ނުހިނގުނަސް، ހުސެއިންކޮއެ ދެއްކި ގަދަ ހިތްވަރުން އުފާވެރި ދިރިއުޅުމެއް!

[ށ، ފުނަދޫން] ރާއިދު ސްޓޯރަށް އަހަރެމެން ގޮސް ވަންއިރު، ކައުންޓަރުގައި އިނީ ދެ ބައި އުމުރުގެ ފިރިހެނެކެވެ. އެއީ މި ރަށު ކުރެދިވަރު، ހުސެއިން މަހުމޫދެވެ. އާންމު ނަމުންނަމަ މި ރަށު ހުސެއިންކޮއެވެ. ހުސެއިންކޮއެ ގާތުގައި މެދު އުމުރުގެ އަންހެނަކު އޭނާއަށް އަތް ގާތް ކޮށްދޭން އުޅުނެވެ.

އަހަރެމެން އެ ގެއަށް އައި ސަބަބު ބުނުމުން، އިށީނދެގެން އިން ގޮނޑި ދުއްވައިލައިފައި ފިހާރަ ބިއްދޮށުގައި ހުރި ދޮރުން ނިކުމެ، ފުރޮޅުލީ ގޮނޑިއަށް ހުސެއިންކޮއެ ބަދަލުވީ އަހަރެމެން ކަޅިޖަހާ ނުލައި ތިއްބައެވެ.

"އަމީނާއޭ ދެން މިއަދަކު މި ކުދިންނަށް ވާހަކަ ކިޔައިދީ ހުސްނުވާނެޔެއްނޫންހޭ،" ބުނެ، ފުރޮޅުލީގޮނޑި ދުއްވައިލައިފައިވާ ގޯތިތެރެއަށް ނުކުތްއިރު ވެސް އަމީނާ ހުރީ ގާތުގައެވެ. ހިނިތުންވަމުން، ލޯބިވާ ފިރިމީހާގެ ޚިދުމަތުގައެވެ.

ތަންމަތީގައި އެތައް އަހަރެއް، އުންމީދު ގެއްލުވައެއް ނުލާ

އުމުރުން 31 އަހަރުގައި ދޯންޏެއް އެހެލުމުގެ ތެރޭގައި ކުރިމަތިވި ހާދިސާއެއްގެ ސަބަބުން ހުސެއިންކޮޔަކީ ހިނގާ ބިނގާވެ އުޅުމުން މަހުރޫމް ވެފައިވާ މީހެކެވެ. ޑޮކްޓަރުން އުންމީދު ކަނޑައިލައި، އުމުރު ދުވަހު "ނުކުޅެދޭ މީހެއް"ގެ ގޮތުގައި އުޅެން ޖެހުނު ނަމަވެސް ހުސެއިންކޮއެ ދިރިއުޅުމުގައި އުންމީދު ކަނޑައެއް ނުލައެވެ. އުމުރުން 66 އަހަރުގައި މިހާރު އުޅެމުން އަންނަނީ އަހަރެމެންފަދަ "ނޯމަލް" ދިރިއުޅުމެކެވެ. އުފާވެރި ދިރިއުޅުމެކެވެ. އާންމު މީހަކަށް ވުރެ ވެސް އުފާވެރި ދިރިއުޅުމެކޭ ބުނެވިދާނެއެވެ.

"އޭރު ދޯނި އެހެލުމުގެ ކަންކަން މުޅިން ވެސް ކުރިއަށް ދާނީ އަންހެނުންގެ ބެލުމުގެ ދަށުން. އަންހެންވެރިން ދޯނިދޮށުގައި ވާ ޖަހައިފައި ބައިތިއްބައިފައި ދޯނި ބާލަން އުޅުނީ،" އެ ދުވަހުގެ ވާހަކަ ހުސެއިންކޮއެ ފެށީ، ހިސާބުންނެވެ.

