އިސްރާއީލުން ފަލަސްތީނުގެ ދެ އަންހެނަކާއި ފިރިހެނަކު ޝަހީދުކޮށްލައިފި

އިސްރާއީލު ސިފައިން އިއްޔެ ބަޑިޖަހައި ޝަހީދުކޮށްލި ފަލަސްތީނުގެ ޒުވާން އަންހެނެއްކަމަށްވާ މަހާ ކާޟިމް ހޮސްޕިޓަލަށް ގެންދަނީ

ޚަލީލު ސިޓީ (11 އެޕްރީލް 2022): ހުޅަނގު އައްސޭރީގައި އެކި ސަރަހައްދުތަކުގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ ދެ އަންހެނަކާއި ފިރިހެނަކު ޝަހީދުކޮށްލައިފިއެވެ.

މީގެ ތެރެއިން އެއް އަންހެނަކީ ޣާދާ އިބްރާހީމް ސުބާތީން ނަމަކަށް ކިޔާ 47 އަހަރުގެ މީހެކެވެ. އޭނާގެ ގަޔަށް ބަޑިޖަހާފައިވަނީ ހުޅަނގު އައްސޭރީގެ ޚަލީލު ސިޓީގައި އިސްރާއީލުން ގާއިމްކޮށްފައިވާ ޗެކްޕޯސްޓެއްގައި އިސްރާއީލު ސިފައިންގެ މީހަކު އޭނާ ހުއްޓުވައިގެން އޭނާއާ ސުވާލުކުރަން ހުއްޓައި އިސްރާއީލު ސިފައިންގެ އެހެން މީހެކެވެ.

ޣާދާ ސުބާތީންއާ ސުވާލުކުރަން ހުރި މީހާ ނޫން އެހެން މީހަކު އޭނާގެ ގަޔަށް ބަޑިޖެހީ އެއްވެސް ސަބަބެއް އޮވެގެން ނޫނީ ސުބާތީންގެ ކިބައިން އެއްވެސް ނުރައްކަލެއް ކުރިމަތިވެގެން ނޫންކަމަށް އިސްރާއީލުންވެސްވަނީ އެއްބަސްވެފައެވެ. ނަމަވެސް މިޖަރީމާ ހިންގި އިސްރާއީލު ސިފައިންގެ މީހާއާމެދު އިސްރާއީލުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ދެވަނައަށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލީ މަހާ ކާޟިމް ނަމަކަށްކިޔާ ފަލަސްތީނުގެ ޒުވާން އަންހެނެކެވެ. އޭނާގެ ގަޔަށް ބަޑިޖެހީ ޚަލީލް ސިޓީގައި އިސްރާއީލު ސިފައިންގެ މީހަކަށް ވަޅިން ހަމަލާދޭން އުޅުނުކަމަށް ތުހުމަތުކޮށެވެ.

އިސްރާއީލު ސިފައިން ފަލަސްތީނުގެ މީހަކަށް އަނިޔާކުރަނީ

ތިންވަނައަށް ޝަހީދުކޮށްލީ ޒުވާން ފިރިހެނެކެވެ. އެއީ އުމުރުން 21 އަހަރުގެ މުޙައްމަދު ޢަލީ ޣުނައިމްއެވެ. އޭނާގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖަހައި ޝަހީދުކޮށްލީ ޖެނީން ރެފިއުޖީ އަވަށުގައި ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލު ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައެވެ.

ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން އިއްޔެ އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ މިތިން މީހުންގެ ހަށިގަނޑުގެ އެތައް ތަނަކަށް އިސްރާއީލު ސިފައިންވަނީ ބަޑިޖަހާފައެވެ. މިތިން މީހުންގެ ޖަނާޒާ މިއަދުވަނީ ބާއްވާފައެވެ. މީގެ ދެ ދުވަސްކުރިންވެސް އިސްރާއީލު ސިފައިން ވަނީ ޖެނީން ރެފިއުޖީ އަވަށަށް އަރައި ފަލަސްތީނުގެ ޒުވާނެއްގެ މެޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ފަލަސްތީނުން ބުނެއެވެ. އިސްރާއީލު ސިފައިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި އިއްޔެވެސް ފަލަސްތީނުގެ 25 މީހުން ހައްޔަރުކޮށް އެތައް ބަޔަކަށް އަނިޔާކޮށްފައިވެއެވެ. އަދި ބައެއް ގެތަކަށް ވަދެ އެގެތަކަށް ގެއްލުންތައްދީ އާންމުންނަށް ބިރު ދައްކާފައިވެއެވެ.

އަނެއްކޮޅުން އިސްރާއީލުގެ ރަށެއް ކަމަށްވާ އަސްގަލާންގައި އިސްރާއީލު ސިފައިންގެ އޮފިސަރަކު ވަނީ ފަލަސްތީނު މީހެއްކަމަށް ހީކޮށް އިސްރާއީލުގެ ޔަހޫދީއެއްގެ ބޮލަށް ބަޑިޖަހައި އޭނާ މަރާލާފައެވެ. މި މަރާމެދު އިސްރާއީލުގެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް