާއެކު އެސްޓީއޯއިން މަސައްކަތް ފަށާގޮތަށް އެ އޮތީ ނިންމާފަ،" މޭޔަރު ވިދާޅުވިއެވެ.

ފުޑް ފެކްޓްރީ ގާއިމްކުރަން ބިން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ ޕޯޓް ސަރަހައްދުންނެވެ.

އެ ފެކްޓްރީގެ ސަބަބުން ކުޅުދުއްފުއްޓަށް އިކޮނޮމިކް ޖަންޕެއް ޖެހޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން އެ ސިޓީގައި އިތުރު ވަޒީފާތައް އުފެދި އަލަށް ވިޔަފާރިއަށް ވަންނަން ބޭނުންވާ މީހުންނަށް ވެސް ފުރުސަތުތަކެއް ލިބޭނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެސްޓީއޯއިން މި ފެކްޓްރީ ގާއިމްކުރުމަށް ކުޅުދުއްފުށި ހިޔާރުކުރުމަކީ މި ސިޓީ ވިޔަފާރީގެ ހަބެއްގެ ގޮތުގައި ތަރައްގީވުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު އުންމީދެއް. އެކަމަށްޓަކައި އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ހުސައިން އަމްރުއަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މޭޔަރު ވިދާޅުވިއެވެ.

comment ކޮމެންޓް