އެކުވެރިއެއްގެ އޮޑިއެއް އެހެލާތަނަަށް ހުސެއިންކޮއެ ވެސް ގޮނޑުދޮށަށް ދިޔައީ ކުރިމަތިވާން އުޅެނީ ކިހާ ބޮޑު ހާދިސާއެއްކަން އަންދާޒާކޮށްލަން ވެސް ނޭނގޭ ހާލުގައެވެ.

"ގުންޑޮޅިމައްޗަށް ދޯނި އައިއިރު ވެސް މަ ހުންނާނީ އެތާ ބަލަން, އަންހެންވެރިންނާ އެއްކޮށް އެތާ އެއްކޮޅުގައި، ދެން ގުންޑޮޅިމައްޗަށް އައި ބޮނޑީގައި ކަހައިލައިގެން [ދޯނި] ވެއްޓުނީ އަހަރެން ގައިމައްޗަށް،" ހުސެއިންކޮއެގެ ދިރިއުޅުން ބަދަލުކޮށްލި ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދެމުން ބުންޏެވެ.

ހުސެއިންކޮއެ "ސަން"އަށް އިންޓަވިއު ދެނީ-- ސަންފޮޓޯ/ އަލީ ޝާމިން

ދޯނި ވެއްޓުނު ހާދިސާގައި ހުސެއިންކޮއެގެ ފައި އެތައް ތަނަކުން ބިންދައިގެން ދިޔައެވެ. މޭކަށިގަނޑުން ބައެއް ބިންދައިގެން ގޮސް ބުރަކަށިން ނިކުތެވެ. ދޯނީގެ ކަބީލާތައް ބުރަކަށްޓަށް ހެރި، ބުރަކަށި ވެސް ވީދައިގެން ދިޔައެވެ.

ޒަމާނަކީ ހޮސްޕިޓަލުތަކާއި ޑޮކްޓަރުންގެ ޒަމާން ނޫން ކަމުން ފަރުވާ ދޭން ގެނައީ ބޭސްވެރިކަން ކުރަން މި ރަށުގައި އޭރު އުޅުނު މީހެކެވެ. އެހެންނަމަވެސް ހުސެއިންކޮއެގެ ހާލަތު އޮތް ގޮތުން އޭނާއަށް ވެސް މާބޮޑު ފަރުވާއަށް ދޭކަށް ނުކެރުނެވެ. ނުވެސް ދެވުނެވެ.

"ދެތިން ދުވަސްވީއިރު ވެސް އެ މީހުންނަކަށް ނޭނގުނު ވާނުވާއެއް، ނޭނގި އެންމެ ފަހުން ބޭސް އެޅީ. ބޭސް އެޅީމާ ވީ ގޮތަކީ މުޅި މީހާ ހަލާކުވީ، ބަލިން ރޯފިލީ ހަމަ، މީހާ ހަލާކުވެގެން ބުރަކަށި ގިރިގެން ދިޔައީ،" ހަސަންކޮއެ ކިޔައިދިނެވެ.

ރަށުން އެޅި ބޭހެއްގެ ސަބަބުން ހުސެއިންކޮއެގެ ބަލި ހާލަތު އިތުރަށް ގޯސްވިއެވެ. ތިން މަސް ވަންދެން އެނދުމަތިވެފައި އޮތީ ކައިރީގައި ބަޔަކު އުޅޭ ކަން ނޫޅޭ ކަން ވެސް ނޭނގޭ ހާލުގައެވެ. މީހާ އަމިއްލައަށް ފުރޮޅި ވެސް ނުލެވެއެވެ. ބަލި ބޮޑުވެފައިވަނިކޮށް، ބޭސް އަޅަން އައި މީހާ ވެސް ފުރައިގެން ދިއުމުން ދެން ހުސެއިންކޮއެ ގެންދިޔައީ އިތުރު ފަރުވާއަށް މާލެއެވެ. އެހެންނަމަވެސް މާލޭގެ ހޮސްޕިޓަލުން ވެސް ލިބުނީ ނާއުންމީދީ ޖަވާބުތަކެކެވެ.

"މާލޭ ހޮސްޕިޓަލުގައި ބާއްވައިފައިވާ ޑޮކްޓަރުން އެތާ ބާއްވައިފައި ވިދާޅުވެއްޖެ، ކަލޭ އުމުރަށް ވެސް ޖެހޭނީ އޮށޯވެ އޮންނާށޭ، އެއްވެސް ގޮތަކަށް ނުތެދުވޭނޭ، ކުޑަކަމަކު ވެސް ނުދެވޭނޭ ބޮޑު ކަމަކު ވެސް ނުދެވޭނޭ، ހަމަ އޮށޯވެ ބާއްވައިގެން ހޮޅި ޖަހައިގެންނޭ ހުރި ކަމެއް ވެސް ކުރަން ޖެހޭނީ، ދެން އަޅުގަނޑު ނުބުނަން ވަކި އެއްޗެއް އެޔަކަށްށެއް، ދެން ނޭނގޭނެތާ،" ހުސެއިންކޮއެ ބުންޏެވެ.

އެހެންނަމަވެސް ޑޮކްޓަރުން ދިން ޖަވާބުން ވެސް ގަދަވާނެ ކަމަށް ކުރި އުންމީދު ހުސެއިންކޮއެ ކަނޑާނުލައެވެ. އެހެންނަމަވެސް އޭނާއަށް ކުރިމަތިވީ އިމްތިހާނަކަށް ފަހު އިމްތިހާނެކެވެ.

އަޅާލުން ބޭނުންވި ދުވަހު އަނބިމީހާގެ ފުށުން ލިބުނީ އަނިޔާ

މާލޭ ހޮސްޕިޓަލުގައި ދޮޅުމަސް ދުވަސް ހޭދަކުރުމަށް ފަހު ހުސެއިންކޮއެ ރަށަށް އައުމުން ލިބުނީ އިތުރު ހިތާމައެކެވެ. އަޅާލުމާއި ލޯބި އެންމެ ބޭނުންވީ ދުވަހު އަނބިމީހާ ބޭނުންވީ އޭނާ ދޫކޮށް ދާށެވެ. ތުއްތު ފަސް ދަރީން ވެސް ދޫކޮށްލައިފައެވެ.

"ދެން މަ ބުނެފިން ކަލޭގެ މުދަލޭ މިއީ، އޭރު ދެ މަސްދޯނި އޮވޭ ހަމަ މަހަށް ދޭ ގަވައިދުން، އެހެންވީމާ ކަލޭ އެއްޗެހި ބަލަހައްޓާށޭ، އަހަންނަކީ މިހާރު ދެން ދުނިޔޭގައި ހުރި މީހެއް ނޫނޭ، އެހެންނަމަވެސް މީނާ ހެދީ އެގޮތަކަށެއް ނޫން،" ހުސެއިންކޮއެ ކިޔައިދިނެވެ.

އަނބިމީހާގެ އަޅާލުމާއި ލޯބި އެންމެ ބޭނުންވީ ދުވަހު ހުސެއިންކޮއަށް ދެން ކުރިމަތިވީ އިންތިހާ އަނިޔާއެވެ. އެ ހާލުގައި ވަނިކޮށް ކާން ދިނުން ހުއްޓާލީއެވެ.

"ކާންބޯކަށް ނުދިން އެއްގޮތަކަށް ވެސް، ދެން ކީއް ކުރާނީ، މަށަކަށް ގުޑުވައެއް ނުލެވޭ އެއްވެސް ގޮތަކަށް، ކުޑަކުޑަ ހަތަރު ފަސްކުދިން ތިބީ، ދެން ކިހިނެއް އުޅޭނީ،"

ހުސެއިންކޮއެ -- ސަންފޮޓޯ/ އަލީ ޝާމިން

ކާން ބޯން ނުދޭ ހާލު، ގޭ އެންމެން ނިދުމުން ދެން ކުރަން ފެށީ އަނިޔާއެވެ. އެ ވާހަކަތަކަކީ ހުސެއިންކޮއަށް ކިޔައިދޭން ފަސޭހަ ވާހަކަތަކެއް ނޫން ނަމަވެސް، އެއީ އޭނާގެ ހަނދާނުން ފޮހެލެވޭނެ ކަންތައްތަކެއް ވެސް ނޫނެވެ.

"ރޭގަނޑު އެންމެން ނިދީމަ ބޮޑު ލަޓިގަނޑެއް ހިފައިގެން، އަނިޔާކުރަނީ، ކޮންމެ ރެއަކު ރޭގަނޑު، މިކަން އެނގޭނެ މީހަކު، ހެއްކެއް ނުހުންނާނެތާ ރޭގަނޑަކު، ދެން އަޅުގަނޑުގެ ކުދިން ތިބީ،"

ހުސެއިންކޮއެ ކިޔައިދިން ގޮތުގައި އޭރު އެންމެ ބޮޑަށް ހުރި ކުއްޖާ ކޮންމެ ރެއަކު ވެސް އައި "ބައްޕަ ގައިގައި ނުތަޅާށޭ ކިޔައި" އެކަން ހުއްޓުވަން މަސައްކަތްކުރެއެވެ. އެއިރު އެ ކުއްޖާގެ އުމުރުން ވާނީ ފަސް އަހަރު ކަމަށް ހުސެއިންކޮއެ ބުންޏެވެ. އެހެންނަމަވެސް ކުރަމުން ދިޔައީ އެ ތުއްތު ކުއްޖާއަށް ވެސް ހުއްޓޭފަދަ އަނިޔާތަކެއް ނޫނެވެ.

"ދެން އަހަރެން ބުނެފިން އަހަރެންގެ މިލްކެއްގައި ނުގެންގުޅެވޭނޭ އަަހަންނަށް އަނިޔާ ކުރާ މީހެއް، އަހަރެން ވެސް ދުނިޔޭގައި ހުންނަން ބޭނުންވާނޭ، ތުއްތު ތުއްތު ކުދިންނަށް ޓަކައި ވިޔަސް، އަދި ކޮންމެފަދަ ހާލެއްގައި ވެސް، ބުނީމާ ބުނީ އަހަރެން ބޭނުމެއް ނޫނޭ ކަލޭ ބަލާކަށް ވެސް ނުވެސް ބަލާނަމޭ،"

މިފަދަ ހާލެއްގައިވަނިކޮށް ހުސެއިންކޮއެއްގެ ފުރަތަމަ ކައިވެންޏަށް ނިމުން އައީއެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކުރިމަތިވީ އަނިޔާއެވެ.

"ދެން އޭނާ ބަލައި އައީ އޭނާ އާއިލާގެ މީހުން، ބަލާ އައީމަ ވެސް ހެދި ގޮތަކީ އަހަރެން އަށީގައި އިންދާ އަށީން ދަމާ ވައްޓާލައި ބަހައްޓާ އަހަރެން ގައި މައްޗަށް އަރައިފައި ހިނގައިފައި ދިޔައީ. އެ ވާހަކަ ދައްކާކަށް އަހަންނަކަށް އެހާ ފަސޭހައެއް ނޫން އެކަމަކު،" ހުސެއިންކޮއެ ކިޔައިދިނެވެ.

އިންޓަވިއު ކުރިއަށް ދިޔައިރު ވެސް އެންމެ ފާހަގަވީ ކަމަކީ އެ ހުރިހާއިރު ގާތުގައި ހުރި ހުސެއިންކޮއެގެ މިހާރުގެ އަނބިމީހާ އަމީނާއެވެ. ފިރިމީހާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން މަޑުކޮށްގެން ހުރިއިރު، ދެމަފިރިންގެ މެދުގައި އޮތް ލޯބި ހާމަވެއެވެ.

ހުސެއިންކޮއެ އަދި އަނބިމީހާ އަމީނާ-- ސަންފޮޓޯ/ އަލީ ޝާމިން

ދަރީންނަށް ޓަކައި އެކަނިމާއެކަނި ނެރުނީ ނެތް ހިތްވަރު!

ހިތްދަތި އެތައް ކަމަކާއެކު ވެސް ގަދަވާނެ ކަމަަށް ހުސެއިންކޮއެ ކުރަމުން އައި އުންމީދު ގެއްލުވާނުލައެވެ. އެނދުން ތެދުވެ، އަމިއްލައަށް ކަންކަން ކުރެވޭނެފަދަ ހާލަތަކަށް ވުމަށް އެދި ދިޔައީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ބޭސްކުރަން ދެން ދިޔައީ ނަރުދޫއަށެވެ. އެ ރަށު އަލިފުޅުބެ ގާތަށެވެ.

"ނަރުދޫގައި ތިން މަސް ދުވަހު ހޭދަކުރުމަށްފަހު އައި ފަހުން އަމިއްލައަށް ތެދުވެވުނީ، އެ ދުވަހުގެ ފަހަކުން އިރާދަކުރެއްވިއްޔާ މީހަކާ ނުއެއް ޖައްސަން އެއް ކަމެއްގައި ވެސް، ކުދިންތައް ގޮވައިގެން އައި ބަދިގެއަށް ވަދެ، އެ ކުދިންނަށް ކަންކަން ކޮށްދީ،" ހުސެއިންކޮއެ ކިޔައިދިނެވެ.

އެހެންނަމަވެސް ހުސެއިންކޮއެ އުޅެމުން ދިޔައީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. ނުކުޅެދޭ ހާލު، ފަސް ކުދިން ގޮވައިގެން އުޅެމުން ދިޔައީ އެކަނި މާއެކަނިއެވެ. ކަށިން ހިތްވަރުނެރެ އޭނާ ދެއްކީ ނެތް ހިތްވަރެވެ.

"ނަރުދޫން އައި ފަހުން އަހަންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ވެސް ކުރަމުން އައީ. ވަޑާން ކުރުމަކަސް ހުރިހާ ކަމެއް ވެސް ކުރަމުން ގެންދިޔައީ، ތަންތާ ޖެހިލައިގެން ހުރެ، މިހާރުވެސް ހަމަ ތަންތާ ލެގިލައިގެން ހުރެވޭ، އެއިރު ދެން ރޮންދާއިން ވަޑާންކޮށް، ގެދޮރުގެ މަސައްކަތްތައް ކުރަމުން ގެންދިޔައީ،"

ހުސެއިންކޮއެގެ އެކަނިވެރި ހަޔާތް ފަޅުފިލުވައިލަދިނީ އަމީނާ!

ހުސެއިންކޮއެގެ ދިރިއުޅުން ބަދަލުވީ މިހާރުގެ އަނބިމީހާ އަމީނާއާ ދިމާވި ފަހުންނެވެ. ހުވަފަތް ވެފައި އިން އަމީނާ މި ރަށަށް އައީ ކޯހެއް ފުރިހަމަ ކުރުމަށެވެ. އެ އައިސް އުޅުމުގެ ތެރޭގައި، ހުސެއިންކޮއެގެ ތުއްތު ކުދިންތައް އުޅުނު ހާލު ފެނިފައި، ފަސް ކުދިންގެ މަންމަގެ ހިތަށް ކެތް ނުވީއެވެ. އަމިއްލަ ބަނޑުން ވިހެއި ކުދިން ނޫން ކަމުގައި ވިޔަސް އެ ކުދިންނަށް އެހީވާން ބޭނުންވީއެވެ.

"ދެން ކޮންމެ ދުވަހަކު އައިސް މިހެން ސައި ހަދައިދީފައި، މެންދުރު ކާން އެއްޗެއް ހަދައިދީ ނިންމައިފައި، ކުދިންތައް ފެންވަރުވައިފައި މި ހުރިހާ ކަމެއް ކޮށްދީފައި އޭނާ ދަނީ،" ހުސެއިންކޮއެ ބުންޏެވެ.

އެހެންނަމަވެސް އަމީނާ އައި ކޯސް ފުރިހަމަ ކުރުމަށް ފަހު އޭނާ ރަށުން ފުރައިގެން ދާން ޖެހުނީއެވެ. މައެއްގެ ލޯތްބަށް ފެންބޮވައިގެންފައި ތިބި ތުއްތު ކުދިންނަށް އެ ކަމެއް ކެތެއް ނުވިއެވެ. އެހެންނަމަވެސް އާއިލާގެ މީހުން ބާރު އަޅާތީ އަމީނާ ޖެހުނީ އެނބުރި ރަށަށް ދާށެވެ. ރަށަށް ފުރީ އަނބުރާ އަންނާނެ ކަމަށް ވައުދު ވަމުންނެވެ. އަނބުރާ ހުސެއިންކޮއެ ގާތަށް އައި ފަހުން މިއަދާ ހަމައަށް ވެސް އަމީނާ ހުރީ ހުސެއިންކޮއެ ލޮލަށް ފެންނަ ހިސާބުގައެވެ.

"މިހާރު ވެސް އޭނާ ނުދާނެ މަ ނުފެންނަ ހިސާބަކަށް، މަގޭ އަޑު ނީވޭ ހިސާބަކަށް ދުރަކަށް ނުދާނެ އަދި އަދަށް ވެސް، މިހާރު ތިރީސް އަހަރުވީ ދެ މީހުން އެކުގައި."

ހުސެއިންކޮއެ އަދި އަމީނާ ފިހާރައިގައި-- ސަންފޮޓޯ/ އަލީ ޝާމިން

އެ ދުވަހުން ފެށިގެން އަމީނާ ހުރީ ހުސެއިންކޮއަށް ހޭހަން ކޮށްދިނުމުގައެވެ. ކުރާ ކޮންމެ ކަމެއްގައި ވެސް ހުސެއިންކޮއެގެ އެންމެ ގާތުގައެވެ. ބޭނުންވާ ކޮންމެ ކަމެއް ކަމެއް ފުރިހަމަ ކޮށްދިނުމުގައި ސާބިތުވެއެވެ.

"އައިސް މަ ނެގީއޭ އޭނާ، މުޅި މީހާ ބަދަލުކޮށްލީއޭ އޭނާ، މަ ކުރާ ކޮންމެ ކަމެއްގައި އޭނާ ހުރީ އެއްކޮޅުގައި ހިފައިގެން، އެހީތެރިވެގެން އޭނާ ދާނެ ކުރިއަށް،"

"އޭނާ ކައިރީގައި މަ ބުނީން އޭނާ އައިރުގައި އަހަރެން މިއީ ބަލި މީހެކޭ، އަހަރެންނަކަށް އެއްވެސް ކަމެއް ނުކުރެވެޔޭ، ބުނީމާ އޭނާ ބުނީ ދަތި ހާލުގައި ވެސް އުޅެން އެނގޭނޭ ބުނީ،"

ހުސެއިންކޮއެގެ ދަރީންނަކީ އަމިއްލަ ދަރީން ފަދައިން ބަލަމުން އަމިއްލަ ދަރީން ވެސް ބެލީ ތަފާތު ކުރުމެއް ނެތިއެވެ. ދެމަފިރީންގެ ކައިވެންޏަށް 30 އަހަރުވެފައިވާއިރު، ދެ މީހުންނަށް ވަނީ ދަރިއެއް ވެސް ލިބިފައެވެ.

މަސްވެރިއަކުން ވިޔަފާރިވެރިއަކަށް!

ހިނގާ ބިނގާވެ އުޅުމުން ނުކުޅެދިފައިވާ ހާލުގައި ވެސް ކަމެއް ނުކޮށް ގޭގައި އޮތުމަކީ ހުސެއިންކޮއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ކާންބޯން ކުރާނެ މަސައްކަތެއް ދިޔައީ ވިސްނަމުންނެވެ. މިގޮތުން ދަރީންނާއެކު އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ގޭ ގޯތި ތެރޭގައި މިރުސް ގަސް އިންދުމެވެ. އެ ކަމުން ވެސް އެދެވޭ މަންފާއެއް ނުލިބި ދެން ދާން ފެށީ މަހަށެވެ. މީހެއްގެ ދޯންޏެއްގައެވެ. އެހެންނަމަވެސް އެކަނި މަހަށް ދާތީ ހިތްހަމަނުޖެހި، މަހަށް ދިޔަ ދޯނި ވެސް އަތުލީއެވެ.

ހުސެއިންކޮއެ ދެން އަމާޒު ހިފީ އަމިއްލަ ދޯންޏެއް ހޯދުމަށެވެ. މީހަކު ދިން ހަލާކުވެފައިވާ ދޯނިގަނޑެއް އަމިއްލައަށް ހެދިއެވެ. ދޯނި ބޭނުން ކުރެވޭ ވަރު އަމިއްލައަށް ކުރެވުނުނަމަވެސް އިންޖީނެއް ގަތުމުގެ މާލީ ތަނަވަސް ކަމެއް ނެތެވެ. އެ ކަން އަތޮޅު އޮފީހުގައި ދަންނަވައިގެން، އިންޖީނެއް ލިބުނީ އެމްޓީސީސީގެ އެހީތެރިކަމާއެކުގައެވެ.

"އެމްޓީސީސީން އިންޖީނު ގެނައިރު އޭތި ހަމަ އޮތީ ކަނޑާ ވެސް ނުލައި، ދެން އޭތި ދުއްވަމުން ގޮސް އެހެން އިންޖީނެއް ހޯދީ، އެ އިންޖީނު ވެސް ރޫޅާ ހަދަނީ މަ އަމިއްލައަށް، ހުރިހާ އެއްޗެއް ވެސް ހުރިހާ މަސައްކަތެއް ކުރަނީ މަ އަމިއްލައަށް، ދެން އެ ދޯނި ދުއްވަމުން ގޮސް ފިހާރަ ހުޅުވީ،" ހުސެއިންކޮއެ ކިޔައިދިނެވެ.

މިހާރު ހުސެއިންކޮއެ މަހަށް ނުދިޔަ ނަމަވެސް މަހަށް ދިޔަ ދުވަސްވަރު ވެސް އެންމެ ގާތުގައިވީ އަނބިމީހާއެވެ. ކޮންމެ ދުވަހަކު ދޯނި ދޮށަށް ހުސެއިންކޮއެ ލައިދެނީ އަމީނާއެވެ. މަހުން ލަފާތަނަށް ދެއެވެ. ކޮންމެ ދުވަހަކު ބާނާހާ މަސް، ކައްކައި، ހިއްކައި، ރިހާކުރަށް ހަދަނީ ހުސެއިންކޮއެގެ ލޯބިވާ އަމީނާއެވެ.

ހުސެއިންކޮއެ އަދި އަނބިމީހާ -- ސަންފޮޓޯ/ އަލީ ޝާމިން

"ދެން މީނަ [އަމީނާ] ވަރަށް ރަނގަޅުވާނެ، މަސް ބާނަން ދާއިރު ވެސް ވިހި ފަންސަވީސް ކަންނެލި ގެނަޔަސް، ކައްކާނެ،"

ދިވެހި ބޭސްވެރިކަމުގައި ވެސް ކާމިޔާބު

މަސްވެރިކަން ކުރުމުގެ އިތުރުން ހުސެއިންކޮއަކީ ދިވެހި ބޭސްވެރިއެއް ވެސްމެއެވެ. ކުޑައިރު ބައްޕަގެ ގާތުން ދަސްވި ބައެއް ކަންކަމުގެ އިތުރުން، އިތުރަށް އެ އިލްމު ހުސެއިންކޮއެ އުނގެނުނީ އޭނާއަށް ބޭސްކޮށްދިން ނަރުދޫ އަލިފުޅުބޭގެ ގާތުންނެވެ. އަދި އިތުރު ބައެއް ކަންކަން ދަސްކުރުމަށް ޓަކައި އެއިރު މާލޭގެ ސެންޓްރަލް ހޮސްޕިޓަލުގައި ވެސް ވަނީ ދުވަސްކޮޅަކު އުޅެފައެވެ.

"ދެން އެތާނގައި އުޅެފައި އައި ފަހުން ރަށުގައި ބޭސްކުރަނީ، ބޭސްކުރަން ފެށި ފަހުން ވެސް އިތުރު މަސައްކަތް ކުރިން،" ހުސެއިންކޮއެ ކިޔައިދިނެވެ.

މަހަށް ދިއުން ހުއްޓާލުމަށްފަހު ހުސެއިންކޮއެގެ ހުރިހާ ވަގުތެއް މިހާރު ހޭދަކުރަމުން އަންނަނީ ގޭ ފިހާރައާއި ބޭސްވެރިކަން ކުރުމުގައެވެ. މެންދުރު ކުރީގެ ހުރިހާ ވަގުތެއް ފިހާރައިގައި އިނުމަށް ފަހު، ބޭސް އަޅަން ފަށަނީ މެންދުރު ފަހުގައެވެ. މިއަދު ހުސެއިންކޮއަކީ ކާމިޔާބު ބޭސްވެރިއެކޭ ވެސް ބުނެވިދާނެއެވެ. ޑޮކްޓަރުން ހިނގޭނެ ކަމުގެ އުންމީދު ކަނޑައިލައިފައި ތިބި ކިތަންމެ ބަޔަކަށް ހުސެއިންކޮއެ ވަނީ ބޭސްކޮށްދީ، ރަނގަޅުކޮށްދީފައެވެ.

"އެންމެ ފަހުން އިއްޔެގަ މި ދޫކޮށްލީ ތަންމަތީ ގުޑުވާނުލެވި އަހަރު ދުވަސްވެފައި އިން މީހެއް، ހިނގާފައި ދިޔައީ، އަންހެނެއް. ގުޑުވާވެސް ނުލެވި އޮތީ ގެނައިރު،" ބޭސްވެރިކަމުގެ ބައެއް ކާމިޔާބީތައް ހިއްސާކުރަމުން ހުސެއިންކޮއެ ކިޔައިދިނެވެ.

ދުނިޔެ ދެއްކި އެތައް ކުލަޔަކާއެކު ވެސް މިއަދު ހުސެއިންކޮއަކީ އުފާވެރި ދިރިއުޅުމެއް އަންނަ މީހެކެވެ. ކަނިވަމުން ނިވެމުން ދިޔަ އުންމީދުގެ ހުޅުކޮޅު ދިއްލީ، ދަރިންނަށް ޓަކައި ނެރުނު ހިތްވަރުންނެވެ. ނުކުޅެދުނަސް ބަލި އެނދުގައި އުމުރު ދުވަހު އޮންނަން ދެކޮޅު ހެދި "ވަރަށް ގަދަ" މީހެކެވެ.

އެންމެ ބޭނުންޖެހުނު ދުވަހު އަތުގައި ހިފި، އަމީނާ މިއަދު ވެސް ހުރީ ކުރާ ކޮންމެ ކަމެއްގައި ވެސް ހުސެއިންކޮއަށް އެހީވެދިނުމުގައެވެ. އެއީ ހުސެއިންކޮއެގެ އުފާވެރި ހަޔާތުގެ ކާމިޔާބީގެ ބައިވެރިޔާއެވެ.

comment ކޮމެންޓް